އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސެއް ނެތި، ބާރު ސްޕީޑެއްގައި މީހަކު މަސްތުވެގެން އިނދެ ދުއްވި ޖިޕެއް، ކާރަކާއި ސައިކަލެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނަކު ޒަހަމްވެއްޖެ އެވެ.

އެ އެކްސިޑެންޓް ހިނގާފައި ވަނީ މިރޭ 9:30 ކަންހާއިރު އައްޑޫ ސިޓީ ހިތަދޫ ބޮޑު މަގުގައި ހުންނަ ތަގުވާ މިސްކިތް ކުރިމަތިންނެވެ. އެކްސިޑެންޓުގައި ސީރިއަސް ޒަހަމްތަކެއް ލިބިފައި ވަނީ ސައިކަލެއްގައި ދުއްވާފައި ދިޔަ ހިތަދޫ ސަބްދެލިގޭ، ހައްވާ އަހުމަދަށެވެ.

ފުލުހުން ބުނީ ހައްވަގެ ކަނައަތު ފައިގެ ފަލަމަސްގަނޑާ ހިސާބުން ފައި ބިންދައިގެން ގޮސްފައިވާ ކަމަށާއި އޭނާގެ ބޮލަށާއި މޫނުމައްޗަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. ހަށިގަނޑުގެ އެހެންތަންތަނަށް ހާނިކަވެ، ނޫފައިގެންފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މަސްތުގެ ހާލަތުގައި އިނދެ، ޖިޕު ދުއްވި ފިރިހެން މީހާ ފުލުހުން ވަނީ މިރޭ ހައްޔަރުކޮށްފަ އެވެ. އޭނާ މަސްތުވެގެން ހުރި ކަމެއް ފުލުހުން އަދި ކަށަވަރެއް ނުކޮށްދެ އެވެ. އަދި އޭނާގެ ވަނަވަރެއް ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި ޖިޕު ދުއްވި މީހާ އަދިވެސް މަސްތުގެ ހާލަތުގައި ހުރުމުން ފުލުހުންގެ ތަހުގީގު ކުރިއަށް ގެންދަން ވަނީ ހުރަސްއެޅިފަ އެވެ.

ލައިސެންސެއް ނެތި ޖިޕު ދުއްވި މީހާ އިހްމާލުން އެކްސިޑެންޓް ހިނގައިދިޔަ ގޮތް ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އާ ހިއްސާ ކުރި އެވެ.

އޮފިޝަލް ވިދާޅުވީ ގަމުން ކޯއްޓޭއާވީ ކޮޅަށް ނުގަވާއިދު ފަޅިން ބާރު ސުޕީޑެއްގައި ދުއްވާފައި ދިޔަ ޖިޕު، ކޮންޓްރޯލުން ނައްޓައިގެން ގޮސް ފުރަތަމަ ޖެހުނީ ގަވާއިދު ފަޅިން ދުއްވާފައި ދިޔަ ކާރެއް ކުރިމަތީގައި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޖިޕު ކާރުގައި ޖެހުމުން، ކާރު ވެސް "ގޮވައިގެން" އެ ކާރު ދުއްވާފައި އައި ކޮޅާ، އިދިކޮޅަށް 91 ފޫޓަށް ކަހާލާފައި ދިޔަ އެވެ. އަދި ކާރުގެ ފަހަތުން ސައިކަލެއްގައި ދިޔަ އަންހެނަކު ޖިޕުގެ ދަށުގެ ޒަހަމްވީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.