މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ނުވަ ރަބަރު ޕެކެޓާ އެކު ވިލިމާލެއިން ފުލުހުން މީހަކު ހައްޔަރުކޮށްފި އެވެ.

މަސްތުވާތަކެތީގެ މައްސަލަތައް މަދުކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ، އެތަކެތި ހޯދައި އެ މީހާ ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ވިލިމާލެ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ރޭ ދަންވަރު 12 ޖަހާކަންހާއިރު ކަމަށެވެ.

ފުލުހުން ހިންގި އޮޕަރޭޝަނުގައި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ނުވަ ރަބަރު ޕެކެޓް ފެނިފައިވަނީ ވިލިމާލޭގައި ހުންނަ ފަޅުގެއެއްގެ ތެރޭގައި އޮތް ޓިނުގަނޑެއް ދަށުގައި ބަހައްޓާފައި ހުއްޓައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ވިލިމާލެ ޕޮލިސް ސްޓޭޝަނާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓު ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުންދާއިރު ފުލުހުން ބުނީ، މަސްތުވާތަކެތީގެ މި މައްސަލައިގައި ހައްޔަރުކުރި މީހާއަކީ މީގެކުރިން ވެސް ވައްކަމާއި ފޭރުން އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮތް މީހެއް ކަމަށެވެ.