ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު ނިހާދުގެ ކެންޑިޑެސީ ހުއްޓުވާނެތަނެއް ނެތްކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

ސިވިލް ކޯޓުން އެފަދަ އަމުރެއް ނެރެފައި ވަނީ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ އެ ކޯޓަށް ހުށަހެޅި މައްސަލައެއްގައި ނިހާދުގެ ކެންޑިޑެސީ ވަގުތީގޮތުން ހުއްޓުވައިދިނުމަށް ކޯޓު އަމުރެއް ނެރެދިނުމަށް އެދުނު މައްސަލަ ދިރާސާކުރުމަށްފަހު އެވެ.

ސިވިލް ކޯޓުގެ ނިންމުމުގައި ބުނެފައި ވަނީ އަލްހާންގެ ފަރާތުން ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރަށް ބަލާއިރު އެބާވަތުގެ އަމުރުތައް ނެރުމަކީ ހައިކޯޓުގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ ކަމެއް ކަން އިންތިޚާބާ ބެހޭ އާންމު ގާނޫނާއި ކޯޓުތަކާ ބެހޭ ގާނޫނު ބެލުމުން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން ފޭދޫ ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ ނިހާދުގެ ކެންޑިޑެސީ ހުއްޓުވުމުގެ ވަގުތީ އަމުރެއް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ސިވިލް ކޯޓުން ނެރެދެވޭނެ ތަނެއް ނެތްކަމަށް ވަނީ ކަނޑައަޅާފަ އެވެ.