ރާއްޖޭގެ ސިއްހީ ނިޒާމު ރަނގަޅުކުރުމަށް ޓަކައި ސިއްހީ ފަރުވާ އަށް އެންމެން އަބަދު މާލެ އަންނަން ނުޖެހޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

މިހާރު ރާއްޖެވަޑައިގެން އުޅުއްވާ ޑަބްލިއުއެޗްއޯގެ ސައުތު އީސްޓް އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑައިރެކްޓަރު ޑރ. ޕޫނަމް ކެތުރަޕާލް ސިންގް ވިދާޅުވީ އެންމެން އަބަދު މާލެ އަންނަން ނުޖެހޭ ގޮތަށް، ސިއްހީ ހިދުމަތްދޭ ތަންތަން ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ތަރައްގީކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެކަމަނާ މިހެން ވިދާޅުވީ ޓްރޭޑާސް ހޮޓަލުގައި މިއަދު ބޭއްވެވި ނޫސްކޮންފަރެންސެއްގަ އެވެ.

" ... ކުރެވޭނެ ކަމެއް ކަމަށް އަޅުގަނޑުމެން ދެކެނީ ސިއްހީ ހިދުމަތްދޭ ސަރަހައްދީ ތަންތަން ގާއިމްކުރުން. އޭރުން ސިއްހީ ހިދުމަތް ބޭނުންވާ އެންމެން އަބަދު މާލޭގައި ހުންނަ ޓާޝިއަރީ ލެވެލްގެ ހޮސްޕިޓަލަށް އަންނާކަށް ނުޖެހޭނެ. އެމީހުންނަށް އޭރުން ސަރަހައްދީ ފެސިލިޓީއަށް ދެވޭނެ. އެކަމަކު ސަރަހައްދީ ފެސިލިޓީ ވާން ޖެހޭނީ މީހުން ހިތްހަމަ ޖެހޭ ވަރުގެ ތަންތަނަށް. އައިޖީއެމް އެޗްއެޗް އިން ލިބޭ ވަރުގެ ސިއްހީ ފަރުވާ ލިބޭ ތަންތަނަށް،" ޑރ. ޕޫނަމް ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެފަދަ ތަންތަން ތަރައްގީ ކުރުމަށް ވޯލްޑްބޭންކާއި އޭސިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) ފަދަ ތަންތަނުގެ އެހީތެރިކަން ހޯދުމަށް ސަރުކާރަށް ލަފާ ދެއްވާފައި ވާނެ ކަމަށެވެ އެތަންތަނުގެ އެހީތެރިކަން ހޯދުމަށް ޑަބްލިއުއެޗްއޯ އިން ވެސް އެހީތެރިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"... އެގޮތުން ވޯލްޑް ބޭންކް އަދި އޭޑީބީގެ އެހީތެރިކަން ހޯދުމަށް އަޅުގަނޑުމެން ވާނީ ސަރުކާރަށް ލަފާދީފައި. އެކަމަށް މަގުފަހި ކުރުމަށް ޑަބްލިއުއެޗްއޯއިން ވެސް އެހީތެރިވާނެ. މިތަންތަނަކީ ތަރައްގީއަށް އެހީތެރިވެދޭ އިންސްޓުޓިއުޝަންތަކަށް ވާތީ، ލޯނެއް ނެގިޔަސް ލިބޭނީ ވަރަށް ހަރަދު ކުޑަކޮށް، އެއީ ހަމަ ގާތްގަނޑަކަށް އެހީއެއްގެ ގޮތުގައި، ޑރ. ޕޫނަމް ވިދާޅުވި އެވެ.

ސަރަހައްދީ ތަންތަން ތަރައްގީ ކުރުމުން ސަރުކާރުން ދަތުރުފަތުރަށް ކުރަން ޖެހޭ ހަރަދު ވެސް ކުޑަވާނެ ކަމަށެވެ.
ޑރ. ޕޫނަމް މިމޭރުމުން ވާހަކަފުޅު ދެއްކެވީ ސިއްހީ ދާއިރާއިން ރާއްޖެ އަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް ޑަބްލިއު އެޗްއޯ އިން ރިކޮމެންޑްކުރާ ކަންތަތަކަކީ ކޮބައިތޯ ސަން އިން ދެންނެވުމުންނެވެ.