06 Mar 2014, 09:25
ގާހިރާ (މާޗް 6) : އަންނަ މަހު މިސްރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން ގަސްދު ކުރައްވާކަން އެގައުމުގެ ދިފާއީ ވަޒީރު މާޝަލް އަބްދުލްފައްތާހް އައްސީސީ އިއުލާން ކުރައްވައިފި އެވެ.
ސީސީ ވިދާޅުވީ އޭނާ މިސްރުގެ ރިޔާސަތަށް ކުރިމަތިލައްވަނީ މިސްރު ރައްޔިތުންގެ ގިނަބަޔަކު އެކަމަށް އެދޭތީ ކަމަށާ ރައްޔިތުންގެ ގިނަބަޔަކު އެދޭކަމަކަށް ފުރަގަސް ދެވެން އޮންނާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމުގަ އެވެ.
އަންނަ މަހު މިސްރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން ގަސްދު ކުރައްވާކަން އިއްލާން ކުރައްވަމުން ސީސީ ވިދާޅުވީ އޭނާ މިސްރުގެ ރިޔާސަތަށް ކުރިމަތިލައްވަނީ މިސްރަށް މިހާރު ކުރިމަތިވެފައިވާ ހުތޫރަތްތެރި ހާލަތުން ގައުމު ސަލާމަތްކޮށްދިނުމަށް ރައްޔިތުންގެ ގިނަބަޔަކު އެދުމުން ކަމުގަ އެވެ. ގައުމާއި ރައްޔިތުންދެކެ ލޯބިވާ މީހަކަށް ރައްޔިތުންގެ މިފަދަ އެދުމަކަށް ފުރަގަސް ދެވެން ނޯންނާނެ ކަމަށްވެސް ސީސީ ވިދާޅުވި އެވެ. އަދި އޭނާ އިސްކޮށް ހުންނަވައިގެން މިސްރުގެ ސިފައިން، ސިޔާސީ ފަރާތްތަކާ ދެކޮޅަށް އެޅި ފިޔަވަޅުތަކަކީ މިސްރު ވެއްޓެމުންދިޔަ ގޮތްނޭންގޭ އަނދިރި ވަޅުގަނޑަކުން ދައުލަތާއި ރައްޔިތުން ސަލާމަތް ކުރުމަށް އެޅި ފިޔަވަޅުތަކެއް ކަމަށްވެސް ސީސީ ސިފަކުރެއްވި އެވެ.
މިސްރުގެ ރިޔާސަތަށް އައްސީސީ ކުރިމަތި ލައްވާނެ ކަމުގެ އެތަށް އިޝާރާތްތަކެއް އޭނާ ދެއްވަމުން ގެންދެވިނަމަވެސް މިއީ ރަސްމީ ގޮތެއްގައި އެކަން އޭނާ އިއުލާން ކުރެއްވި ފުރަތަމަ ފަހަރެވެ.
ސީސީ އަކީ މިސްރުގައި ދިމުގްރާތީ ގޮތުން އިންތިހާބު ކުރެވުނު ފުރަތަމަ ރައީސް ކަމަށްވާ ޑރ. މުހައްމަދު މުރުސީ ގެ ވެރިކަން ވައްޓާލައި މުރުސީ މަގާމުން ދުރުކުރުމަށް މިދިޔަ ޖުލައިމަހު މިސްރުގެ ސިފައިން ގެނައި އަސްކަރީ އިންގިލާބުގެ ލީޑަރެވެ. މި އަސްކަރީ އިންގިލާބުގައި ސިފައިން ނުކުމެ ޑރ. މުރުސީ މަގާމުން ދުރުކޮށްފައިވަނީ މުރުސީ ނިސްބަތްވެ ވަޑައިގަންނަވާ އިހްވާނުލްމުސްލިމޫން ޖަމާއަތާ އިދިކޮޅަށް ހަރަކާތްތެރިވި ސިޔާސީ ޕާޓީތަކާއި މިސްރުގެ އިލްމާނީ ފިކުރުމުގެ ލީޑަރުންގެ ތާއީދާއެކުގަ އެވެ.
އަސްކަރީ އިންގިލާބާއެކު މުރުސީއާއި އިހްވާން ޖަމާއަތުގެ އިސްލީޑަރުންވަނީ މުއްދަތެއްނެތި އަދި ޝަރީއަތަކާނުލައި ޖަލުގައި ހައްޔަރުކޮށްފަ އެވެ. އަދި ސިފައިންގެ ބެލުމުގެ ދަށުން މިސްރުގައި އުފައްދާފައިވާ ވަގުތީ ސަރުކާރުންވަނީ މިސްރުގެ ސިޔާސީ މަސްރަހުން އިހްވާން ޖަމާއަތް ދުރުކޮށް އެޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވެސް ކަނޑައަޅާފައެވެ. މިކަމުގެ ބޭނުމަކީ ޑރ. މުރުސީވެސް އަދި އިހްވާން ޖަމާއަތުގެ އެހެން ލީޑަރަކުވެސް މިސްރުގެ ވެރިކަމަށް އިންތިހާބުވެ ވަޑައިގެންފިނަމަ ސީސީއާއި މިސްރުގެ ވެރިކަމުގައި މިހާރު ތިއްބެވި އިސްވެރިންގެ މައްޗަށް ޝަރީއަތް ހިންގަފާނެކަމުގެ ބިރަށް އެކަމުން ސަލާމަތްވުން ކަމަށްވަނީ ބެލެވިފަ އެވެ.
ސީސީ މިސްރުގެ ރިޔާސަތަށް ކުރިމަތިލައްވާފައި މިވަނީ އޭނާ އިސްކޮށް ހުންނަވައިގެން މިސްރަށް ގެނައި އަސްކަރީ އިންގިލާބާ ދެކޮޅަށް ހަރަކާތްތެރިވި ރައްޔިތުންނާ ދެކޮޅަށް މިސްރުގެ ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކޮށްގެން އެތަށްސަތޭކަ ބަޔަކު މަރާލައި ފުޅާ ދާއިރާއެއްގައި އިންސާނީ ހައްގުތަކަށް އަރައިގެންފައިވާއިރު އެކަމުގެ ތުހުމަތު ސީސީއާއި މިސްރުގެ މިހާރުގެ ވެރިންގެ މައްޗަށް ކުރެވިފައި ވަނިކޮށެވެ.
މިސްރުގެ ވެރިކަމުގެ ނިޒާމު މިހާރުއޮތްގޮތުން މިނިވަން އިންސާފުވެރި އަދި ވާދަވެރި އިންތިހާބެއް ބޭއްވުމުގެ ފުރްސަތު ނެތްކަމަށް އެގައުމުގެ އިދިކޮޅު ފަރާތްތަކުން ދެކެއެވެ. އެހެންކަމުން އަންނަމަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ކާމިޔާބު ކުރައްވައިގެން މިސްރުގެ ވެރިކަމަށް އަބްދުލްފައްތާޙް އައްސީސީ ވަޑައިގަންނަވާނެ ކަމީ ގާތްގަނޑަކަށް ކަށަވަރު ވެފައިވާ ކަމެއް ކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. (ނޫސްއެޖެންސީތައް)