06 Mar 2014, 03:59
ސްޕެއިނުގެ ރެއާލް މެޑްރިޑާ ގުޅުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި ހިތު ތެރޭގައި އޮންނަނީ ބާސެލޯނާ ކަމުގައި މެންޗެސްޓާ ސިޓީގެ އައިވަރީ ކޯސްޓް މިޑްފީލްޑަރު ޔާޔާ ޓޫރޭ ބުނެފި އެވެ.
"އަހަރެންނަކީ ބާސާގެ ސަޕޯޓަރެއް، އަދި އަހަރެން ރެއާލް މެޑްރިޑާއި ގުޅޭކަށް ނުވިސްނަން." ބާސާ އަށް ކުރިން ކުޅުނު ޓޫރޭ ބުންޏެވެ.
ޗެމްޕިއަންސް ލީގު ގަދަ ސޯޅައިގެ ދެވަނަ ލެގުގައި މިމަހު 12 ވަނަ ދުވަހު ބާސާ އާއި ދެކޮޅަށް ސިޓީ ކުޅޭ މެޗުގައި ލަނޑެއް ޖެހުނު ކަމުގައި ވިޔަސް، އުފާފާޅު ނުކުރާނެ ކަމުގައި ބާސާގައި ތިން އަހަރު ހޭދަކުރި ޓޫރޭ ބުނެފައިވެ އެވެ.
"އަހަރެން ބާސާ އަށް އިހުތިރާމު ކުރަން. އެތަނުގެ މީހުން އަހަރެންނަށް ހިތްވަރުދޭ. އެހެންކަމުން އަހަރެންނެއް ބާސާ އާއި ދެކޮޅަށް ލަނޑެއް ޖެހުނަސް އަފާފާޅެއް ނުކުރާނަން. ބާސާ އިން ދަސްކޮށްދިނީ މޮޅުވާން، އެހެންކަމުން އެކަމަށް ޝުކުރު އަދާކުރާނަން،" ޓޫރޭ ބުންޏެވެ.
ބާސާ އާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ސިޓީ ބަލިވީ 2-0 ލަނޑުންނެވެ. ދެވަނަ ލެގު ކުޅޭނީ ބާސާގެ ކޭމްޕް ނޯ ގައެވެ.