ގާނޫނު އަސާސީއާ ހިލާފު އެތަކެއް ގާނޫނުތަކެއް މިހާރު ވެސް އެޓާނީ ޖެނެރަލްގެ ފޮތްބައިގެ އެބަހުރި ކަމަށާއި މިހާރު އެކަންތައް ރަނގަޅު ކުރުމުގެ މަސައްކަތް ފަށާއިފައިވާ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް މިރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ އާއި އޭޖީ އޮފީހުގެ ފަސް އަހަރުގެ ލަނޑުދަނޑި އާންމު ކުރުމަށް ނަސަންދުރާ ހޮޓަލްގައި ބޭއްވި ހަފްލާގައި އަނިލް ވިދާޅުވީ އިފްތިތާހު ކުރި ދެ އެޖެންޑާއަކީ ދިމާވެފައިވާ ޖުޑީޝަރީގެ މައްސަލަތައް ހައްލު ކުރުމަށް އެކުލަވާލެވިފައިވާ ދެ އެޖެންޑާ ކަމަށެވެ.

"ގާނޫނު އަސާސީ އާއި ހިލާފު އެތަކެއް ގާނޫނުތަކެއް މިހާރު ވެސް އަޅުގަނޑުމެންގެ ފޮތްބައިގަ އެބަހުރި. މާއްދާތަކެއްގެ ވެސް އެބަހުރި. އެހެން ނަމަވެސް އެކަން ކަން ބާތިލުކޮށް އިސްލާހު ކުރެވިފައެއް ނުވޭ. މިއަދުގެ ސަރުކާރުން މި ވަނީ މިކަންކަން ކުރެވޭތޯ މަސައްކަތް ފަށާފައި،" ބަންޑާރަ ނައިބު ވިދާޅުވި އެވެ. "ތައާރަފް ކުރަންޖެހޭ ނިޒާމުތައް، ގާނޫނުތައް ތައާރަފް ކުރުމާއެކުގައި ކުރެވެމުންދާ ތަޖުރިބާގެ އަލީގައި މުރާޖައާ ކުރުން. މިއަދު އިފްތިތާހު ކުރި ދެ އެޖެންޑާ އަކީ އެ މަގްސަދުގައި އެކުލަވާލެވިފައިވާ ދެ ކަންތައް. ރިޔާސީ ނިޒާމުގައި ރައްޔިތުންގެ މަޖިލީހުން މި ބިލުތައް އެކުލަވާލަމުން އަންނާނީ. މުޅި ނިޒާމު، މުޅި ދުސްތޫރު އެކުލަވާލުމަށް ބޭނުންވާ ގާނޫނުތަކާއި އިސްލާހު ގެންނަން ޖެހޭ ގާނޫނުތައް ކުރިއަށްދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން."

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން 207 ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ރާވައިފައިވާ އިރު، އޭގެ ތެރެއިން 98 ބިލަކީ މުޅިން އަލަށް މަޖިލީހަށް ހުށަހަޅާ ބިލުތަކެކެވެ. އަދި އިސްލާހު ކުރަން ކުރުމަށް 109 ބިލެއް ވެސް ހިމަނާފައިވެ އެވެ.

އެކި އެކި މުއައްސަސާތައް ބާރުވެރި ކުރުމަށްޓަކައި އެބޭފުޅުންގެ މަސައްކަތްތައް ޒަމާނާއި އެއްގޮތަށް ހަލުވި ކުރުމަށް ބިލްތަކެއް އެކުލަވައިލަމުންދާ ކަމުގައި އަނިލްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

"ލެޖިސްލޭޓިވް އެޖެންޑާގައި އެންމެ އިސްކަމެއްދޭ އެއްކަމަކީ ސަރުކާރުގެ މެނިފެސްޓޯގައިވާ ކަންކަން ތަންފީޒު ކުރުމަށްޓަކައި ބިލްތައް އެކުލަވާލުން. ހަމައެއާ އެކީގައި ދައުލަތުގެ އެކި އެކި މުއައްސަސާތައް ބާރުވެރި ކުރުމަށްޓަކައި އެބޭފުޅުންގެ މަސައްކަތްތައް ޒަމާނާއި އެއްގޮތަށް ހުލުވި ކުރުމަށްޓަކައި އެކިއެކި ބިލްތައް މިހާރު ވެސް އެ ވުޒާރާތަކުން އެކުލަވާލަމުން އެ ގެންދަވަނީ އަޅުގަނޑުމެންގެ އިރުޝާދާއި މަޝްރާއާ ވެސް އެކީގައި،" އަނިލް ވިދާޅުވި އެވެ.

އަނިލްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ބިލުތައް އެކުލަވާލުމަށް ޝަރުއީ ދާއިރާގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށާއި އެހެން އިދާރާތަކުން ވެސް އަވަސް މިނެއްގައި ބިލްތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

"އަޅުގަނޑުން މި މަސައްކަތްތައް އެކުލަވާލުމުގެ ބުރަ މަސައްކަތުގައި އަޅުގަނޑުމެންނަށް ވަރަށް ބޮޑު އެއްބާރުލުމެއް ކަމާ ބެހޭ ހުރިހާ ދާއިރާ އަކުން ވެސް ބޭނުންވޭ. ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށް އެކުލަވާލަންޖެހޭ މުހިންމު ގާނޫނުތަކުގެ ބިލުތައް އެކުލަވާލުމަށް ޝަރުއީ ދާއިރާގެ އެއްބާރުލުން ލިބޭނެކަން އަޅުގަނޑަށް މިހާރު ކުރެވުނު އެކިއެކި މުއާމަލާތްތަކުން އެބޭފުޅުން އެ ޔަގީންކަން ވަނީ ދެއްވައިފައި. އަޅުގަނޑު އެހެން އިދާރާތަކުން ވެސް އެދެން އެބޭފުޅުން އެ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފުރިހަމަ ގޮތުގަ އަވަސް މިނެއްގަ ކުރިއަށް ގެންދެވުން،" އަނިލް ވިދާޅުވި އެވެ.

އޭޖީ އޮފީހަށް ލިބިފައިވާ ކުޑަ ބަޖެޓަށް އިޝާރާތް ކުރައްވާ އަނިލް ވިދާޅުވީ، ލިބިފައިވާ ބަޖެޓުން ކަންކަން ކުރުމަށް ދަތިތަކެއް ހުރި ކަމަށާއި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ލިބުނު ބަޖެޓާއި އެއްވަރުގެ ބަޖެޓެއް އޭޖީ އޮފީހަށް ވެސް ލިބެން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރުމަށް 43 ވަކީލުން ބޭނުންވޭ. މިހާރު ތިއްބެވީ އެންމެ 18 ވަކީލުން. އަޅުގަނޑުމެންގެ އޮފީހަށް މި ވަގުތު ލިބިފައި އޮތް ބަޖެޓަކީ 17 މިލިއަން ރުފިޔާ. އެއީ ހުރިހާ ކަމެއް ކުރުމަށް ލިބިފައިވާ ބަޖެޓު. ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ލިބުނު ބަޖެޓާއި އެއްވަރު ބަޖެޓަށް އަޅުގަނޑުމެންނަށް ވެސް ލިބެން ޖެހޭ. އަޅުގަނޑަށް އެނގިގެން ގާތްގަނޑަކަށް 26 މިލިއަން ރުފިޔާ ޕީޖީ އަށް ލިބޭ،" އަނިލް ވިދާޅުވި އެވެ.