އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުށަހެޅި މައްސަލައަކާ ގުޅިގެން ދިއެފްއެމް އަދި ދިއެފްއެމް ޕްލަސް ހިންގަމުން އަންނަ މޯލްޑިވްސް މީޑިއާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ލިއުމުން ޖަވާބުދާރީ ވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފި އެވެ.

ސަން އަށް ލިބިފައިވާ ބްރޯޑްކާސްޓިން ކޮމިޝަނުގެ ސިޓީގައި ބުނެފައި ވަނީ އޭސީސީން ހުށަހެޅި ޝަކުވާގެ މައްސަލައިގައި މި މަހުގެ 13 ވަނަ ދުވަހުގެ އޮފީސް ބަންދުކުރުމުގެ ކުރިން ލިއުމުން ޖަވާބުދާރީ ވުމަށް އެދޭ ކަމަށެވެ.

އޭސީސީން މައްސަލަ ހުށަހަޅާފައި ވަނީ "މިދިޔަ ޖެނުއަރީމަހުގެ 20 ވަނަ ދުވަހު މޯލްޑިވްސް މީޑިއާ ކޮމްޕެނީގެ ޗެނަލްތަކުން ގެނެސްދިން " ޓޯކް އޮފް ދި ޓައުން" ޕްރޮގްރާމްގައި ކޮމިޝަނުގެ ހުރުމަތް ކެނޑޭ ގޮތަށް އަދި ކޮމިޝަނަށް އޮންނަ އިހުތިރާމާއި ގަދަރު ގެއްލޭ ގޮތަށް ފުރައްސާރަކޮށް ހަގީގަތާ ހިލާފު ވާހަކަތައް ބްރޯޑްކާސްޓް ކުރި" ކަމަށެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން އެކުންފުންޏަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ޓޯކް އޮފް ދި ޓައުން ޕްރޮގްރާމްގައި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓް ހިމެނޭ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް ހިލާފުވެފައިވާކަން ނުވަތަ ނޫންކަން އަދި ނުނިންމާ ކަމަށާއި އެކަން ނިންމާނީ މައްސަލަ ބަލައި ނިމުމުން ކަމަށް ވެސް އެސިޓީގައި ވެއެވެ.

"... އަދި ދަންނަވަމެވެ. ހަވާލާދީފައިވާ " ޓޯކް އޮފް ދި ޓައުން" ޕްރޮގްރާމްގެ ކޮންޓެންޓްގައި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިން ވަނަ ހަމައިގެ (1) އާ ހިލާފުވާ ބައެއް ހިމެނޭ ކަމަށް ބެލެވެ އެވެ. އަދި ދަންނަވަމެވެ. މަތީގައި ދެންނެވުނު ތިޔަފަރާތުން ފޮނުވި ކޮންޓެންޓް ޚިލާފުވާކަމަށް ފާހަގަކުރެވޭ ކަމަށް ލިޔެފައިވީ ނަމަވެސް ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފުވެފައިވާކަން ނުވަތަ ނޫންކަން އަދި މިކޮމިޝަނުން ނިންމާފައި ނުވާކަމާއި އެކަން ނިންމާނީ މިމައްސަލަ ބަލައި ނިމުމުން ކަމުގައި ވެސް ދަންނަވަމެވެ." ކޮމިޝަންގެ ސިޓީގައިވެ އެވެ.