20 Dec 2010, 11:39
ނޫސްވެރިކަމުގެ މިނިވަންކަމަށް ރައްޔިތުންގެ މަޖުލީހުން ހުރަސް ނޭޅުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވައިލައިފި އެވެ.
ރައްޔިތުން މަޖުލީހުގެ ޖަލްސާތައް މީޑިއާ އިން ފޮނުވުމުގައި "ހުއްދަ ކުރެވިފައިވާ މިންގަނޑުތަކާ ހިލާފަށް މެންބަރުގެ އިމްތިޔާޒުތަކާއި އަބުރާއި އިއްޒަތަށް ހުތުރުވާ ގޮތަށް މަޖުލީހުގެ ޖަލްސާތައް ދައްކަމުންދާތީ" ކަމަށް ބުނެ ދި ޓީވީ އާއި ވީޓީވީ މަޖުލީހުގެ ކޮމެޓީ އަކަށް ހާޒިރުކުރުމާ ވިދިގެން އެމްޖޭއޭ އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނަނީ މަޖުލީހުގެ މެންބަރުން ދައްކަވާ ވާހަކަތައް އެޑިޓްކޮށް، ބައިބައި ދެއްކުމަކީ ނޫސްވެރިކަމުގެ ހަމަ އާއި އުސޫލު މަނާކުރާކަމެއް ނޫން ކަމަށާއި އެ ކަމުގެ ފުރިހަމަ ޒިންމާ ނަންގަވަން ޖެހޭނީ އެ ވާހަކައެއް ދެއްކެވި މެންބަރެއް ކަމަށެވެ.
"ރައްޔިތުން މަޖުލީހުގެ އާންމު ކޮމެޓީ އަށް ދެ މީޑިއަމެއް މިއަދު ހާޒިރުކޮށް ސުވާލުކޮށް އަދި މީޑިއާގެ ބައްޓަން ކުރަންވީ ގޮތާ ބެހޭ ގޮތުން ވާހަކަ ދެއްކުމަކީ ގާނޫނު އަސާސީން ހިޔާލުފާޅު ކުރުމަށް ދީފައިވާ މިނިވަންކަން ހަނިކޮށް، ބިރުދައްކައި ފިއްތުން ކުރިމަތިކުރުމަށް ކުރި ކަމެއް ކަމުގައި މި އެސޯސިއޭޝަނުން ދެކެމު އެވެ." އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި އެމްޖޭއޭ އިން ވަނީ މީޑިއާތަކުން ކަންކަން ރިޕޯޓުކުރުމުގައި އެކަމެއްގެ ހަގީގަތާއި އަސްލު ނުގެއްލޭ ގޮތަށް އަދި އިންސާފަށް ރިޕޯޓް ކުރުމަށް އެންމެހާ މީޑިއާތަކަށް ގޮވައިލައިފަ އެވެ. އަދި ރައްޔިތުންގެ މަޖުލީހަކީ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ރައްކާތެރިކޮށް ދިނުމާ ހަވާލުވެފައިވާ މުއައްސަސާއެއް ކަމުން ވަކި ބައެއްގެ ފިކުރާ އެއްގޮތަށް ވިސްނުން ގެންގުޅުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށާއި ރައްޔިތުންގެ މަޖުލީހުން އެއްވެސް ވަރަކަށް މިނިވަން ނޫސްވެރިކަމަށް ފިއްތުންތައް ކުރިމަތި ކުރުވައިގެން ނުވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
"މި އެސޯސިއޭޝަނުން ރައްޔިތުންގެ މަޖިލީހަށް ގޮވާލަނީ ގާނޫނު އަސާސީން ނޫސްވެރިކަމަށް ދީފައިވާ މިނިވަން ކަމަށް ކިތަންމެ ކުޑަ ނަމަވެސް ފިއްތުމެއް ކުރިމަތި ކުރުމުގެ ފުރުސަތު ނުދިނުމަށެވެ." އެ ބަޔާނުގައިވެ އެވެ.