05 Mar 2014, 23:48
ރާއްޖޭގެ ވަކި ސަރަހައްދުތަކެއް ބޭރުގެ ފަރާތްތަކަށް މިނިވަންކަމާއެކު ވިޔަފާރި ކުރުމަށް ހުޅުވާލާނެ ކަމަށާއި އެކަމަށް ބޭނުންވާ މުހިންމު ގާނޫނުތަކެއް ހަދަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ޖަމީލް އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ލެޖިސްލޭޓިވް އެޖެންޑާ އިފްތިތާހު ކުރުމަށް ނަސަންދުރާ ޕެލަސް ހޮޓަލުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ޑރ. ޖަމީލް ވިދާޅުވީ ބޭރު މީހުންނަށް ފަސޭހަ ކަމާއެކު ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ގޮތް ހަދަން ޖެހޭ ކަމަށެވެ. ބޭރުގެ އިންވެސްޓަރުންނަށް ވިޔަފާރި ކުރުމުގައި ފަސޭހަ ގޮތްތަކެއް ހޯދައި، ރާއްޖޭގެ އިގްތިސާދާމެދު އިތުބާރު ދެމެހެއްޓުމަށްޓަކައި ގާނޫނީ އޮނިގަނޑަށް އާ އުސޫލުތަކެއް ގެންނަންޖެހޭ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
"މިހާރު ރާއްޖޭގެ ވަކި ސަރަހައްދުތަކަކީ މިނިވަން ގޮތެއްގައި ބޭރުގެ ފަރާތްތަކަށް ވިޔަފާރި ކުރުމަށްޓަކައި ހުޅުވާލާނެ ސަރަހައްދުތައް. އެކަމަށްޓަކައި މުހިންމު ގާނޫނުތަކެއް ވުޖޫދަށް އަންނަން އެބަޖެހޭ،" ނައިބު ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ ފަސް އަހަރުގެ ދައުރުގައި އެންމެ އިސްކަންދޭނެ ދާއިރާއަކީ އިގްތިސާދީ ދާއިރާ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ. އިގްތިސާދީ ދާއިރާއިން ސަރުކާރުން ބޭނުންވާ ކަންތައްތައް ހާސިލް ކުރުމަށް މުހިންމު ގާނޫނުތަކެއް ހަދަންޖެހޭ ކަމަށް ވެސް އެމަނިކުފާނު މިރޭ ވިދާޅުވި އެވެ.
"މައިގަނޑު ގޮތެއްގައި އިގްތިސާދީ ދާއިރާއަކީ ސަރުކާރުން އެންމެ އިސްކަން ދޭ ދާއިރާ. މި ދާއިރާއަށް ބެލި ކަމުގައި ވިޔަސް ވެސް، ސަރުކާރުން ބޭނުންވާ ކަންތައްތައް ހާސިލް ކުރުމުގައި މުހިންމު ގާނޫނުތަކެއް ހުރިކަން މިއަދު އަޅުގަނޑުމެން ގަބޫލު ކުރަން އެބަޖެހޭ. ބޭރުން އިންވެސްޓަކުރަން އަންނަ މީހުންނަށް ފަސޭހަ ކަމާއެކު އިންވެސްޓް ކުރެވޭނެ ގޮތް ހެދުމަށްޓަކައި މިހާރު އަމަލު ކުރަމުންދާ ފޮރިން އިންވެސްޓްމަންޓް ގާނޫނު އިސްލާހު އަންނަން އެބަޖެހޭ،" ޖަސްޓިސް މިނިސްޓަރު ކަމާއި ހޯމް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޑރ. ޖަމީލް ވިދާޅުވި އެވެ.
ގާނޫނީ ނިޒާމަށް ރަނގަޅު ބަދަލު ގެނައުމުގެ ނިޔަތް ދައުލަތުގެ ހުރިހާ މުއައްސަސާއެއްގައި އެބަހުރި ކަމަށް ފާހަގަ ކުރައްވައި ނައިބު ރައީސް ވިދާޅުވީ ވިޔަފާރީގެ ދާއިރާއަށް ގާނޫނީ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އެގޮތުން ޝަރުއީ ދާއިރާގެ ކޯޓުތަކުން ސަރުކާރަށް އެއްބާރުލުން ދިނުމަށް ނައިބު ރައީސް ގޮވާލެއްވި އެވެ.
ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވާ ފަރާތްތަކަށް އަދަބު ނުލިބޭ ކަމަށް އިޝާރާތް ކުރައްވައި ނައިބު ރައީސް ވިދާޅުވީ ފެހި ގާނޫނު އަސާސީއާއެކު އެފަދަ ފަރާތްތަކަށް އަދަބު ލިބިގެންދާނެ ކަމަށް ރައްޔިތުން ގަބޫލު ކުރި ކަމަށާއި ނަމަވެސް ފަސާދައިގެ އަމަލުތައް ހިންގި ފަރާތްތަކަށް އަދަބު ލިބިގެންދިޔަ ތަކެއް ނުފެންނަ ކަމަށެވެ.
"މިއަދު ފެންނަނީ ބިރެއް ނެތި ރައްޔިތުންގެ މުދަލާ ޖާމިނުވާ ފަރާތްތަކުން ފަސާދައިގެ އަމަލުތައް ހިންގުމަށްފަހު ތަނަވަސްކަން ހޯދާތަން. ރައްޔިތުންގެ މުދަލަށާއި ފައިސާއަށާއި ބިން ބިމަށާއި ފަޅު ރަށްތަކާއި ފަޅުތަކާއި ގިރިތައް ގާނޫނުން އެއްކިބާ ކުރުމަށްފަހު، އެތަކެއް މުއާމަލާތްތަކެއްކޮށް، ފަސާދައިގެ އަމަލު ހިންގާ ކަމުގެ ތުހުމަތުތަކާއި ތަހުގީގުތައް ފެނޭ. އެކަމަކު ގާނޫނުގެ ހުކުމަށް ވާސިލްވެ، ރައްކާތެރިކަން ގާއިމްވާތަނެއް ހިތާމަޔާއެކު ފެނިގެން ނުދޭ،" ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރެއްވި ޑރ. ޖަމީލް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިއަހަރު ތެރޭގައި ސަރުކާރުން 64 ބިލެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ފަސް އަހަރުގެ ދައުރުގައި ޖުމްލަ 206 ބިލެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.