ޓީވީއެމް އިން ގެނެސްދޭ "ކެންޑިޑޭޓުންގެ ބަހުސް 2014" ގައި މިއަދު މިއީ ވަރަށް ތަފާތު ދުވަހެކެވެ. މީގެ ކުރިން މުޅިން ވެސް ފެނިފައި ވަނީ ބަހުސަށް އަރައި ޕާޓީތަކުގެ ކެންޑިޑޭޓުން އެކަކު އަނެކަކަށް ބަހުގެ ހަމަލާތައް ދޭ މަންޒަރެވެ. މިއަދު ވެސް ފެނުނީ ހަމަ އެ ވާދަވެރިކަމެވެ. ތަފާތަކީ މިއަދު ހެނދުނު އޮތް ބަހުސްގައި ބައިވެރިވެފައި ވަނީ އެއްމާބަނޑު ދެބެއިން ކަމެވެ.

މޫސާ ނިޒާރު އިބްރާހިމް ޖޭޕީގެ ޓިކެޓްގައި ނިކުމެ ކެމްޕެއިން ކުރައްވަމުން ދަނީ އޭނާ އާއި އެއްމާބަނޑު ކޮއްކޮ ހަސަން ނިޒާރު އިބްރާހިމް ބަލި ކުރުމަށެވެ. ސިޔާސީ ގޮތުން އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ދެބެއިން ދެމުންދާ ބަހުގެ ހަމަލާތައް މިއަދު ވަނީ ޓީވީއެމް އާއި ދިވެހި ރާއްޖޭގެ އަޑުން ވަގުތުން ދުރަށް ފޮނުވައިފަ އެވެ.

އެމްބީސީ އިން ގެންދާ ދާއިރާތަކުގެ ބަހުސްގައި ބައިވެރިވެ ދެ ބެއިން ވެސް ވަނީ ބަހުގެ ހަމަލާތައް ރައްދުކޮށްފަ އެވެ. ތައުލީމާއި ތަޖުރިބާ ގޮތުން ތަފާތުތަކެއް ހުރި އެއް މާބަނޑު ދެބެއިން އެއް ދާއިރާއަކަށް ކުރިމަތިލި ސަބަބު މިއަދު އެމީހުން ހާމަ ކުރި އެވެ.

ރާއްޖެ އިން ބޭރުގެ ޔުނިވަސީޓީތަކުން ތައުލީމް ހާސިލް ކުރައްވާފައިވާ އަދި ރައްޔިތުން މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ މޫސާ ނިޒާރާ ދެކޮޅަށް އޭނާގެ އެއްމާބަނޑު ކޮއްކޮ ހަސަން ނިޒާރު ނިކުތީ "ތައުލީމާއި ތަޖުރިބާގެ ބޭނުން ބޭބެ ހިފާފައިނުވާތީ" ކަމަށް މިއަދު ހަސަން ނިޒާރު ވިދާޅުވި އެވެ.

"އެ ބޭފުޅާ [މޫސާ ނިޒާރު] ދާއިރާގެ ކައުންސިލްގައި ވެސް ހުންނެވި. ދާއިރާއަށް އަޅާލުމެއް ލިބިފައި ނެތީތީ އަޅުގަނޑު މިނުކުންނަން ޖެހުނީ. އެހެން ނޫން ނަމަ އަޅުގަނޑަކީ މި ދާއިރާ އަށް ނިކުންނާނެ މީހެއް ނޫން. އަޅުގަނޑު ހުންނާނީ ބޭބެގެ ފަހަތުގައި. އެއީ އަސްލު އަޅުގަނޑު މި ނިކުންނަން ޖެހުނު ސަބަބަކީ. ބޭބެގެ ލަޔާގަތު ތަންދިނަސް އެކަމެއް ނުއެއް ކުރެވޭ. ރައްޔިތުނަށް އެތަނެއް ނުއެއް ފެނޭ. ތިޔަ ބޭފުޅުން ހަނދުމަފުޅު ބަހައްޓަވާތި ވޯޓު ދެއްވާ އިރު. އަޅުގަނޑުގެ ނަންބަރަކީ ކެންޑިޑޭޓް ނަންބަރު ދޭއް،" އޭނާ ވިދާޅުވި އެވެ.

ހަސަން ނިޒާރަށް ރައްދު ދެއްވަމުން ބަހުސް ކުރިއަށްދިޔަ ވަގުތުގައި މޫސާ ނިޒާރު ވިދާޅުވީ ވޯޓު ދިނުމުގައި އާއިލީ ކަމެއްގެ ގޮތުގައި ބަލައިގެން ނުވާނެ ކަމަށެވެ. އަދި ވޯޓުދޭން ވާނީ މީގެ ކުރިން ސިޔާސީ ދާއިރާގައި ތަޖުރިބާތަކެއް ހޯދަފައިވާ މީހަކަށް ކަމަށެވެ. އަދި ތައުލީމީ ގާބިލު މީހަކު ކެޔޮދޫ ދާއިރާއަށް ހޮވާ ނަމަ އޭނާ އަކީ އެންމެ ގާބިލު މީހާ ކަމަށް އޭނާ ދެކޭ ކަމަށާއި އަދި އޭނާ އަކީ މީގެ ކުރިން ނަތީޖާ ނެރެދީފައިވާ މީހާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މުޅި ރާއްޖެއިން ވެސް އެކަކު މި ދާއިރާއަށް ހޮވާކަމަށްވާ ނަމަ މޫސާ ނިޒާރު ތިބޭފުޅުން ހޮވާކަމަށްވާ ނަމަ އަޅުގަނޑު ސުވާލެއް ނުކުރަން. ތި ބޭފުޅުންގެ ހިތުގައިވެސް އޮންނީ ކެންޑިޑޭޓް ނަންބަރު އެކެއް ކަން އަޅުގަނޑަށް އިނގޭ، " މޫސާ ނިޒާރު ވިދާޅުވި އެވެ.

އެ ދެ ބެއިންގެ ތަފާތީ ހަމަ އެކަނި ސިޔާސީ ފިކުރެއް ނޫނެވެ. މޫސާ ނިޒާރު ވިދާޅުވީ އޭނާ އަށް ވޯޓުދޭން ޖެހެނީ ތައުލީމާއި ތަޖުރިބާއަށް ބެލުމަށްފަހުގައި ކަމަށެވެ. އަޒުހަރު ޔުނިވަސިޓީން މަތީ ތައުލީމް ހާސިކުރުމަށް ފަހު މިއަދު އޭނާ ދަނީ މެލޭޝިޔާގެ އިސްލާމިކް ޔުނިވަސިޓީން ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން މަތީ ތައުލީމް އުނގެނެމުން ކަމަށެވެ. އޭގެ އިތުރުން އޭނާ ވަނީ ރައްޔިތުންގެ ހާއްސަ މަޖިލީހުގައި މީގެ ކުރިން މަސައްކަތްކޮށްފައި ކަމަށެވެ. އަދި އެންމެ ފަހުން އޭނާ ހުންނެވީ ކެޔޮދޫ ކައުންސިލްގެ ރައީސް ކަމުގެ މަގާމުގައި ކަމަށް ވިދާޅުވި އެވެ.

ރައްދުގައި ހަސަން ނިޒާރު ވިދާޅުވީ އޭނާއަކީ ފަތުރުވެރިކަމުގެ ދާއިރާއިންނާއި ވިޔަފާރީގެ ދާއިރާގެ އިތުރުން އިންޖިނިއަރިންގެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ މީހެއް ކަމަށާއި އޭގެ ބޭނުން ހިފާނެ ކަމަށެވެ. އަދި ވިދާޅުވީ އޭނާ އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް މަސައްކަތްކުރާނެ ކަމަށާއި އެ ދާއިރާގެ ރައްޔިތުން ވެސް ބޭނުން ވަނީ އެގޮތް ކަމަށެވެ. ނަމަވެސް ރައްދުގައި މޫސާ ނިޒާރު ވިދާޅުވީ ސަރުކާރުގެ ސަޕޯޓް ލިބިގެންނޫނީ ކެޔޮދޫ ދާއިރާގެ ތަރައްގީ ނުކުރެވޭނެ ކަމަށެވެ.

އެންމެ ތަފާތު ޖަވާބުތަކެއް ލިބިގެންދިޔައީ މިހާރު ހިނގަމުންދާ މަޖިލީހާއިމެދު ދެކޭ ގޮތާއިމެދު ޕްރެޒެންޓަރު ކުރި ސުވާލަށެވެ. ހަސަން ނިޒާރު ވިދާޅުވީ މިހާރު ހިނގަމުންދާ މަޖިލީހުގައި ހިތް ހަމަ ނުޖެހޭ ބައެއް ކަންކަން ހިނގަމުންދިޔަ ނަމަވެސް ޖުމްލަ ގޮތެއްގައި މަޖިލީހުގެ މަސައްކަތްތަށްދިޔައީ ވަރަށް ހިތްހަމަ ޖެހޭ ގޮތަށް ކަމަށެވެ. ނަމަވެސް އަނެއްކޮޅުން މޫސާ ނިޒާރުގެ ޖަވާބު އައީ އޭގެ އިދިކޮޅަށެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ދިޔައީ ގިނަ ރައްޔިތުން ހިތް ހަމަ ޖެހޭ ގޮތަށް ނޫން ކަމަށެވެ.