05 Mar 2014, 16:05
ރާއްޖޭގެ އެއާކްރާފްޓް މެއިންޓެނަންސް އިންޖިނިއަރުންތަކެއް އެ މީހުން ހެދި ޓެސްޓެއްގައި ކޮޕީ ކުރުމާއި ރިޝްވަތުގެ އަމަލުތަކެއް ހިންގަން އުޅުނުކަން ފަޅާ އަރައިފި އެވެ.
އެއާކްރާފްޓް އިންޖިނިއަރުންނަށް ލައިސަންސް ލިބެނީ ތިއަރީ ޓެސްޓެއް އަދި އަމަލީ ތަޖުރިބާ ލިބިގެން ކަމަށްވާއިރު އެނގިފައިވާ ގޮތުގައި މައްސަލަ ޖެހެން މެދުވެރިވީ މޮޑިއުލްތަކަކަށް ބަހާލައިގެން ތިއެރީ ބައި ހެދި އިންޖިނިއަރުންތަކެއްގެ އެވެ.
އެނގިފައިވާ ގޮތުގައި ގްރީސްގެ ހެލެނިކް އޭވިއޭޝަން ޓްރެއިނިން އެކަޑަމީ (ހާޓާ) އިން ރާއްޖޭގައި 2012 އަދި 2013 ވަނަ އަހަރުގެ އޮގަސްޓް މަހުގައި ހިންގި ޓެސްޓުގައި ބައިވެރިވި ގިނަ އިންޖިނިއަރުންތަކެއް ވަނީ އެ ޓެސްޓުގައި ކޮޕީ ކުރުމުގެ އިތުރުން ހާޓާގެ އޮފިޝަލުން ވަޑައިގެން ތިއްބެވި ހޮޓަލަށް ދިއުން ފަދަ ކަންތައްކޮށް، ރިޝްވަތުގެ ބައެއް ކަންކަން ވެސް ހިންގައިފަ އެވެ.
ގްރީސްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން ވަނީ އެ މައްސަލަތައް ބަލައި ރާއްޖޭގައި ހާޓާ އިން ދޫކުރި ސެޓްފިކެޓްތައް ބާތިލްކޮށް ބޮޑު ތަހުގީގެއް ފަށައިފަ އެވެ.
"ދިވެހިރާއްޖޭގައި ހާޓާ އިން 2012 ވަނަ އަހަރު އަދި 2013 ވަނަ އަހަރު ހިންގި ޓެސްޓުތަައް ވަނީ ބާތިލް ކަމަށް ކަނޑައަޅައިފަ،" ސީއޭއޭ އިން ނެރެފައިވާ ބަޔާނެއްގައިވެ އެވެ. "އެހެންކަމުން ގުޅުން ހުރި ހުރިހާ ސެޓްފިކެޓްތަކެއް ވެސް ވަނީ ބާތިލްވެފަ."
ސީއޭއޭގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ހާޓާގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށާއި މި މަރުހަލާގައި ހާޓާއިން ދޫކޮށްފައިވާ އެއްވެސް ސެޓިފިކެޓަކާ ގުޅުން ހުރި ހުއްދައެއް ފަދަ އެއްޗެއް ދޫ ނުކުރުމަށެވެ.
ސިވިލް އޭވިއޭޝަން ޑިޕާޓްމަންޓުގެ އެއާ ވާތިނަސް ޑިރެކްޓާ އަބްދުﷲ މުހައްމަދު ވިދާޅުވީ ހާޓާ އިން ދޫކުރި ސެޓްފިކެޓްތައް ބާތިލް ކުރުމުން 12 އިންޖިނިއަރެއްގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށެވެ.
އަބްދުﷲ މުހައްމަދު ވިދާޅުވީ ލައިސަންސް ހިފަހައްޓާފައިވާ 12 މީހުންގެ ތެރެއިން 10 މީހުންގެ ލައިސަންސް ހިފަހައްޓާފައި ވަނީ ފުލްކޮށް ކަމަށާއި އަނެއް ދެ މީހުންގެ ލައިސަންސް އިން ހިފަހައްޓާފައި ބަނީ ބައެއް ބައިތައް ކަމަށެވެ.