ފޯނާއި ކާރު ގުޅާލެވޭ “ކާ ޕްލޭ” ޓެކްނޮލޮޖީ އެޕަލް ކުންފުނިން ދައްކާލައިފި އެވެ.

އައިފޯން ކާރާ ގުޅާލުމުން ފޯނު ކޮށް، ލަވަ ޖަހާ، އަދި އައިފޯން އިން ކުރެވޭ އެހެނިހެންވެސް ގިނަ ކަންތައްތައް ކުރެވޭ ކާ ޕްލޭ ޓެކްނޮލޮޖީ ދައްކާލާފައި ވަނީ ސްވިޓްޒަލަންޑްގެ ޖެނީވާގައި ކުރިއަށްދާ މޮޓޯ ޝޯ ގައެވެ.

ކާ ޕްލޭ އާ ގުޅާލެވެނީ އައިފޯން 5، އައިފޯން 5ސީ އަދި އައިފޯން 5އެސް ފޯނުތަކެވެ. އަދި ކާ ޕްލޭ ބޭނުން ކުރުމަށް ޓަކައި އެންމެ ފަހުގެ އޯއެސް، އައިއޯއެސް 7 ފޯނުގައި ހުންނަން ޖެހެއެވެ.

ކާރުތަކަށް އައިއޯއެސް ތައާރަފް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެޕަލް އިން ފުރަތަމަ ބުނެފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ.

“އައި ފޯން ބޭނުން ކުރާ މީހުންގެ އަތުގައި އަބަދުވެސް ކޮންޓެންޓް ހުންނަން ބޭނުންވޭ. ކާ ޕްލޭ މެދުވެރިކޮށް ކާރު ދުއްވާ އިރު، ވީހާވެސް ކުޑަ ސަމާލުކަމެއް ދީގެން އައިފޯން ބޭނުން ކުރުމުގު ފުރުސަތު ލިބޭ،” އެޕަލްގެ އައިފޯން އަދި އައިއޯއެސް ޕްރޮޑަކްޓް މާކެޓިން ގެ ނައިބު ރައީސް ގްރެގް ޖޮސްވިއެކް ބުންޏެވެ.

އަންގާރަ ދުވަހު ފެށިގެން ކުރިއަށްދާ ޖެނީވާ މޮޓޯ ޝޯ ގައި ފެރާރީ އަދި ވޮލްވޯގެ ކާރު ތަކުގައި ކާ ޕްލޭ ވަނީ ދައްކާލާފައެވެ. އެހެން ކުންފުނިތަކުން ވެސް އަލަށް ހަދާ ކާރުތަކުގައި ކާ ޕްލޭ ހިމަނާނެ ކަމަށް ވަނީ ބުނެފައެވެ.

ފެރާރީއިން އެ ކުންފުނީގެ ފޯ-ވީލް އެފްއެފް މޮޑެލްގައި ކާޕްލޭ ދައްކާލާފައިވާއިރު، ވޮލްވޯއިން ކާ ޕްލޭ ސިސްޓަމް ދައްކާލާފައި ވަނީ އެކްސް-ސީ 90 މޮޑެލްގެ އެސްޔޫވީ އެއް ގައެވެ. މާސިޑީސް ބެންޒް އިން މި ޓެކްނޮލޮޖީ ނެރޭނީ ކޮން ކާރަކަށް ކަން ރަސްމީކޮށް އިއުލާނު ކޮށްފައި ނުވިނަމަވެސް އެ ކުންފުނީގެ ސެސް-ކްލާސް އަދި ސީ-ކްލާސް މޮޑެލް ތަކުގައި ކާ ޕްލޭ ހަރުކުރެވިދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކާ ޕްލޭ ތައާރަފް ކުރުމަށް ޖެނެރަލް މޯޓޯސް، ފޯޑް އަދި ހޮންޑާ އިން ދަނީ ތައްޔާރު ވަމުން ކަމަށް އެޕަލް އިން ވަނީ ބުނެފައެވެ. ނަމަވެސް ޖެނެރަލް މޯޓޯސް އާއޮހޮންޑާ އިން މި ކަމާ މެދު ވަކި އެއްޗެއް ނުބުނެއެވެ.

އެޕަލް އިން ކާ ޕްލޭ ތައާރަފް ކޮށްފައި ވާއިރު، ވާދަވެރި ގޫގުލް އިން ވަނީ އައުޑީ، ހޮންޑާ އަދި ހިއުންޑައި ކުންފުނިތަކުގެ ކާރުތަކުގައި އެންޑްރޮއިޑް ސިސްޓަމްއެއް ހަރުކުރުމަށް އެއްބަސް ވެފައެވެ.

http://www.youtube.com/watch?v=SOQSmqwuFNs