ދަވްޙާ (މާޗް 6) : ގަލްފުގެ އަރަބި ގައުމުތަކުގެ ތެރޭގައި ހިމެނޭ ސައޫދީ އަރަބިޔާއާއި ބަހްރައިންއާއި ޔުނައިޓެޑް އަރަބް އިމަރޭޓްސް އިން ކުއްލި ގޮތަކަށް އެ ގައުމުތަކުގެ ސަފީރުން ގަތަރުން ގެންދިޔުމަށް ނިންމުމުން އެކަމާ މެދު ހިތާމަކުރާ ކަމަށް ގަތަރުން ބުނެފި އެވެ.

ގަތަރުގެ ވަޒީރުންގެ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެތިން ގައުމުގެ މިފިޔަވަޅަކީ ގަލްފުގެ ރައްޔިތުންގެ މަސްލަހަތާ ގުޅުން ހުރި ކަމެއްގައި އެޅި ފިޔަވަޅެއް ނޫން ކަމަށް ނުދެކޭ ކަމަށާ ގަލްފު ކޯރަޕޭޝަން ކައުންސިލް(ޖީސީސީ)ގެ އިޚްތިސާސުން ބޭރުގައިވާ މައްސަލައެއްގައި ގަތަރުން ގެންގުޅޭ ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހިގެން ނޫނީ ޚިޔާލުތަފާތުވެގެން ޑިޕްލޮމެޓިކް މިފަދަ ފިޔަވަޅެއް އެޅުމަކީ ހިތާމަކުރާ ކަމެއް ކަމުގަ އެވެ. ނަމަވެސް މިކަމަށް ރައްދު ދިނުމުގެ ގޮތުން އެތިން ގައުމުގައި ތިއްބަވާ ގަތަރުގެ ސަފީރުން އަނބުރައި ގެނައުމަށް ގަސްދު ނުކުރާކަމަށް ވެސް މިބަޔާން ބުނެ އެވެ.
ގަތަރުގައި ތިއްބަވާ އެތިން ގައުމުގެ ސަފީރުން އަނބުރައި ގެންދިޔުމަށް އިއްޔެ ނިންމާފައި ވަނީ ޢަސްކަރީ އިންގިލާބެއްގައި މިދިޔަ އަހަރު މިސްރުގެ ވެރިކަމުން ދުރުކޮށްފައިވާ ރައީސް ޑރ. މުހައްމަދު މުރުސީގެ އިޚްވާނުލްމުސްލިމޫން ޖަމާއަތަށް ގަތަރުން ތާއީދުކުރާތީ އެކަމާ ދެކޮޅު ހެދުމުގެގޮތުންކަމަށް ރިޕޯޓްތައް ބުނެ އެވެ. ޔޫއޭއީގެ ފުލުހުންގެ ވެރިޔާ ޟާޙީ ޚަލްފާން ވަނީ ގަތަރުގައި ދިރިއުޅުއްވާ މިސްރުގެ ދީނީ އެންމެ އިސް ޢިލްމުވެރިންގެ ތެރޭގައި ހިމެނޭ މުފައްޤިހު މުޖްތަހިދެއް ކަމަށްވާ އަލްޢައްލާމާ ޑރ. ޔޫސުފް އަލް ގަރްޟާވީއަކީ އިޚްވާނުލްމުސްލިމޫން ޖަމާއަތަށް ނިސްބަތްވެ ވަޑައިގަންނަވާ ޓެރަރިސްޓެއް ކަމަށް ސިފަކުރައްވައި އޭނާ ގަތަރުން ބޭރުކޮށްލުމަށް މިދިޔަ މަހު ގަތަރަށް ގޮވާލައްވާފަ އެވެ.

ޑރ. ގަރްޟާވީއަކީ ޢަދާލަތަށް ފިއްލަވައިގެން ގަތަރު ދިރިއުޅުއްވައި ގަލްފުގެ އެހެންގައުމުތަކުގައި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރައްވާ ކުށްވެރިއެއް ކަމަށް ވިދާޅުވެ ޟާހީ ޚަލްފާން ވަނީ ވަރަށް ހަރުކަށި އިބާރާތުން ގަރްޟާވީއަށް ބަހުގެ ހަމަލާތައް ދެއްވާފަ އެވެ.

ޢަރަބި ސަރަހައްދުގައި އެމެރިކާ އާއި ހުޅަނގުގެ އެޖެންޑާތައް ތަންފީޒު ކުރުމުގައި އެހީތެރިވެދޭ ކަމުގެ ތުހުމަތު ކުރެވިފައިވާ ސައޫދީ އަރަބިޔާއާއި ބަހްރައިންއާއި ޔުނައިޓެޑް އަރަބް އިމަރޭޓްސްއިން އަކީ މިސްރުގެ އިޚްވާނުލްމުސްލިމޫން ޖަމާއަތަކީ އެތިން ގައުމުގެ ވެރިކަމުގެ ނިޒާމުތަކަށް އޮތް ނުރައްކަލެއް ކަމަށް ސިފަކުރަމުންގެންދާ ތިން ގައުމެވެ. މިގޮތުން ޑރ. މުރުސީގެ ވެރިކަން ވައްޓާލުމަށް މިސްރުގެ ދިފާޢީ ވަޒީރު އަބްދުލްފައްތާޙް އައްސީސީ އިސްކޮށް ހުންނަވައިގެން ގެންނަވާފައިވާ ޢަސްކަރީ އިންގިލާބަށް ވެސް ފާޅުގައި ތާއީދުކުރި ގަލްފުގެ ތިން ގައުމަކީ މިތިން ގައުމެވެ. މުރުސީގެ ވެރިކަމުގައި މިސްރަށް އިގްތިސާދީ ގޮތުން އެހީތެރިވުމަށް ވެސް ސައޫދީ އަރަބިޔާއާއި ޔޫއޭއީ ދެކޮޅުހަދާފައިވާ އިރު މުރުސީގެ ވެރިކަމުގައި މިސްރަށް މާލީގޮތުން އެންމެ ބޮޑު އެހީއެއް ފޯރުކޮށްދީފައި ވަނީ ގަތަރުންނެވެ.

ސައޫދީ އަރަބިޔާއާއި ބަހްރައިންއާއި ޔުނައިޓެޑް އަރަބް އިމަރޭޓްސްގައި ވެރިކަންކުރާ ވިރާސީ ރަސްކަމުގެ ނިޒާމްތަކާ ދެކޮޅަށް ހަރަކާތްތެރިވާ އިދިކޮޅު ފަރާތްތަކުގެ ތެރޭގައި މިސްރުގެ އިޚްވާން ޖަމާއަތުގެ ފިކުރަށް ތާއިދުކުރާ ފަރާތްތައް ގިނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ގަތަރުން ސަފީރުން ބާލަން ޖެހުނީ ގަލްފު ކޯޕަރޭޝަންގެ އެއްވެސް ގައުމަކުން އަނެއް ގައުމެއްގެ ދާޚިލީ ހަމަޖެހުމަށް ބުރޫއަރާ ފަދަ ކަމަކަށް އެހީތެރިނުވުމަށް މިދިޔަ އަހަރުގެ ނޮވެމްބަރުގައި ސޮއިކޮށްފައިވާ އެއްބަސްވުމާ ޚިލާފަށް ގަތަރުގެ އަމަލުތައް ހުންނާތީ ކަމަށްސައޫދީ އަރަބިޔާއާއި ބަހްރައިންއާއި ޔުނައިޓެޑް އަރަބް އިމަރޭޓްސް އިން ބުނެފައިވެ އެވެ. މިތިން ގައުމުގެ މީޑިޔާ އިން ވެސް ގެންދަނީ މިސްރުގެ އިސްލާމީ ފިކުރުގެ އިޚްވާން ޖަމާއަތާ ދެކޮޅަށް ވަރަށް ވަރުގަދަ މީޑިޔާ ކޭންޕޭންތަކެއް ހިންގަމުންނެވެ. (އަލްޖަޒީރާ)