05 Mar 2014, 11:52
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާ އަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ ބާތިލްކުރުމަށް ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ހުށަހެޅުއްވި މައްސަލަ ޝަރީއަތުން ބެލޭނެ ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާތީ އެ ނިންމުން އެމްޑީޕީން އިސްތިއުނާފުކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ގާނޫނީ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވީ އެމްޑީޕީން އިސްތިއުނާފުކުރި މައްސަލަ ހައިކޯޓުން މިއަދު ބަލައިގެންފައިވާ ކަމަށެވެ.
ސިވިލް ކޯޓުގެ ނިންމުމުގައި ބުނެފައި ވަނީ ޕްރައިމަރީއާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު އަލްހާނަށް ގެއްލިފައިވާ ކަމަށާއި އެހެންކަމުން ޕާޓީގެ ކަމާބެހޭ ކޮމެޓީއަށް އަލްހާން މައްސަލަ ހުށަނާޅާ ކަމަށް ބުނެ، އެ މައްސަލަ ކޯޓުން ނުބެލޭނެ ކަމަށް ނިންމުމަކީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާއިން ކޮންމެ މީހަކަށް ލިބިގެންވާ ޝަރީއަތް ކުރުމުގެ ހައްގު އަލްހާނަށް ގެއްލޭނެ ކަމެއް ކަމަށެވެ.
"... އަލްހާން ފަހުމީގެ ފަރާތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަ ނުވާކަމަށްޓަކައި މި މައްސަލަ މިހިނދަށް ސިވިލް ކޯޓުން ނުބެލޭނެކަމަށް ކަނޑައެޅުމަކީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާއިން ކޮންމެ މީހަކަށް ލިބިގެންވާ ޝަރީއަތް ކުރުމުގެ ހައްގު މި މައްސަލައިގައި އަލްހާން ފަހުމީއަށް ގެއްލިގެން ހިނގައިދާނެ ކަމެއްކަމުގައިވާތީ، އަލްހާން ފަހުމީގެ ފަރާތުން ހުށަހެޅި މައްސަލައިގެ މައުޟޫގައި ބަލައި ފައިސަލާ ކުރަނިވި ހުކުމެއް ކުރުމުގެ ކުރިން އެމްޑީޕީގެ ފަރާތުން އިޖުރާއީ ނުކުތާގައި އެދިފައިވާ ގޮތުގެމަތިން މި މައްސަލައަކީ މިހިނދަށް ސިވިލް ކޯޓުގައި ކުރިއަށް ގެންދެވިދާނެ މައްސަލައެއް ނޫންކަމަށް އިޖުރާއީގޮތުން ކަނޑައެޅެން ނެތްކަމަށް ނިންމައިފީމެވެ،" ސިވިލް ކޯޓުގެ ނިންމުމުގައި ވެއެވެ.