06 Mar 2014, 04:01
ޖިލެޓް ބްރެޒިލް ގްލޯބަލް ޓުއާގައި ސައުތު އެފްރިކާ އަތުން ބްރެޒިލް މޮޅުވުމުން ދައްކައިދެނީ އަންނަ ޖޫން މަހު ބާއްވާ ވޯލްޑް ކަޕުގައި ބްރެޒިލްގެ ވަރުގަދަކަން ކަމުގައި އެ ޓީމުގެ ގޯލްކީޕަރު ޖޫލިއޯ ސީސާ ބުނެފި އެވެ.
ސައުތު އެފްރިކާއާ ދެކޮޅަށް އިއްޔެ ކުޅުނު މެޗުން ބްރެޒިލް މޮޅުވީ 5-0 ލަނޑުންނެވެ. މެޗުން ބްރެޒިލް މޮޅުވީ އޮސްކާ، ފެނާންޑީނިއޯ އަދި ނޭމާގެ ހެޓްރިކުންނެވެ. ވޯލްޑް ކަޕް ފަށަން 99 ވެފައިވާ އިރު، ބްރެޒިލް ޓީމުން ފެންނަނީ ވަރުގަދަވާ ތަން ކަމުގައި ސީސާ ބުނެފައިވެ އެވެ.
"އަހަރެމެން ވޯލްޑް ކަޕް ކޮލިފައިން ކުޅެން ނުޖެހުނަސް، ޓީމު އޮތީ ވަރަށް ރަނގަޅު ހާލަތެއްގައި،" ޖޫލިއޯ ސީސާ ބުންޏެވެ. "އަދިވެސް ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި. އަހަރެމެން ސައުތު އެފްރިކާ އަށް ފުރުސަތުތަކެއް ދެވުނު. ނަމަވެސް ހުރިހާ ގޮތަކުން ބަލާނަމަ އަހަރެމެންނަށް މޮޅު ކުޅުމެއް ދެއްކުނު. މިކަމުން އަންގައިދެނީ ޓީމު އިތުރަށް ވަރުގަދަވާ ކަން."
ވޯލްޑް ކަޕްގައި ބައިވެރިވާ ބްރެޒިލްގެ 23 ކުޅުންތެރިންގެ ސްކޮޑު ނެގުމުގެ ކުރިން، މި މެޗަކީ އެ ޓީމު ކުޅޭ އެންމެ ފަހު އެކުވެރިކަމުގެ މެޗެވެ. ބްރެޒިލް ސްކޮޑު އިއުލާނު ކުރުމަށް ހަމަޖެހިފައި ވަނީ މެއި މަހުގެ ހަތް ވަނަ ދުވަހު އެވެ.