އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުން ރާއްޖެއިން ބޭރަށް ވެސް، އަދި މާލެއިން ބޭރަށް ވެސް ފުރައިގެން ނުދިއުމަށް ސުޕްރީމް ކޯޓުން އަންގައިފި އެވެ.

ސުޕްރީމް ކޯޓުން އީސީގެ މެމްބަރުންނަށް އެގޮތަށް އެންގީ އެ ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ވާހަކަ ދައްކާ ކަމަށް ބުނެ އާއި އަމުރުތަކަށް ކިޔަމަން ނުވާ ކަމަށް ބުނެ އެ ކޯޓުން އަމިއްލަ އަށް ބަލަމުން އަންނަ މައްސަލައާ ގުޅިގެންނެވެ.

އެ މައްސަލާގައި ފައިސަލާ ކުރަނިވި ހުކުމެއް ކުރަންދެން، ރަށުން ބޭރަށް ފުރައިގެން ނުދިނުމަށް އެންގީ އީސީގެ ހަތަރު މެމްބަރުން މިއަދު ހަވީރު 4:30 އަށް ސުޕްރީމް ކޯޓަށް ހާޒިރު ހާޒިރު ކުރުމަށްފަހު އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓަރު ޖެނަރަލް މުހައްމަދު ޝަކީލް ވިދާޅުވީ ސުޕްރީމް ކޯޓުގެ އެންގެވުމާ އެއްގޮތަށް އީސީގެ ހުރިހާ މެމްބަރުން ވެސް އަމަލު ކުރައްވާނެ ކަމަށެވެ.

ޝަކީލް ވިދާޅުވީ ސުޕްރީމް ކޯޓުން މިއަދު އެ ކޮމިޝަނަށް އަމުރެއް ވެސް ފޮނުވާފައިވާ ކަމަށެވެ. އެ އަމުރުގައި ބުނެފައި ވަނީ އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:30 ބާއްވާ އަޑުއެހުމަށް އީސީގެ ހަތަރު މެމްބަރުން ވަޑައިގަތުމަށެވެ.

ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ވާހަކަ ދައްކައި އަމުރުތަކަށް ކިޔަމަން ނުވާ މައްސަލާގައި މިހާތަނަށް ވަނީ ތިން އަޑުއެހުމެއް ބާއްވާފަ އެވެ. މިހާތަނަށް ސުޕްރީމް ކޯޓުން ބޭއްވި އަޑުއެހުންތައް ކުރިއަށް ގެންގޮސްފައި ވަނީ ދެ ފަރާތުން ވެސް ދިފާއުގައި ވަކާލާތު ކުރާ ތަނެވެ.