ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ބެލްޖިއަމްގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ހެންވޭރު މާލޭތިލަ ޢަލީ ޙުސައިންދީދީ އާއި ސަޢޫދީ ޢަރަބިއްޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމަށް ހެންވޭރު އޭޝަންލޮޖް އާދަމް ޙަސަން އަދި ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް މާފަންނު ކަލީ ހުސައިން ޝިހާބް ޢައްޔަން ކުރައްވައި، އެ ތިން ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު މިއަދު ދެއްވައިފިއެވެ.


މަގާމުގެ ފަތްކޮޅު ދެއްވުން އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.


ސަފީރުންގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މި ތިންބޭފުޅުން މި ޢައްޔަން ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ކަމަށް ރައީސް އޮފީހުން ބުންޏެވެ.


ފަތްކޮޅު ދެއްވުމަށްފަހު އެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި، އެ ތިން ބޭފުޅުންނަކީ ވެސް ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހިންގެވުމުގައި ޢަމަލީ ދައުރު އަދާކުރައްވާފައި ތިއްބެވި ތިންބޭފުޅުންކަން ފާހަގަކުރައްވަމުން، ކުރިއަށް އޮތް ތާނގައި ވެސް ސަރުކާރަށާއި ރައްޔިތުންނަށް އެބޭފުޅުންގެ ޚިދްމަތް ލިބެމުންދާނެކަން ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ.


ރާއްޖޭގެ ޚާރިޖީ ސިޔާސަތު، ރާއްޖޭގެ ރައްޔިތުންނަށް އެނގުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، ދޭދޭ ޤައުމުތަކާއި، އެކުވެރި ދައުލަތްތަކާއި، އެހެން ނަސްލުތަކާއި، އެހެން ވިސްނުންތަކާ އެކީގައި ރާއްޖޭގެ ރައްޔިތުންނަށްވެސް އުޅެވެންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަފީރު ކަމަށް ޢައްޔަން ކުރެއްވި މިބޭފުޅުން، ބޭރު ޤައުމުތަކުގައި ރާއްޖެ ތަމްސީލު ކުރައްވަމުން ގެންދަވާއިރުގައި، ރާއްޖޭގައި އެޤައުމުތަކުގެ ޢިއްޒަތާއި، އެޤައުމުތަކުގެ ހައިބަތާއި ޤަދަރު އަޅުގަނޑުމެން ހިފަހައްޓަން އެބަ މަޖުބޫރުވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.