އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޑީއާރުޕީ ޖޫރިމަނާކޮށްފި އެވެ.

އީސީން ބުނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް ޕީޕީއެމުން ފޯމު ހުށަހަޅާފައި ވާތީ އެ ޕާޓީ 6000 ރުފިޔާ އިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް ފޯމްތަކެއް ހުށަހަޅައިގެން ޑީއާރުޕީ ޖޫރިމަނާކޮށްފައި ވަނީ 5000 ރުފިޔާ އިންނެވެ. އެ ޕާޓީ ޖޫރިމަނާކޮށްފައި ވަނީ އެކަކުގެ އިނގިލީގެ ނިޝާން ޖަހައިގެން ފޯމްތަކެއް ހުށައެޅުމުން ކަމަށް ވެސް އީސީން ބުންޏެވެ.

ޕީއެމް ފުރަތަމަ ފަހަރަށް ޖޫރިމަނާ ކުރީ ޕާޓީއަށް ވަންނަން އެދޭ ފޯމު ، މަރުވެފައިވާ މީހެއްގެ ނަމުގައި ހުށަހެޅުމުންނެވެ. އެއީ މިދިޔަ ޖެނުއަރީ މަހުއެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު އިލެކްޝަންސް ކޮމިޝަނުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ޑީއާރުޕީގައި އޭރު ތިބީ 19308 މެމްބަރުންނެވެ. އަދި ޕީޕީއެމްގައި ތިބީ 24311 މެމްބަރުންނެވެ.

ޑީއާރުޕީއާއި ޕީޕީއެމް އަކީ އިދިކޮޅު އެމްޑީޕީއަށް ފަހު ރާއްޖޭގައި ދެން އެންމެ މެމްބަރުން ގިނަ ދެ ޕާޓީ އެވެ. އެ ދެ ޕާޓީގައި މިހާރު މެމްބަރުން ތިބި އަދަދު ބެލޭގޮތެއް ވަނީ ނުވެފަ އެވެ.