05 Mar 2014, 11:57
ސްޕެއިން ފުޓުބޯޅަ ގައުމީ ޓީމާ އަލަށް ގުޅުނު އެތުލެޓިކޯ މެޑްރިޑުގެ ފޯވަޑް ޑިއެގޯ ކޮސްޓާ ސްޕެއިން ޓީމަށް ހޭނިފައިވާ ކަމުގައި ގައުމީ ޓީމުގެ މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.
ކޮސްޓާ އަކީ ބްރެޒިލް އަށް އުފަން ކުޅުންތެރިއެކެވެ. ނަމަވެސް ދާދި ފަހުން ކޮސްޓާ ވަނީ ސްޕެއިންގެ ރައްޔިތަކަށް ވުމުން، މިހާރު އޭނާ އަށް ސްޕެއިން ގައުމީ ޓީމަށް ކުޅެވޭނެ އެވެ. އެކުވެރިކަމުގެ މެޗެއްގައި ސްޕެއިން ޓީމާ އެކު މިރޭ ކޮސްޓާ އިޓަލީ އާއި ދެކޮޅަށް ނުކުންނާނެ އެވެ.
"ކޮސްޓާ ހުރީ ވަރަށް އުފާވެފަ އަދި ވަރަށް ހިތްހަމަޖެހިފައި،" ޒަވީ ބުންޏެވެ. "ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ވަނީ ޓީމަށް ހޭނިވެފައި. ޓީމާ ކޯޗުގެ ދަށުން މަސައްކަތް ކުރަން ކޮސްޓާ އަކީ ލިބުނު ވަރަށް ރަނގަޅު ކުޅުންތެރިއެއް."
އަންނަ ޖޫން މަހު ބްރެޒިލްގައި ބާއްވާ ވޯލްޑް ކަޕަކީ ޒަވީ ކުޅޭ ހަތަރުވަނަ ވޯލްޑް ކަޕެވެ. މި އަހަރުގެ ވޯލްޑް ކަޕަކީ ޒަވީގެ އެންމެ ފަހު ވޯލްޑް ކަޕަށް ވާނެ ކަމަށް އޭނާ ވަނީ އިއުލާންކޮށްފަ އެވެ. ނަމަވެސް 2016 ވަނަ އަހަރު ބާއްވާ ޔޫރޯގައި ފެނިދާނެ ކަމަށް ޒަވީ ބުނެފައިވެ އެވެ.
"ޔޫރޯގައި ފަހަރެއްގައި ފެނިދާނެ. ނަމަވެސް އަހަރެން އަދި އެކަމާއި މެދު ގޮތެއް ނުނިންމަން." އުމުރުން 35 އަހަރުގެ ޒަވީ ބުންޏެވެ، "މި ވޯލްޑް ކަޕަށް ފަހު، ދެން އެހެން ވޯލްޑް ކަޕެއް އަހަރެން ނުކުޅޭނަން. ދެން ކުރިއަށް ވާނެ ގޮތެއް އެނގޭނީ ފަހުން."
އިޓަލީ އާއި ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށް ސްޕެއިން ނުކުންނާނީ މިރޭ މެންދަމު ރާއްޖެ ގަޑިން 2:00 ގަ އެވެ. މި މެޗަށް ދެ ޓީމު ނުކުންނައިރު، މި ދެޓީމު އެންމެ ފަހުން ބައްދަލުކުރީ ޔޫރޯ 2012 ގަ އެވެ. އެ މުބާރާތުގެ ފައިނަލުގައި އިޓަލީ ބަލިކޮށް ސްޕެއިނުން ޔޫރޯ ކާމިޔާބުކުރީ 4-0 ލަނޑުންނެވެ.