ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތަކުގެ ތެރެއިން އެކަން ހުއްޓުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކްލިނިކެއް ހުޅުވުމަށް ސްޕޮންސާ ދޭނޭ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު "ސަން"އަށް ވިދާޅުވީ އެ ކްލިކުން ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތަކުގެ ތެރެއިން އެކިއެކި ސަބަބުތަކާ ހުރެ އެކަމުން ސަލާމަތް ވުމަށް ބޭނުންވާ ފަރާތަކަށް ފަރުވާލިބިގަތުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި އެކުންފުނި ހުޅުވުމަށް، އެޗްޕީއޭ އިން ކުރަންޖެހޭ މަސައްކަތްތައް ނިމިފައިވާ ކަމަށާއި މިހާރު ކުރަމުންދާ މަސައްކަތަކީ ސްޕޮންސާއެއް ހޯދުން ކަމަށް ވިދާޅުވި އެވެ.

"ކްލިނިކަށް އެބަ ބޭނުންވޭ މެޝިނަރީތައް، ދައުލަތުގެ ބަޖެޓުން އެކަން ކުރަން ދަތި، އެހެންކަމުން އަމިއްލަ ފަރާތްތަކުގެ ްޕޮންސާތައް ހޯދަމުން މިދަނީ" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްޕޮންސާ ލިބުމުން ކައިރި މުސްތަގުބަލެއްގައި އެ ކްލިނިކު ހުޅުވިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން މިގާއިމްކުރާ ކްލިނިކުން ކައުންސިލިން ދިނުމާއި ބޭސް ދިނުން ފަދަ ދުންފަތުގެ އިސްތިއުމާލު ކުރުމުން ސަލާމަތްވުމަށް ބޭނުންވާ ފަރާތްތަކަށް ބޮޑެތި އެހީތެރިކަން ލިބިގެންދާނެ،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކްލިކުން ފަރުވާދޭނީ އެ މީހެއްގެ ހާލަތު ބެލުމަށް ފަހު އެ މީހަކަށް އެކަށީގެންވާ ގޮތަކަށް ކަމަށެވެ. އަދި އެފަރުވާ އަކީ ހިލޭދޭ ފަރުވާއެއް ކަމަށާއި އަދި އެކަމަށް ބޭނުންވާ ބޭސް ވެސް އާސަންދައިގެ ތެރެއިން ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.