އިންތިޚާބުތައް ބޭއްވުމުގައި ސުޕްރީމް ކޯޓުގެ ގައިޑުލައިންތަކަށް އަމަލުކުރުމަކީ އިޚްތިޔާރީ ކަމެއްގެ ގޮތުގައި ނެހެދޭނެ ކަމަށް އެ ކޯޓުގެ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ މިހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ އިސްނެގުމަކަށް އިލެކްޝަންސް ކޮމިޝަނާ ގުޅޭގޮތުން ބަލަމުންދާ މައްސަލައިގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ވަނީ އިލެކްޝަންސް ކޮމިޝަންގެ ހަތަރު މެމްބަރުންނާ ތަފާތު ސުވާލުތައް ކުރިމަތިކުރުވާފަ އެވެ.

ހުރިހާ ކެންޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއިނުކުރިއަސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާއްވާނެ ކަމަށް އެއްވެސް ތަނެއްގައި ދެންނެވިންތޯ ފަނޑިޔާރު އެއްސެވުމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވަނީ އެކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.

ފުވާދު އެކަމަށް އެއްބަސްވެވަޑައިގަތުމުން ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ ގައިޑުލައިނަށް އަމަލުކުރުމަކީ އިޚްތިޔާރީ ކަމެއްގެ ގޮތުގައި ދޫނުކުރެވޭނެ ކަމަށާއި ގައިޑުލައިންގައިވާ ހުރިހާ ކަމެއް ފުރިހަމަކުރަން ޖެހޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބަލަނީ ގާނޫނު އަސާސީގެ ރޫހާ ޚިލާފަށް ކަމަށް މަޖިލީހުގެ ކޮމެޓީއެއްގައި ވިދާޅުވިކަމަށް ވެސް ފުއާދު ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

ފުވާދު ވިދާޅުވީ މީހެއްގެ މައްޗަށް ދައުވާ ކުރާއިރު ދެ ޚަސްމުނާއި ދައުވާ ކުރާފަރާތެއް އޮންނަންޖެހޭނެ ކަމަށާއި ނަމަވެސް ސުޕްރީމް ކޯޓަކީ އެ މައްސަލައިގެ އެއް ޚަސްމުކަމަށްވުމުން އެ ކޯޓަށް މައްސަލަ ބެލޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ވިދާޅުވީ ޝަރުއީ ކޯޓުތަކުގައި ހިނގާ މައްސަލަތަކާ ގުޅޭ ގޮތުން އެއްވެސް ތަނެއްގައި ވާހަކަ ނުދެއްކޭނެ ކަމަށެވެ. އަދި ވިދާޅުވީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ބަހުސްނުކުރެވޭނެ ކަމަށް މީގެ ކުރިން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާނެ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުން އެއްވެސް ކަމެއް އިއުލާންކޮށްފައެއް ނުވެ އެވެ.އިން