ބައެއް ރިޒޯޓްތަކުގައި މަސައްކަތްކުރާ ތަފާތު ފިކުރުގެ ބައެއް މުވައްޒަފުން ވަޒީފާ އިން ވަކިކުރާ ކަމުގެ ތުހުމަތުތަކެއް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވައިފި އެވެ.

މެދުހެންވޭރު ދާއިރާގެ ގޮނޑިއަށް ވާދަ ކުރައްވާ އަލީ އާޒިމްގެ ކެމްޕޭން ފައްޓަވައި ދެއްވުމަށް ރޭ ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ބައެއް ރިޒޯޓްތަކުގެ ވެރިން، އެ ރިޒޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާ އިން ވަކިކުރަމުންދާކަން ފާހަގަ ކުރެވޭ ކަމަށެވެ.

"ބައެއް ރިޒޯޓްތަކުގެ ވެރިން ރިޒޯޓްތަކުގައި ވަކިކުރާ ކުދިން ވަޒީފާ އަށް ވަކިކުރަމުންދޭ. އެމްޑީޕީ އަށް ސަޕޯޓްކުރާ ކުދިން ވެސް. ވަރަށް އިހުލާސްތެރިކަމާ އެކު ދަންނަވަން ރިޒޯޓްތަކުގައި މަސައްކަތް ކުރާ ކުދިން އެންމެ ކުއްޖަކު ވަޒީފާ އިން ވަކިކުރިއަސް ހުރިހާ ކުދިން ވަޒީފާ ހުއްޓާލާށޭ." ނަޝީދު ވިދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ ޝަރުއީ ނިޒާމަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ.

އެގޮތުން ދުނިޔޭގެ ބޮޑެތި ބައިނަލްއަގްވާމީ ޖަމާއައްތަކުން ވެސް ރާއްޖޭގެ ޝަރުއީ ނިޒާމާއި ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރާ ކަމަށާއި ސުޕްރީމް ކޯޓުން ރާއްޖޭގެ ގާނޫނު އަސާސީ އަށް ގޮންޖަހަމުންދާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުން އެ ދަނީ ގާނޫނު އަސާސީއަށް ގޮންޖަހަމުން. ގާނޫނު އަސާސީ ހަރާބު ކުރަމުން. ސުޕްރީމް ކޯޓުން ގާނޫނު އަސާސީގެ މާނަ ގެއްލޭ އަދި އެ ގާނޫނު އަސާސީގެ ހުރުމަތް ގެއްލޭ ކަންތައް ކުރައްވަމުން އެގެންދަވަނީ ތަކުރާރުކޮށް،" އެމަނިކުފާނު ވިދާޅުވި އެވެ.