05 Mar 2014, 10:38
މިދިޔަ މަހު ތިނެއްގައި އައިޖީއެމްއެޗް ހޮސްޕިޓަލުން އެޗްއައިވީ ލޭ އެޅި މާބަނޑު އަންހެން މީހާގެ ދަރިންގެ ހަރަދުތައް ބެލެހެއްޓުމަށް ސަރުކާރުން ނިންމައިފި އެވެ.
ޓްރޭޑާސް ހޮޓެލްގައި މިއަދު އޮތް ނޫސްކޮންފަރެއްސެއް ނިންމަވާ ލެއްވުމަށް ފަހު، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ އެ މީހާގެ ދަރިން ކިޔަވާ ނިމެންދެން އެ ކުދިންގެ ހަރަދުބަރަދު ސަރުކާރުން ބަލަހައްޓާނެ ކަމަށެވެ.
"އެޗުއައިވީ ލޭ އެޅުނު މަންމަގެ ހުރިހާ ދަރިން ކިޔަވައި ނިމެންދެން އެ ކުދިންގެ ކިޔެވުމުގެ ހުރިހާ ހަރަދެެއް ސަރުކާރުން ބަލަހައްޓާނެ،" ޝަކީލާ ވިދާޅުވި އެވެ.
"ސަން" އަށް ކަށަވަރުވެފައިވާ ގޮތުގައި އެޗްއައިވީ ލޭ އެޅުނު އަންހެން މީހާގެ ހަތަރު ދަރިން ތިބެ އެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސާސް ޑރ. ޝީޒާ އަލީ ވެސް ވިދާޅުވީ އެޗްއައިވީ ލޭ އެޅުނު އަންހެން މީހާގެ ދަރިންނަށް ހަރަދު ކުރަން ނިންމާފައިވާ ކަމަށެވެ.
"ކޮންމެ މަހަކު ވެސް ކޮންމެވެސް ވަރެއް އެކައުންޓަށް ޖަމާ ކުރެވޭނެ ގޮތެއް މި ބަލަނީ،" އޭނާ ވިދާޅުވި އެވެ.
އެޗްއައިވީ ޕޮޒިޓިވް ލޭ މާބަނޑު އަންހެނެއްގެ ގަޔަށް އަޅާފައި ވަނީ އެކަން ކުރި ލެބް ޓެކްނީޝަން ރާޖޭޝް ކަކަންތު ބަސްކަރަން، 32، ގެ އިހުމާލުން ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.
ލޭ ހަދިޔާ ކުރަން އައި މީހާގެ ލޭ ނެގުމަށް ފަހު ޓެސްޓު ކުރުމުން އެޗްއައިވީ އަށް ޕޮޒިޓިވް ކަމަށް ދެއްކުމުން ވެސް އޭނާ ގަޔަށް ފެބްރުއަރީ 3، ގައި ލޭ އެޅުމަށް ފަހު ރާޖޭޝް، ކުއްލި ގޮތަކަށް އޭނާގެ ގައުމަށް ދިއުމަށް ފަހު އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ވަނީ އެނބުރި މާލެ އައިސްފަ އެވެ.
އެޗްއައިވީ ލޭ އެޅުނުކަން ފެބްރުއަރީ 19،ގައި އެނގުމުން އެ މައްސަލަ ވަރަށް ހޫނުވެ މިހާރު ލެބް ޓެކްނީޝަން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.