އެޗްއައިވީއަށް ޕޮޒިޓިވްވެފައިވާ ލޭ އެޅުނު އަންހެން މީހާގެ ދަރިފުޅުގެ ހާލު ރަނގަޅު ކަމަށް ހެލްތު މިނިސްޓަރު ޑރ. ޝަކީލާ ވިދާޅުވެއްޖެ އެވެ.

ޑރ. ޝަކީލާ މިހެން ވިދާޅުވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ވޯލްޑް ހެލްތު އޯގަނައިޒޭޝަން( ޑަބްލިއުއެޗްއޯ)ގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑައިރެކްޓަރު ޑރ.ޕޫނަމް ކެތުރަޕާލް ސިންގް އާ އެކު ޓްރޭޑާސް ހޮޓަލުގައި މިއަދު ބޭއްވެވި ނޫސްކޮންފަރެންސަކަށް ފަހު ބައެއް ނޫސްވެރިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

"ބޭބީ އިރާދަކުރެއްވިއްޔާ ރަނގަޅު. ކުއްޖާ ދަނީ މޮނިޓަ ކުރެވެމުން އިރާދަކުރެއްވިއްޔާ އަބަދު އަބަދު،" ޑރ. ޝަކީލާ ވިދާޅުވި އެވެ.

އެކުއްޖާ އެޗްއައިވީ އަށް ޕޮޒިޓިވް ވެފައިވާކަމެއް ނުވަތަ ނޫންކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ. ނަމަވެސް ކުއްޖާގެ މަންމަގެ ހާލާ ބެހޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވީ ކުއްޖާ ޕޮޒިޓިވް ނުވާކަން ދޭހަވާ ފަދަ ގޮތަކަށެވެ.

"މަންމައަށް ދެން ލޭ އެޅުނީމާ ދެން މަންމަގެ ހުންނާނެތާ ދޯ ކޮންމެ ގޮތެއް ވިޔަސް. ދިމާވި ކަންތަކާ އަޅާ ބަލާ އިރު މަންމަގެ ހާލު ވަރަށް ރަނގަޅު، މަންމަޔާ ހަމަ ވާހަކަ ދެކެވެމުން ދަނީ،" ޑރ. ޝަކީލާ ވިދާޅުވި އެވެ.

އެޗްއައިވީ ޕޮޒިޓިވް ލޭ މާބަނޑު އަންހެނެއްގެ ގަޔަށް އަޅާފައި ވަނީ އެކަން ކުރި ލެބް ޓެކްނީޝަން ރާޖޭޝް ކަކަންތު ބަސްކަރަން، 32، ގެ އިހުމާލުން ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.

ލޭ ހަދިޔާ ކުރަން އައި މީހާގެ ލޭ ނެގުމަށް ފަހު ޓެސްޓު ކުރުމުން އެޗްއައިވީ އަށް ޕޮޒިޓިވް ކަމަށް ދެއްކުމުން ވެސް އޭނާ ގަޔަށް ފެބްރުއަރީ 3، ގައި ލޭ އެޅުމަށް ފަހު ރާޖޭޝް، ކުއްލި ގޮތަކަށް އޭނާގެ ގައުމަށް ދިއުމަށް ފަހު އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ވަނީ އެނބުރި މާލެ އައިސްފަ އެވެ.

އެޗްއައިވީ ލޭ އެޅުނުކަން ފެބްރުއަރީ 19،ގައި އެނގުމުން އެ މައްސަލަ ވަރަށް ހޫނުވެ މިހާރު ލެބް ޓެކްނީޝަން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.