06 Mar 2014, 00:04
މިދިޔަ ހުކުރު ދުވަހުގެ ރޭ 14 މީހުންނާއިއެކު މާލެއިން ފުރައިގެން ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނެކޮށް ހަބަރެއްނުވުމުން، މިއަދު ހޯދަން ފެށި "މިސްރާބް" ދޯނީގެ ހަބަރެއް ވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ އެ ދޯނީގައި ތިބި 14 މީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
އެމްއެންޑީއެފުން ބުނީ "މިސްރާބް" ދޯނީގެ މައުލޫމާތު މަސްވެރިކަމަށް ނުކުމެ އުޅުނު އއ.މަތިވެރި ދޯންޏެއް ކަމަށްވާ "ރަހުމަތު" ދޯނިން މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް މިރޭ 19:35 ހާއިރު ވަނީ ދީފައިވާ ކަމަށެވެ.
އެގޮތުން "ރަހުމަތު" ދޯންޏަށް "މިސްރާބް" ދޯނި ފެނިފައި ވަނީ ފ. ހިމިތީގެ 75 މޭލު ބޭރުން ކަމަށާއި މިސްރާބް ދޯނި މިހާރު ފ. ހިމިތިއާ ދިމާލަށް ދަތުރުކުރަމުން އަންނަކަމަށްވެސް އެމްއާރުސީސީ އަށް މައުލޫމާތު ދީފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ "މިސްރާބު" ދޯނި އެންމެ ފަހުން މަސްވެރި ކަމަށް ނުކުތީ ހުކުރު ދުވަހުގެ ރޭ ކަމަށާއި އޭގެ ފަހުން އެ ދޯނީގެ ހަބަރެއް އެންމެ ފަހުންވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 11:30 އެހާއިރު ފ. ހިމިތީގެ ހުޅަގުފަރާތު ބޭރުން ދަނިކޮށް ކަމަށެވެ.