ގައިން ގަޔަށް ނާރާ ބަލިތައް ރާއްޖޭގައި ގިނަވުމުގެ އެއް ސަބަބަކީ ވެހިކަލް ގިނަވުން ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

މިހާރު ރާއްޖެވަޑައިގެން އުޅުއްވާ ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑައިރެކްޓަރް ފޯ ސައުތު އީސްޓް އޭޝިއާ ޑރ. ޕޫނަމް ކެތުރަޕާލް ސިންގް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލް ކުރުމަކީ ވެސް އެކަމުގެ އެއް ސަބަބު ކަމަށެވެ. ޕޫނަމް އެ މޭރުމުން ވާހަކަފުޅު ދެއްކެވީ ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އަރިހުގައި ޓްރޭޑާސް ހޮޓަލުގައި މިއަދު ބޭއްވެވި ނޫސްކޮންފަރެންސެއްގަ އެވެ.

"...ތިންވަނަ ކަމަކަށް އަޅުގަނޑަށް ފާހަގަވީ ގައިން ގަޔަށް ނާރާ ބަލިތަކުގެ ސަބަބުން މަރުވާ މީހުންގެ އަދަދު. ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ގައިންގަޔަށް ނާރާ ބަލިތަކުގައި މީހުން މަރުވާ ރޭޓު އެންމެ މަތީ ރާއްޖޭގައި. މިއީ ވަރަށް ފަރުވާތެރިކަމާ އެކު ބަލަން ޖެހޭ ކަމެއް. އެކަން އެހެން އެވަނީ ކީއްވެތޯ؟ ގިނަ ސަބަބުތަކެއް އެބަހުރި. ކުރިން ވެސް އަޅުގަނޑު ދެންނެވި ފަދައިން ވެހިކަލްތައް ވަނީ ގިނަވެފައި. ކުރިން އުޅުނު ގޮތަށް ހިނގާފައި އުޅުން މީހުން ވަނީ ދޫކޮށްލާފައި. ގައިންގަޔަށް ނާރާ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވާ ހަތަރު ކަމެއްވޭ. އެއް ކަމަކީ ބަނގުރާ ބުއިން. ދެވަނަ ކަމަކީ ދުންފަތުގެ އިސްތިއުމާލު ކުރުން. ތިންވަނަކަމަކީ ސިއްހީ ގޮތުން ރަނގަޅު ނޫން ކާނާ ބޭނުންކުރުން. ހަތަރުވަނަ ކަމަކީ ކަސްރަތު ނުކުރުން،" ޕޫނަމް ވިދާޅުވި އެވެ.

ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލް ކުރާ މީހުން އިތުރުވުމަކީ ވެސް ސަމާލުކަން ދޭން ޖެހިފައިވާ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"... ދެވަނަ ކަމަކަށް ފާހަގަވީ ދުންފަތުގެ އިސްތިއުމާލު ކުރާ މިންވަރު އިތުރުވުން. ޑަބްލިއުއެޗްއޯގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ އާބާދީގެ 40 ޕަސެންޓް މީހުން ދުންފަތުގެ އިސްތިއުމާލް ކުރޭ. 40 ޕަސެންޓް މީހުން ދުންފަތުގެ އިސްތިއުމާލް ކުރާ ނަމަ ، ސެކަންޑްހޭންޑް ސްމޯކްގެ ސަބަބުން، ދުންފަތުގެ އިސްތިއުމާލް ނުކުރާ މީހުންނަށް އަސަރު ކުރާނެ މިންވަރު ވިސްނާލައްވާ. މިއީ ރާއްޖޭން ފޯކަސް ކުރަން ޖެހޭ ކަމެއް،" ޕޫނަމް ވިދާޅުވިއެވެ.

ޕޫނަމް ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑައިރެކްޓަރު ކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ މިއީ ފުރަތަމަ ދަތުރުފުޅެވެ. ނަމަވެސް ފާއިތުވި 15 އަހަރު ދުވަސް ތެރޭގައި ރާއްޖެއަށް އެތައް ފަހަރަކު ރާއްޖެއަށް ދަތުރުކުރައްވާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

" ... އަޅުގަނޑަކީ ރާއްޖެއަށް ބީރައްޓެއްސެއް ނޫން. އަޅުގަނޑު ވަނީ ވަރަށް ގިނަ ފަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައި. ފާއިތުވި 15 އަހަރު ދުވަސް ތެރޭގައި އަޅުގަނޑު އެތައް ފަހަރަކު ޒިޔާރަތްކުރިން. އަންނަ ކޮންމެ ފަހަރަކު އަޅުގަނޑަށް ފެންނަނީ ބަދަލުތަކެއްގެ ތެރޭގައި ރާއްޖެވާތަން،" ޕޫނަމް ވިދާޅުވިއެވެ.