05 Mar 2014, 11:27
ދުންފަތް މަނާކުރުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ "ދުންފަތުގެ އިސްތިއުމާލުކުރުން މަނާތަންތަން ކަނޑައެޅުމު"ގެ ގަވާއިދާ ހިލާފުވި 44 ތަނެއް މި އަހަރު މިހާތަނަށް ޖޫރިމަނާކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ މިހާތަނަށް އެ ގަވައިދާ ހިލާފުވި 44 ތަނެއް އެޗްޕީއޭ އިން ޖޫރިމަނާކުރި އިރު ޖުމްލަ ޖޫރިމަނާ ކުރި އަދަދު 54 ފަހަރަށް އަރާފައިވާ ކަމަށެވެ. އަދި އެތަންތަން ޖޫރިމަނާކޮށްފައި ވަނީ އެކި އަދަދުތަކުން ކަމަށް ވިދާޅުވި އެވެ.
ފުރަތަމަ ފަހަރު ދުންފަތް މަނާ ލިޔުން ނުބަހައްޓާ ފަރާތްތައް 500ރ. ޖޫރިމަނާ ކުރާ އިރު ދެވަނަ ފަހަރަށް އެކަން ތަކުރާރުކޮށްފި ނަމަ 5000ރ. އަށް ޖޫރިމަނާ ކުރެ އެވެ.
އެޗްޕީއޭގެ ޑެޕިއުޓީ ޑައިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވީ އެ ގަވައިދު ތަންފީޒް ކުރުމަށް އަދި ވެސް ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ތަންފީޒީ އިދާރާތަކުން އެކަން ނުކުރެވުމާއި ތަންފީޒީ އިދާރާތަކުގައި ވަސީލަތްތައް ނެތުމުން ބޮޑު ދައްޗަކަށް ވެފައިވާ ކަމަށެވެ. އަދި އެ ގާނޫނު ތަންފީޒު ކުރުމަށް ޓަކައި ޖަމިއްޔާ ޖަމާއަތްތަކާ ބައްދަލުކޮށް ވާހަކަ ދެއްކުމަށް ނިންމާފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ.
މިދިޔަ އަހަރު އަލަށް އަމަލުކުރަން ފަށާފައިވާ އެ ގަވާއިދުގެ ދަށުން ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ ސަރަހައްދެއްގައި ދުންފަތުގެ އިސްތިއުމާލު ކުރާ ނަމަ އެ މީހެއް 500ރ. އިން ޖޫރިމަނާކުރާނެ އެވެ. އޭގެ އިތުރުން ވެސް އެ ގަވާއިދަށް އަމަލުނުކުރާ ފަރާތްތަކާ މެދު ތަފާތު އެތައް އަދަބެއް އެ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވެ އެވެ.