އަންނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓްގައި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބުނާ ގޮތަށް، ކައުންސިލްތަކަށް ފައިސާ ހިމަނާފައިނުވާ ކަމަށާއި 12.3 ބިލިޔަން ރުފިޔާގެ ބަޖެޓް، ނުވަ ބިލިޔަން ރުފިޔާ އަށް ކުޑަކޮށްގެން ނޫނީ، ދެމެހެއްޓެނިވި ގޮތެއްގައި ސަރުކާރަށް އިގްތިސާދު ހިފޭއްޓޭނެ ކަމަކަށް ގަބޫލު ނުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަޖެޓް ބަހުސްގައި، އިދިކޮޅު ޕީއޭގެ ލީޑަރު އަބުދުﷲ ޔާމީން ވިދާޅުވީ، ބަޖެޓް ފަރުމާކޮށްފައި އޮތް ގޮތުން ނޫފުއްލޭވަރުގެ ދަރަނިތަކެއް ކުރިއަށްއޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ދައުލަތުން ދައްކަން ޖެހޭނެ ކަމަށެވެ. އަދި ކޮންމެ އަހަރަކު ދައުލަތަށް ނަގާ ދަރަނި އިތުރުވަމުންދާ އިރު އާމްދަނީ ހޯދުމަށް ބަޖެޓްގައި ހަރުދަނާ ކަންތައްތަކެއް ހިމަނާފައި ނުވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އަދި ބަޖެޓް އަށް ބިލިޔަނަށް ނުވަތަ ނުވަ ބިލިޔަނަށް ކުޑަ ކުރުމަށް ވެސް ޔާމީން ވަނީ ގޮވައިލައްވައިފަ އެވެ.


"ބަޖެޓް ކޮމިޓީން މިބަޖެޓް ވަރަށް ބޮޑުތަން ކުޑަކޮށްގެން ނޫނިއްޔާ ދެމެހެއްޓެނިވި ގޮތެއްގައި ސަރުކާރަކަށް އިގްތިސާދު ހިފޭއްޓޭނެ ކަމަކަށް ގަބޫލެއް ނުކުރަން. ޑީއާރުޕީގެ ސަރުކާރެއް އޮތަސް އެމްޑީޕީ ސަރުކާރެއް އޮތަސް އެހެން ސަރުކާރެއް އޮތަސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެބަ ޖެހޭ ރައްޔިތުންނަށްޓަކައި ޒިންމާދަރު ގޮތެއްގައި މިކަންތައް ކޮށްދެން. ދެމެހެއްޓެނިވި އަދަދުތަކެއްގައި ފައިސާ ހިފަހެއްޓުމަށްޓަކައި އެބަޖެހޭ ބަޖެޓު ކުޑަވެގެންދާން. އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުގައި މިހާރު ބިލްޑުވެފައި ހުރި ޑޭޓާއާ އެކީ އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި އަށް ބިލިޔަން ނުވަތަ ނުވަ ބިލިޔަނަށް ވުރެ ބޮޑު ބަޖެޓެއް ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ކަމަކަށް ގަބޫލެއް ނުކުރަން. ދެ ހާސް ހަތަރު ވަނަ އަހަރުން ފެށިގެން 2008 އަށް ޖުމްލަ ފަސް އަހަރު، ކުރީ ސަރުކާރުގެ ޖުމްލަ ދަރަނި ހުރީ، 5.5 ބިލިޔަންގައި. ނަމަވެސް މިހާރު ކޮންމެ އަހަރަކު ފަސް ބިލިޔަނާ ކައިރި ކުރަމުން މިދަނީ، އެހެންކަމުން ކުރިއަށް އޮތް ފަސް އަހަރަށް 22 ބިލިއަން [ރުފިޔާ] ދަރަނި އެބައުޅޭ. މައިގަނޑު ގޮތެއްގައި އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށްފައި މިހިރީ. ޓެކްޒޭޝަނުން މީގައި މައްސަލައެއް ޖެހިއްޖިއްޔާ މިހާރު މިއޮތް 4.5 ބިލިޔަން ރުފިޔާގެ ޑެފިސިޓް 6.5 ބިލިޔަނަށް އިތުރުވެގެންދާނެ. އާމްދަނީ ހޯދުމަށް ހަރުދަނާ މަޝްރޫއުތަކެއް ނެތް އާމްދަނީ ހޯދުމަށް ޕީޕީޕީގެ ދަށުން އަނެއްކާ ވެސް މިހިރީ އެސެޓްތަކެއް ވިއްކާ ވާހަކަ ދައްކާފައި. އޭގެ ތެރޭގައި ސްޓެލްކޯ އާއި ސީޕޯޓް ވިއްކާލާނެ. މި ވިއްކަމުން ގެންދެވިދާނެ. ނަމަވެސް ޕީޕީޕީގެ ދަށުން ލިބޭނެ ކަމަށް ލަފާކޮށްފައި އޮތް 1.4 ބިލިޔަން ރުފިޔާ ލިބޭނީ އޭގެ އެތައް ޕްރޮގްރާމެއް ހިންގައިގެން،" ޔާމީން ވިދާޅުވި އެވެ.


ބަޖެޓަށް ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ، މިފަހަރުގެ ބަޖެޓް އެކުލަވާލެވިފައި ވަނީ ޕްރޮގްރާމްތަކެއް ހަމައެކަނި ހިންގަވާ ގޮތަށް ކަމަށެވެ. އަދި ޕްރޮގްރާމްތައް ހުރީ ކޮންދިމާލެއްގައި ކަމެއް އެޕްރޮގްރާމްގެ ދަށުން ހިންގާނެ މަޝްރޫއުތަކަކީ ކޮން އަތޮޅުތަކެއްގައި ކޮން ރަށްތަކެއްގައި ކޮން އިދާރީ ދާއިރާތަކެއްގައި ހިންގާނޭ މަޝްރޫއުތަކެއް ކަން ބަޖެޓުން އެނގެން ނެތް ކަމަށެވެ.


އަދި ބަޖެޓް ފޮތުން ދޭހަވާ ގޮތުގައި، 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު މުޅިންހެން ވެސް ހިންގާފައި ވަނީ 2007 ވަނަ އަހަރާއި 2008 ވަނަ އަހަރު ފެށިފައި ހުރި މަޝްރޫއުތައް 2011 ވަނަ އަހަރު މުޅިން އަލަށް ޕްރޮޖެކްޓްތައް ފެށިގެން ހިނގައިގަންނާނެ ކަމަށް ބަޖެޓްގައި ބުނާއިރު، އެއީ ކޮން ޕްރޮޖެކްޓްތަކެއްކަން ކޮން ދިމަދިމާލެއްގައި ހިނގާނެ ޕްރޮޖެކްޓްތަކެއްކަން އެގުން މުހިއްމުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ބަޖެޓް ފާސްކުރާތާ މަހެއްހާ ދުވަހުގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ކުރިމަތިލާއިރު ލާމަރުކަޒީ ގާނޫނުގައި ބުނާ ގޮތަށް، ކައުންސިލްތަކަށް ބަޖެޓްގައި ފައިސާ ހިމަނާފައިވާކަން އެނގެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


"ގައުމީ ފެންވަރުގައި ވާހަކަ ދައްކާ އިރު، މި ބަޖެޓް ފާސްކޮށްފައި މައިގަނޑު ސިޔާސީ ޕާޓީތަކުން ދާނީ ކައުންސިލް އިންތިހާބަށް. ބަޖެޓް ހިންގަން ފަށާތާ އެއް މަސް ދުވަސް ފަހުން ކައުންސިލްތައް އުފެދިގެން އަންނާނެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި އެބަ ބުނޭ، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް ހިންގުމަށާއި ކައުންސިލްތަކުންދޭ ހިދުމަތްތައް ދިނުމަށާއި ކައުންސިލްތަކުން ތަރައްގީއަށް ހިންގާ މަޝްރޫއުތަކަށް ކޮންމެ އަހަރަކު ބަޖެޓްގައި ފައިސާ ހިމަނައި ބަޖެޓް ފާސްވުމުން ފާސްވި ބަޖެޓާ އެއްގޮތަށް އެ ފައިސާ ހިލޭ އެހީގެ ގޮތުގައި ސަރުކާރުން އެ ތަންތަނަށް ދޫކުރަންވާނެއޭ. އެބައި ބަޖެޓަކުން ފެންނާކަށްނެތް. އެހެންވީމާ ގާނޫނަކުން ލާޒިމު ކުރޭ ބަޖެޓްގައި އެ ކޮމްޕޯނެންޓް ވަކިން ހިމެނުމަށް އެކޮންޕޯނެންޓް ނުލައި ބަޖެޓް ފުރިހަމަވާނެތޯ،" ނަޝީދު ވިދާޅުވި އެވެ.