06 Mar 2014, 11:43
މި އަހަރުގެ ފުރަތަމަ މަހު ރާއްޖެ އަށް ޓޫރިސްޓުން ޒިޔާރަތް ކުރި އަދަދު މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 18.5 ޕަސެންޓް އިތުރުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖެނުއަރީ މަހު ރާއްޖެ އަށް 1،05،296 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެ އައިސްފައި ވަނީ 88،869 ޓޫރިސްޓުން އެވެ. އެހެންކަމުން އެއީ 18.5 ޕަސެންޓް އިތުރު އަދަދެކެވެ.
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖެނުއަރީ މަހު އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާއިންނެވެ. އެ ގައުމުން 30،612 ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 59 ޕަސެންޓް އިތުރުއަދަދެކެވެ.
ހިސާބުތައް ދައްކާ ގޮތުން ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ރަޝިޔާއިންނެވެ. އެ ގައުމުން 9،289 ޓޫރިސްޓުން އައިސްފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. އަދި ތިން ވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވާ އިނގިރޭސި ވިލާތުންނެވެ. އެގައުމުން ވަނީ 6،710 ޓޫރިސްޓުން ރާއްޖެ އައިސްފަ އެވެ.
ސަރަހައްދުތަކަށް ބަލާ އިރު މިދިޔަ ޖެނުއަރީ މަހު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓް އިން އައިސްފައި ވަނީ ޔޫރަޕް ސަރަހައްދުންނެވެ. އެގޮތުން އެސަރަހައްދުން 52،295 ޓޫރިސްޓުން އައެވެ. އަދި އޭޝިއާ ސަރަހައްދުން 45،725 ޓޫރިސްޓުން ރާއްޖެ އަށް އައިސްފައިވާ އިރު އެމެރިކާ ބައްރުން 3،903 ޓުރިސްޓުން ރާއްޖެ އައިސްފައި ވެއެވެ.
ރާއްޖެއިން މިދިޔަ އަަރު ވަނީ އެއް މިލިއަން ޓޫރިސްޓުން ގެނައުމުގެ އަމާޒަށް ވާސިލް ވެފައެވެ.