05 Mar 2014, 13:38
ޓީވީއަކީ، އަހަރެމެންގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ، އާލާތެކެވެ. ވަކި އުމުރުފުރައެއް ނެތި، ތުއްތު ތުއްތު ކުދިންނާ ހިސާބުން ފެށިގެން ދުވަސްވީ މީހުންގެ ވެސް ގާތް އެކުވެރިއަކަށް ޓީވީ އޮންނަނީ ވެފަ އެވެ. އެކަމަކު ކުޑަކުދިން ނިދާ ކޮޓަރީގައި ޓީވީ ބެހެއްޓުމުން އެކުދިން ފަލަވާ ކަމަށް ބުނުމަކީ އާދައިގެ ވާހަކައެއް ނޫނެވެ.
އިނގިރޭސިވިލާތުގެ ޑެއިލީ މެއިލް ނޫހުން ބުނީ ކުޑަކުދިން ނިދާ ކޮޓަރީގައި ޓީވީ ބެހެއްޓުމުން އެކުދިން އާދަޔާ ހިލާފަށް ފަލަވާކަން ދިރާސާއަކުން އެނގިފައިވާ ކަމަށެވެ.
ނިދާ ކޮޓަރީގައި ޓީވީ ބެހެއްޓުމުން ކުދިން ފަލަވާކަން ސާބިތުކުރުމަށް ދިރާސާކުރި ފަރާތްތަކުން ވަނީ، އުމުރުން 10 އަހަރާއި 14 އަހަރާ ދެމެދުގެ އަންހެން އަދި ފިރިހެން 6522 ކުދިން ހިމަނައިގެން މިކަމާގުޅޭ ދިރާސާއެއް ކޮށްފަ އެވެ. އެގޮތުން 2003 ވަނަ އަހަރު އިނގިރޭސި ވިލާތުގައި ފޯނުގެ ޒަރީއާއިން ކުރި އެ ދިރާސާގައި، "ނިދާ ކޮޓަރީގައި ޓީވީ ހުރޭތޯ" ސުވާލުކޮށްގެން ހޯދި ހޯދުންތަކުން، ކޮންމެ ފަސް ކުދިންގެ ތެރެއިން ތިން ކުއްޖެއްގެ ނިދާ ކޮޓަރީގައި ޓީވީ ހުންނަ ކަމަށްވެ އެވެ. އަދި ހަމަ އެއާއެކު އެކުދިންގެ ބަރުދަނާއި ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) ވެސް ނޯޓު ކުރެވުނެވެ.
އޭގެ ދެއަހަރު ފަހުންނާއި އަދި ހަތަރު އަހަރު ފަހުން އަނެއްކާވެސް އެކުދިންގެ ބަރުދަނާއި ބީއެމްއައި ޗެކްކުރިއިރު، ނިދާ ކޮޓަރީގައި ޓީވީ ހުންނަ ކުދިންގެ ބަރުދަން، އެ ނޫން ކުދިންނާ އަޅާ ބަލާއިރު ބަރުކަމަށް ވަނީ ފާހަގަކުރެވިފަ އެވެ. އެގޮތުން ކޮޓަރީގައި ޓީވީ ހުންނަ ކުދިން އެވްރެޖް ގޮތެއްގައި 0.4 ކިލޯގްރާމް ބަރުދަން އިތުރުވެފައިވެ އެވެ. އަދި ދެއަހަރު ތެރޭގައި 0.5 ޕޮއިންޓަށް ބީއެމްއައި އިތުރުވެފައިވާއިރު ހަތަރު އަހަރު ތެރޭގައި 0.7 ޕޮއިންޓް އިތުރު ކަމަށް އެ ހޯދުންތަކުން ދައްކައެވެ.
ޖާނަލް އޮފް ދަ އެމެރިކަން މެޑިކަލް އެސޯސިއޭޝަން (ޖަމާ)ގެ ޕީޑިއެޓްރިކްސް ޖާނަލްގައިވާ ރިޕޯޓެއްގައި ބުނެފައިވާގޮތުން، ކޮޓަރީގައި ޓީވީ ބަހައްޓައިގެން ނިދާ ކުދިން "މޮޓާ"ވެ (އާދައިގެ ވަރަށްވުރެ ފަލަ) ބަރުދަން އިތުރު ވުން އެކުދިން ޓީވީ ބަލާ މިންވަރާ އެއްވެސް ގުޅުމެއް ނެތެވެ.
އެހެން ކަމުގައި ވެއްޖިއްޔާ ކުދިންގެ ފަލަވުމާއި ނިދާ ކޮޓަރީގައި ހުންނަ ޓީވީއާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟
ކަމާ ބެހޭ އެމެރިކާގެ ތަޖުރިބާކާރުން ދެކޭ ގޮތުގައި، ކޮޓަރީގައި ޓީވީ ހުރުމުން ކުދިންގެ ނިންޖަށް ހުރަސް އެޅެއެވެ. ނުވަތަ، ކާނާގެ ތަފާތު ބާވަތްތަކުގެ އިސްތިހާރުތައް ކުއްޖާއަށް ޓީވީއިން ފެނި، އެފަދަ ތަކެއްޗަށް ކުއްޖާގެ ސަމާލުކަން ލެނބޭގޮތް މެދުވެރިވެ އެވެ. އަދި އެފަރާތްތަކުން ވަނީ، ކުޑަކުދިންގެ މެދުގައި ދުވަހުން ދުވަހަށް މަގުބޫލުކަން ހޯދަމުންއަންނަ، އިލެކްޓްރޯނިކް އާލާތްތައް ކަމަށްވާ، ޓެބްލެޓްސް، އަދި ލެޕްޓޮޕް ކޮމްޕިއުޓާ ފަދަ ތަކެތިން އެ ކުދިންނަށް ދިމާވެދާނެ ސިއްހީ އެކިއެކި މައްސަލަތަކާ ބެހޭގޮތުން އިތުރު ހޯދުންތައް ހޯދުމަށް ގޮވާލައިފަ އެވެ.
"ހޯދުންތަކުން އެނގޭ ގޮތުގައި ކުރެވިދާނެ ވަރަށް މުހިއްމު ކަމެއް ކުދިން ނިދާ ކޮޓަރިން ޓީވީ ބޭރުކުރުން. އެއީ ކުދިން އާދަޔާ ހިލާފަށް ފަލަވުމާ ދެކޮޅަށް ގައުމީ ފެންވަރުގައި ކުރެވިދާނެ މަސައްކަތެއް،" އެމެރިކާގެ ޑާމައުތް ކޮލެޖްގެ ސްކޫލް އޮފް މެޑިސިންގެ ޕްރޮފެސަރެއް ކަމަށްވާ ޑަޔާން ގިލްބަޓް ޑަޔަމަންޑް ވިދާޅުވި އެވެ.
އިނގިރޭސިވިލާތުގައި 2013 ވަނަ އަހަރު ހެދި ދިރާސާއަކުން ދައްކާގޮތުގައި އެގައުމުގެ ކޮންމެ ދެ ކުއްޖަކުން އެއް ކުއްޖަކު ނިދާ ކޮޓަރީގައި ޓީވީ ހުރެ އެވެ.
އެމެރިކާގެ ލޮސްއެންޖަލިސްގައި ހުންނަ ޕެނިންޓަން ބަޔޯމެޑިކަލް ރިސާޗް ސެންޓަރުގެ ސައިންޓިސްޓެއް ކަމަށްވާ އަމަންޑާ ސްޓެއިނާނޯ ވިދާޅުވެފައިވަނީ، އެގައުމުގައި ކުރެވުނު ދިރާސާއަކުން ހާމަވެފައިވާގޮތުގައި، އުމުރުން ފަސް އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން 66 އިންސައްތަ ކުދިންގެ ނިދާކޮޓަރީގައި ޓީވީ ހުންނަ ކަމަށެވެ. އަދި ނިދާކޮޓަރީގައި ޓީވީ ނުހުންނަ ކުދިންނާ އަޅާ ބަލާއިރު، ކޮޓަރީގައި ޓީވީ ހުންނަ ކުދިންގެ އުނަގަނޑު ބޮޑުކަމާއި، އަދި ނިސްބަތުން ފަލަވެ ބަރުދަން އިތުރުކަން ހާމަވެފައި ވާކަމަށެވެ.
"ކުދިންގެ ހިތާއި މޭގެ ވަށައިގެން އެގޮތަށް 'ފެޓް' އުފެދުން އެއީ ވަރަށް ބޮޑު ނުރައްކަލެއް،" އޮންލައިން ނޫހެއް ކަމަށްވާ ޓުޑޭގައި އަމަންޑާ ވިދާޅުވެފައިވެ އެވެ.
މި މައްސަލަ ހަމަ އެކަނި "ފަލަ" ވުމާ ހިސާބުން ނިންމައިލެވޭކަށްވެސް ނެތެވެ. މިކަމުގައި ތަފާތު އެހެނިހެން ސިއްހީ މައްސަލަތައް ވެސް ބައިވަރެވެ. އެގޮތުން، ދުވާލެއްގެ މައްޗަށް ފަސް ގަޑިއިރަށްވުރެ އިތުރަށް ޓީވީ ކުރިމަތީގައި ވަގުތު ހޭދަކުރާ ކުދިންގެ ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަކުގައި ދެގުނަ އިތުރަށް "ފެޓް" އުފެދުމުގެ ފުރުސަތު ބޮޑުއިރު، މިކުދިންނަށް ހިތުގެ ބައްޔާއި އަދިވެސް މިފަދަ ތަފާތު ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުކަމަށް ތަޖުރިބާކާރުން ދެކެ އެވެ.
ދަ އެމެރިކަން އެކަޑަމީ އޮފް ޕީޑިއެޓްރިކްސް (އޭޕީޕީ) އިން ބުނެފައިވާ ގޮތުގައި، ދެ ގަޑި އިރަށްވުރެ ގިނަ ވަގުތު ކުޑަކުދިން ޓީވީ ބެލުމުގެ ފުރުސަތު ދީގެން ނުވާނެ އެވެ. އަދި އެގޮތަށް ދެވޭ ވަގުތުގައި ވެސް ކުދިންނާ އެކު ބެލެނިވެރިން ވެސް ވަގުތު ހޭދަކުރަން ޖެހޭނެ އެވެ.
"ކުދިން ނިދާ ކޮޓަރީގައި ޓީވީ ބެހެއްޓުމަކުން ލިބޭނެ ވަކި ފައިދާއެއް ނޯންނާނެ،" ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއް އަދި ކުރީގެ އޭޕީޕީގެ ކައުންސިލް އޮން ކޮމިއުނިކޭޝަން މީޑިއާގައި މަސައްކަތް ކުރެއްވި، ޑރ. ޑޮނާލްޑް ޝިފްރިން ވިދާޅުވި އެވެ.
ޑޮނާލްޑް ވިދާޅުވެފައި ވަނީ، ނިދާކޮޓަރީގައި ޓީވީ ހުރުމުން، ކުދިންނަށް ދިމާވާ ސިއްހީ މައްސަލަތަކުގެ އިތުރުން، އެކުދިންނަށް ނަހަމަ ގޮތުގައި މީޑީއާގެ ވަސީލަތްތައް ބޭނުންކުރުމަށް ވެސް ނުރައްކާތެރި ދޮރުތަކެއް ހުޅުވިގެންދާނެކަމުގެ ބިރު އޮތްކަމަށެވެ.
މިއީ ހަމައެކަނި ކުޑަކުދިންނަށް ދިމާވާނެ މައްސަލައެއް ނޫނެވެ. ބޮޑެތި މީހުންނަށް ވެސް ދިމާވާނެ މައްސަލައެކެވެ. އަދި މިއީކީ އިނގިރޭސިވިލާތުގެ ކުދިންނަށް ހާއްސަވާ ކަމެއް ވެސް ނުމެ ނޫންމެ އެވެ. މި ރާއްޖޭގައިވެސް ހާލަތު އޮތީ ހަމަ މިގޮތަށެވެ. ވެރިކަން ކުރާ މާލެއަށް އެކަނި ބަލައިލި ނަމަވެސް، ގޭބިސީއެއްގައި ތިން ހަތަރު ޓީވީ ނުހުންނަ ގެއެއް މަދުވާނެ އެވެ.
ކުދިން މަދަރުސާއިން އައުމަށްފަހު ގޭގައި ހޭދަކުރާ ގިނަވަގުތު ހޭދަކުނީ، ޓީވީއާއި، އައިޕެޑް ފަދަ ޓެބްލެޓް ތަކާއި ކޮމްޕިއުޓަރާއި ސްމާޓް ފޯން ފަދަ ތަކެތި ބޭނުންކޮށްގެން ގޭމުކުޅުމާއި ތަފާތު ޕްރޮގްރާމްތައް ބެލުމުގަ އެވެ. އަދި މަސައްކަތެއް ނެތިފައި ތިބޭ ބޮޑެތި މީހުންގެ ތެރެއިންވެސް ގިނަބައެއްގެ ހާލަކީ މިއެވެ.
މިގޮތަށް ހޭދަކުރާ ވަގުތު ތަކުގައި ހަށިގަނޑަށް ފައިދާ ނުކުރާނެ ފަދަ ތަފާތު ބާވަތްތަކުގެ ކާނާގެ ބާވަތްތައް ބޭނުން ކުރަމުން ގެންދެ އެވެ. ހަށިގަނޑަށް ފައިދާހުރި ކާނާއެއް ނުކެވޭއިރު ރަނގަޅު ފައިދާއެއް ކޮށްފާނެ ކަސްރަތެއް ކޮށްލަންވެސް ވަގުތެއް ނުލިބެ އެވެ.