އައިޖީއެމްއެޗްގެ ލެބޯޓަރީ ޓެކްނީޝަނެއްގެ އިހުމާލުން އެޗްއައިވީ އަށް ޕޮޒިޓިވްވެފައިވާ ލޭ އެޅި އަންހެން މީހާ، އޭޑީކޭ ހޮސްޕިޓަލްގައި ސިޒޭރިއަން ހަދައި، ބަނޑުގައިވާ ދަރިފުޅު ނަގައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވީ އެ އަންހެން މީހާ ސިޒޭރިއަން ހެދީ މިހަފްތާގެ ކުރީކޮޅު ކަމަށާއި އޭނާ އަށް ލިބުނީ އަންހެން ކުއްޖެއް ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި އެ ކުއްޖާއަށް އެޗްއައިވީ ޖެހިފައިވާކަން ނުވަތަ ނޫންކަން އެނގޭނީ ޓެސްޓުކުރުމުން ކަމަށެވެ. އަދި ވިދާޅުވީ ޑަބްލިޔުއެޗްއޯގެ ގައިޑްލައިންގައިވާ ގޮތުން އަލަށް އުފަންވާ ކުއްޖަކު އެޗްއައިވީ ޖެހިފައިވޭތޯ ބެލުމަށް ފުރަތަމަ ފަހަރަށް ޓެސްޓްކުރާނީ 14 ދުވަސް ފަހުން ކަމަށެވެ.

"އެ ކުއްޖާގެ ހާލު ރަނގަޅު. އެޗްއައިވީ ޖެހުނުކަން ނުވަތަ ނޫންކަން އެނގޭނީ ޓެސްޓުކުރުމުން. ޑަބްލިޔޫއެޗްއޯގެ ގައިޑްލައިންގައި ވާގޮތުން ޓެސްޓު ކުރެވޭނީ 14 ދުވަސްފަހުން،" އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން އައިޖީއެމްއެޗާއި ހެލްތު މިނިސްޓްރީން ވަނީ މައާފަށް އެދިފަ އެވެ. އަދި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވަނީ ވިދާޅުވެފަ އެވެ.

އެޗްއައިވީލޭ އެޅުމުގައި އިހުމާލުވި ލެބޯޓަރީ ޓެކްނީޝަނަކީ އިންޑިއާގެ ރައްޔިތެކެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް ޓަކައި ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ.