05 Mar 2014, 14:08
ރ. އަތޮޅުގެ ތަރައްގީއަށްޓަކައި އެ އަތޮޅުގައި އެއާޕޯޓެއް އޮންނާނެ ކަމަށާއި އެކަން މިސަރުކާރުން ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާއަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު އަމީތުގެ ކެންޕޭން އޮފީސް ހުޅުވުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ތަރައްގީގެ އެކިއެކި މަޝްރޫއުތަކުން މަހުރޫމްވެފައިވާ ރައްޔިތުންނަށް އެ ތަރައްގީ ގެނެސްދިނުމަށް ސަރުކާރުން މިހާރު ވެސް ހަރުދަނާ ޕްރޮގްރާމްތަކެއް ފަށައިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ބޮޑެތި އާބާދީތަކުގެ ތެެރެއިން ހަމައެކަނި ރ. އަތޮޅަށް އެކަނި ބަލައިލި ނަމަވެސް އެ އަތޮޅަކީ ޒުވާނުންގެ އާބާދީ ބޮޑު އަތޮޅެއް ކަމަށާއި އެއަތޮޅަކީ ތަރައްގީ ލާޒިމްވެފައިވާ އަތޮޅެއް ކަމަށެވެ. އެގޮތުން އެ އަތޮޅުގެ ރަށްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަ ކަމަށް ބޭނުން ހިފޭ ގޮތަށް އަދި އެ އަތޮޅުގައި އުފެދޭ ރަށްރަަށަށް ޓޫރިސްޓުން ގެނައުމަށް ފަސޭހަވާ ގޮތަށް އެ އަތޮޅުގައި އެއާޕޯޓެއް އޮންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"ރ. އަތޮޅުގައި ޒުވާނުންނަށް ވަޒިފާގެ ފުރުސަތުތައް އިތުރުވާން އެބަޖެހޭ. އެ އަތޮޅުގެ ވަށައިގެން ހުރި ރަށްރަށުގެ ކުނިގޮނޑު އެއް ރަށަކަށް އެބަ ގެންނަންޖެހޭ. ރ.އަތޮޅަކީ ޓޫރިޒަމްގެ ރަށެއް ކުރިއަށް އޮތް ތަނުގައި އުފެދޭނެ ރަށެއް. މިހާރު ވެސް އެބަހުރި ޓޫރިސްޓް ރަށްރަށް. ޒުވާނުންނަށް ވަޒީފާ ހޯދައިދިނުމަށްޓަކައި މިއީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް، އަދި އަޅުގަނޑުމެންގެ ވައުދެއް ވެސްމެ، އެހެންކަމުން ރ. އަތޮޅުގައި އެއާޕޯޓެއް އޮންނަން ޖެހޭނެ، އަޅުގަނޑުމެން އެކަން ކުރާނަން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރޭގެ އެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ތަރައްގީގެ ވާހަކަަތަކުގެ ތަފްސީލް ރިޔާސީ ބަޔާނުގައި ނެތް ކަމަށް ބުނެ ވާހަކަދައްކާ ފަރާތްތަކަށް ނިސްބަތްކުރައްވައި ރައީސް ވިދާޅުވީ ޕީޕީއެމުން ވެރިކަމަށް އައިީ އިގުތިސާދީ މެނިފެސްޓޯއަކާ އެކުގައި ކަމުގައިވާއިރު އިޖުތިމާއީ ހުރިހާ މައްސަލަތައް ވެސް ހައްލުކުރެވެން އޮތީ އިގުތިސާދީ ގޮތުން ބާރުގަދަ އިގުތިސާދެއް އޮންނަ ފުދުންތެރި ސަރުކާރެއް އޮވެގެން ކަމަށެވެ. ވަކިވަކި ފަރުދުންނާއި އެކިއެކި ކުންފުނިތަކާއި ޖަމާއަތްތަކަކީ ވެސް ތަނަވަސް ބަޔަކަށް ވެގެން ކަމަށް ރައީސް ވިދާޅުވި އެވެ.