05 Mar 2014, 12:14
ދަފްތަރުގައި ތިބި މީހުން މާލޭގެ އެކިއެކި ދާއިރާތަކަށް ބަހާލާފައި ވަނީ ޕީޕީއެމަށް އޮތް ތާއީދު ބޮޑުކަމުން، އެ ތާއީދު ކުޑަކުރުމަށް ކަމަށް ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާ އަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު އަމީތުގެ ކެންޕޭން އޮފީސް ހުޅުވުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަކީ ގާނޫނަކުން ބާރުތަކެއް ދީފައިވާ ކޮމިޝަނެއް ކަމުގައިވާ އިރު އެކޮމިޝަނުން ކަން ކުރަންވީ ގޮތް ގާނޫނަކުން ބަޔާންކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެ ކޮމިޝަންގެ މަސައްކަތްތައް ހުންނަނީ ވަކިބަޔަކަށް ފައިދާ ކުރާ ފަދަ ގޮތަކަށް ކަމަށާއި އެކަމަކީ ޕީޕީއެމުން ކަންބޮޑުވާ ކަމެއްގެ ގޮތުގައި ވެސް ޖަމީލް ފާހަގަކުރެއްވި އެވެ.
"އިންތިހާބުގެ އެންމެ މުހިންމު މަސައްކަތް ހަވާލުކޮށްފައި މިވަނީ އިލެކްޝަން ކޮމިޝަނާ. އިންތިހާބެއް ކާމިޔާބު ކުރުމަށް އެބަޖެހޭ އަޅުގަނޑުމެންނަށް (ޕީޕީއެމް) އެބަޖެހޭ ތިން ފަރާތަކާ ކުރިމަތިލާން. އެއީ އެމްޑީޕީ އާއި ގޮތް ނޭނގޭ އަނދިރި ފަރާތްތަކަކުން ކުރާ ފަންޑުތަކުގެ އިތުރުން އަދި އިލެކްޝަންސް ކޮމިޝަން. ނަމަވެސް މީގެ ތެެރެއިން އެންމެ އުނދަގުލީ އިލެކްޝަންސް ކޮމިޝަނާ ހަނގުރާމަ ކުރުން،" ޖަމީލް ވިދާޅުވި އެވެ.
ކޮންމެ އިންތިހާބެއް އަންނަ އިރަށް ޕީޕީއެމްް އަށް ގިނަ ގޮންޖެހުންތަކެއް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން
ކުރިވަތިވާ ކަމަށް ޖަމީލް ވިދާޅުވި އެވެ. އެގޮތުން ވަކިކަމެއް ކުރުމަށް އެ ކޮމިޝަނުންދޭ މުއްދަތު ކުޑަވެެގެން ޕީޕީއެމް އެދުމުން އެކަން ނުވާނެ ކަމަށް ބުނުމަށް ފަހު، ކުއްލި އަަކަށް މުއްދަތު އިތުރުވެގެންދާތަން ފެންނަ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ ދަފްތަރުގައި ތިބި މީހުން މާލޭގެ ޕީޕީއެމަށް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ތާއީދު އޮތް ދާއިރާތަކަށް ކުއްލި ގޮތަކަށް ބަދަލުކުރުމަކީ ވެސް އެޕާޓީން ކަންބޮޑުވާ ކަމެއް ކަމަށެވެ.
"ދަފްތަރުގައި ތިބި މީހުންގެ ތެރެއިން 2000 މީހުން ހަމަ ކުއްލިއަކަށް ވިލިމާފަންނު ދާއިރާ އަށް ބަދަލުވެގެން ހިނގައިދާނެ. މިއީ ކަންބޮޑުވާން ޖެހޭ ކަމެއް. އަނެއް ކޮޅުން ކޮމިޝަނުން [ރީ ރަޖިސްޓްރޭޝަން އަށް] ދީފައިވާ މުއްދަތު އަޅުގަނޑުމެން އެދިގެން އިތުރު ނުކުރެވޭނެ ކަމަށް ބުނެފައި، ވާދަވެރި ފަރާތްތަކަށް ކަމެއް ނުވުނުން އެއްވެސް މަޝްވަރާއެއް ނެތި ކުއްލިއަކަށް އެ މުއްދަތު މިފެންނަނީ އިތުރުވެގެންދާތަން." ޖަމީލް ވިދާޅުވި އެވެ.
އިލެކްޝަންސްގެ ގާނޫނުގައި އެއްވެސް ފަރާތަކަށް ފައިދާއެއްވާ ފަދަ ގޮތަކަށް ނުވަތަ އެފަދަ ގޮތަކަށް ދޭހަވާ ފަދަ ގޮތަކަށް ނުވަތަ އެހެން ފަރާތަކަށް އަދި ވަކި ކެންޑިޑޭޓަކަށް ވެސް ފައިދާވާނެ ފަދަ ގޮތަކަށް އެކޮމިޝަނުން އަމަލުކޮށްގެން ނުވާނެ ކަމަށް ބުނެފައިވާ އިރު އެއާ ހިލާފަށް ކަމަށް ޖަމީލް ވިދާޅުވި އެވެ. އަދި އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ޓަކައި އެކޮމިޝަން ގާނޫނުގެ އިމުގެ ތެރެއަަށް ވައްދަން ޖެހޭ ކަމަށް ވެސް ނައިބް ރައީސް ވިދާޅުވި އެވެ.