މާލޭގެ ރަށްވެހިންގެ ތެރެއިން، ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ މީހުންނަށް ހައްލެއް ހޯދައި ދިނުމަށް ސަރުކާރުން ފަށާފައިވާ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުށަހަޅާ ފޯމްތަކަށް މާކްސް ހުށަހަޅާ ފަރާތެއްގެ ހާޒިރުގައި ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު އޮތް ޕްރެސް ކޮންފަރެންސެއްގައި މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ ފޯމްތަކަށް މާކްސް ދިނުމުގައި ދިމާވާ މައްސަލަތައް މަދުކުރުމަށް ޓަކައި މިފަހަރު ފޯމްތައް ހުށަހަޅާ ފަރާތެއްގެ ހާޒިރުގައި ފޯމްތަކަށް ވަގުތުން މާކްސް ދޭނެ ކަމަށެވެ. އަދި އެކަމަށް ބޭނުންކުރާނެ ސޮފްޓްވެއާއެއް ވެސް މިހާރު ތައްޔާރުކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިފަހަރު ފޯމް ބަލައިގަންނާނީ ސޮފްޓްވެއާއެއް މެދުވެރިކޮށް. ސޮފްޓްވެއާ މިހާރު ޓެސްޓް ކުރުމުގެ މަރުހަލާއެއް ކުރިއަށްދަނީ. ފޯމް ބައްލަ ގަންނަ އިރުގައި އޭނާގެ މައުލޫމާތުތައް އޭނާގެ ހާޒިރުގައި އެންޓާ ކުރެވި ސޮފްޓްވެއާ އިން ކަލްކިއުލޭޓް ކުރެވި މާކްސް ދެވިގެންދާނީ،" މުއްތަލިބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފޯމްތައް ބަލައިގަތުމުގައި ވަގުތުން ސްކޭން ކުރެވިގެން ރައްކާކުރެވޭނެ ކަމަށެވެ. އަދި ވަގުތުން އެންޓާ ކުރުމަށް ފަހު ސޮފްޓްވެއާގައި ރައްކާކުރެވޭ މައުލޫމާތަކަށް ކޮންމެ މީހަކަށް ބަދަލެއް ނުގެނެވޭނެ ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ.

ނަމަވެސް މާކްސް ލިބޭ އުސޫލަކުން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ގެތަކަށް ވަކިން ގޮސް އެމީހަކު އުޅޭ ހާލެއް ބެލުމަށް ފަހު، ދޮގު މައުލޫމާތެއް ހިމަނާފައިވާ ނަމަ މާކްސް އުނިކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވީ މިފަހަރުގެ ފޯމްތަކުގައި ފުރިހަމަކުރަން ޖެހޭ މައުލޫމާތުތަކުގެ ސަބަބުން ބައެއް ޝަކުވާތަކެއް މިނިސްޓްރީ އަށް ހުށަހަޅަމުންދާ ކަމަށެވެ. އަދި އެ ގޮތަށް ފޯމްތައް ތައްޔާރުކޮށްފައި ވަނީ "ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފޯމްތައް ދޫކޮށްލާ އުސޫލުން ދޫކޮށްލެވޭ ވަރަށްވުރެ ބޮޑު ކަމަކަށް ވާތީ" ކަމަށާއި އެކަމުގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ފަސޭހަކޮށް ފުރާފައި ލެވޭނެ ފޯމެއް ނޫން. ނަމަވެސް ހުރިހާ ލިޔެކިޔުންތަކެއް ހޯއްދަވައިގެން ފޯމް ފުރުއްވާ ނަމަ ދަތިތަކެއް ކުރިމައްޗެއް ނުވާނެ. އެއީ ދެމަސް ދުވަސް ދިނުމުގެ ބޭނުމަކީ ވެސް، އަދި މައްސަލައެއް ދިމާވާ ނަމަ އެކަމަށް މިނިސްޓްރީ އަށް ހިއްސާ ކުރައްވަންވީ،" މުއްތަލިބު ވިދާޅުވި އެވެ.

މީގެ އިތުރުން ފޯމާއި އެކުގައި ހުށަހަޅަން ޖެހޭ ބައެއް ލިޔެކިޔުންތައް އެއީ އެބޭފުޅަކު ދެއްވާ މައުލޫމާތުތަކަކީ ސައްހަ މައުލޫމާތުތޯ ބެލުމަށް ހުށަހަޅަން ޖެހޭ އެއްޗެހި ކަަމަށާއި އެކަމަށް މާކްސްއެއް ނުދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ފަށާފައިވާ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އަޅަން ނިންމާފައިވާ ފްލެޓްތަކަށް އެދުމުގެ ފުރުސަތު މިދިޔަ އާދީއްތަ ދުވަހުން ހުޅުވާލާފައިވާ އިރު، އެ ފްލެޓްތަކަށް މިހާތަނަށް 6000 އަށް ވުރެ ގިނަ މީހުން ފޯމް ގެންގޮސްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ފަޔާޒް މިއަދު ވިދާޅުވީ ސަރުކާރުން ތައާރަފްކުރި ތިން ކެޓަގަރީގެ ތެރެއިން މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ޖެހިފައިވާ މީހުންނާ އެކު، މާލޭގައި ރަށްވެހިވެފައިވާ މީހުންގެ ކެޓަގަރީން މިހާތަނަށް 2970 ފޯމް ދޫކުރެވިފައިވާ ކަމަށެވެ.

މާލޭގައި ގިނަ ދުވަހު ދިރިއުޅެމުންދާ، އަތޮޅުތަކުގެ މީހުންނަށް އަމާޒުކޮށްފައިވާ ކެޓަގަރީއަށް 3267 މީހުން ފޯމް ގެންގޮސްފައިވާ އިރު މާލޭގެ ރަށްވެހިންގެ ތެރެއިން ބިމެއް އޮވެ، އެހެންނަމަވެސް ބިމުގެ ދަތިކަން ކުރިމަތިވެފައިވާ މީހުންގެ ތެރެއިން އެ ބިންކޮޅު އެއްކޮށް ސަރުކާރަށް ދޭން އެއްބަސްވާ ފަރާތްތަކުގެ ކެޓަގަރީން ފޯމް ގެންގޮސްފައި ވަނީ އެންމެ މީހެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު ތައާރަފްކުރި އެ އާ ސޯޝަލް ހައުސިން ސުކީމް ދަށުން އަޅަން ނިންމާފައި ވަނީ 1100 ފެލްޓެވެ. އަދި އެ ފްލެޓްތައް ތިން ކެޓަގަރީއަކަށް ބަހާލާފައިވާ އިރު ފުރަތަމަ ކެޓަގަރީއަށް ދޭން ނިންމާފައި ވަނީ 1100 ފެލްޓްގެ 40 ޕަސެންޓެވެ. އަދި ދެން ހުރި ދެ ކެޓަގަރީ އަށް ދޫކުރަން ނިންމާފައި ވަނީ 30 ޕަސެންޓެވެ.