05 Mar 2014, 12:44
މީގެ 10 ވަރަކަށް އަހަރު ކުރިން ފެނިފައިވާ ވައިރަހެއް، 30،000 އަހަރުވަންދެން އައިސްގަނޑެއްގެ ތެރޭގައި ގަނޑުވެފައި އޮއްވައި ފްރާންސްގެ ސައިންސްވެރިން އިޔާދަކޮށްފި އެވެ.
ފަރާންސްގެ ސައިންސްވެރިންތަކެއް އެ ވައިރަސް ފެނުމުން ކުރި ދިރާސާއަކުން ވަނީ އެ ވައިރަސް އަލުން އިޔާދަވެ ހަރަކާތްތެރިވާން ފަށައިފަ އެވެ. އެގޮތުން އެ ވައިރަސް ވަނީ އެންމެ ސެލްއެއް އެކުލެވޭ، އެމީބާ އަކަށް އިންފެކްޝަން ޖައްސައިފަ އެވެ. ނަމަވެސް އެ ވައިރަސް އިންސާނުންނަކަށް ނުވަތަ ޖަނަވާރުންގެ ސެލްއަކަށް ގެއްލުމެއް ނުދެ އެވެ.
"އެ ސެލް އެމީބާގެ ތެރެއަށް ވަންނަނީ. ދެން އެ ސެލް ތެރެއަށް އެ ވައިރަސް ފެތުރިގަނެފައި އެމީބާ މަރާލަނީ. ނަމަވެސް އެ ވައިރަސް އިންސާނުންގެ ސެލްއަކަށް ނުރައްކަލެއް ނުކުރޭ،" ނެޝަނަލް ސެންޓަރު އޮފް ސައިންޓިފިކް ރިސާޗް (ސީއެންއާރުއެސް)ގެ ކޯ އޯތަރު ޑރ. ޗަންތަލް އަބޭޖަލް ބުންޏެވެ.
ސީއެންއާރުއެސް ގެ ޕްރޮފެސަރު ޖީން މައިކަލް ކްލަވެރީ ބުނީ ވައިރަސްއެއް އެހާ ގިނަ ދުވަސްވަންދެން ގަނޑުވެފައި އޮތުމަށްފަހު ވެސް އިޔާދަ ވުމަށް ފަހު ހަރަކާތްތެރިވާން ފެށި ފުރަތަމަ ފަހަރު ކަމަށެވެ.
ސައިންސްވެރިން ބުނީ އަލަށް ފެނުނު ވައިރަސް އަކީ އެހެން ވައިރަސްތަކާއި ހިލާފަށް ބޮޑު ވައިރަސްއެއް ކަމަށާއި 1.5 މައިކްރޯ މީޓަރު ހުންނަ އެ ވައިރަސް އަކީ މިހާތަނަށް ފެނުނު އެންމެ ބޮޑު ވައިރަސް ކަމަށެވެ. އެގޮތުން އެ ވައިރަސް އިލެކްޓްރޯން މައިކްރޯސްކޯޕެއް ބޭނުންނުކޮށް ވެސް ބަލާލަވޭނެ ކަމަށް ސައިންސް ވެރިން ބުނެ އެވެ.
ނަމަވެސް ދިރާސާކުރާ ފަރާތްތަކުން ބުނަނީ ސައިބީރިއާގެ ކަނޑު އަޑީގެ ފަށަލައެއްގައި ބަލިތައް ފަތުރާ ބެކްޓީރިއާ ނުވަތަ ވައިރަސްތައް އަދިވެސް ގަނޑުވެފައި ހުރެދާނެ ކަމަށާއި ދުނިޔެ ހޫނުވުމުގެ ސަބަބުން އެ ވައިރަސްތައް އިޔާދަވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
"އަހަރެމެން މިދަނީ އެ ފަށަލަތަކުގެ ޑީއެންއޭތައް އެކި ގޮތްގޮތަށް ބަދަލުކޮށްގެން އެ ވައިރަސްތައް އިޔާދަ ނުވެ ވޭތޯ މަސައްކަތް ކުރަމުން. އަދި މިކަމަކީ އެކަމުގެ ނުރައްކާ ކުޑަ ކުރެވޭނެ އެންމެ ރަނގަޅު ގޮތް،" ޑރ. އަބޭޖަލް ބުންޏެވެ.
ޕައިތޯވައިރަސް ސައިބޭރިސަމްގެ ނަމުން ނަން ދީފައިވާ އެ ވައިރަސް ސައިންސްވެރިންނަށް ފެނިފައި ވަނީ މައިނަސް 13.4 ޑިގްރީ ސެލްސިއަސްގެ ފިނި ހޫނުމިނުގައި ހުންނަ، އިރުމަތީ ސައިބީރިޔާގެ ޓަންޑްރާގެ އައްސޭރީގެ ކަނޑު އަޑިން 98 ފޫޓުގެ އަޑިން ގަނޑުވެފައި ހުރި ވެލިގަނޑެއްގެ ތެރެއިންނެވެ.