ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް އަތޮޅު ކައުންސިލްތަކުން އިންތިހާބު ކުރަން ޖެހޭ މެންބަރުންގެ ތެރެއިން މަގާމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުލުން މިއަދު ނަގައިފި އެވެ.

އަތޮޅު ކައުންސިލްތަކުން އެލްޖީއޭގެ ބޯޑަށް މެންބަރުން އިންތިހާބު ކުރަނީ ހަތަރު ދާއިރާއަކަށް ބަހާލުމަށް ފަހު އެވެ.

ދާއިރާތައް ބަހާލާފައިވާ ގޮތަކީ ހއ. އާއި ހދ. އާއި ށ. އަތޮޅު ހިމެނޭ ގޮތަށް ދާއިރާ އެކަކާއި ނ. އާއި ރ. އާއި ބ. އާއި ޅ. އަތޮޅު ހިމެނޭ ގޮތަށް ދާއިރާ ދެ އަކާއި ކ. އާއި އއ. އާއި އދ. އާއި ވ. އާއި މ. އާއި ފ. އާއި ދ. އާއި ތ. އަތޮޅު ހިމެނޭ ގޮތަށް ދާއިރާ ތިނަކާއި ލ. އާއި ގއ. އާއި ގދ. ޏ. އަތޮޅު ހިމެނޭ ގޮތަށް ދާއިރާ ހަތަރެކެވެ.

ދާއިރާ އެކަކަށް ތިން މީހުން ކުރިމަތިލާފައިވާ އިރު ދެން ހުރި ކޮންމެ ދާއިރާއަކަށް ހަތަރު މީހުން ވަނީ ކުރިމަތިލައިފަ އެވެ.

އެލްޖީއޭގައި މިއަދު ކެންޑިޑޭޓުން ތަރުތީބު ކުރުމަށް ގުރު ނަގާފައިވާއިރު އެއްވެސް ކެންޑިޑޭޓެއް ވެސް އަދި ކެންޑިޑޭޓެއްގެ ފަރާތުން މަންދޫބެއް ވެސް ހާޒިރުނުވުމުން ގުރު ނެގުމުގެ ކަންތައް ކުރިއަށް ގެންގޮސްފައި ވަނީ އެލްޖީއޭގެ ފަރާތުންނެވެ.

މިމަހުގެ 18 ގެ 11:00 އިން ފެށިގެން 11:30 ހަމައަށް ބޯޑަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު ބާއްވަން ހަމަޖައްސާފައިވާއިރު 19 އަތޮޅަކުން ވޯޓު ލިބުމުގެ ހައްގު ލިބިގެންވާ 130 ކައުންސިލަރުން އެބަ ތިއްބެވެ.

އެލްޖީއޭގެ ބޯޑުގައި މިހާރު ހިމެނެނީ އެ ބޯޑަށް ގާނޫނު އަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި މެންބަރު ޑިފެންސް މިނިސްޓަރު އަހުމަދު ނާޒިމާއި އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ މެންބަރު ސުޖާއު ހުސެއިން އާއި މާލޭ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ މެންބަރު ޝަމާއު ޝަރީފެވެ.