05 Mar 2014, 10:33
މި ސީޒަނުގައި ކުރިއަށް އޮތް ކޮންމެ މެޗަކީ ވެސް މެންޗެސްޓާ ސިޓީ އަށް މުހިންމު މެޗެއް ކަމަށް އެ ކްލަބުގެ ސާބިއާ ޑިފެންޑަރު އެލްކްސެންޑާ ކޮލަރޯފް ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ އެންވަނައިގައި ޗެލްސީ އޮތް ނަމަވެސް، އިތުރަށް ދެ މެޗު ކުޅެން އޮތް މެންޗެސްޓާ ސިޓީ އިން އެ ދެ މެޗުން ހޯދާ ހަ ޕޮއިންޓާ އެކު އެއްވަނަ އަށް އެރުމުގެ ފުރުސަތު އެބަ އޮތެވެ. ނަމަވެސް އެއްވަނަ އަށް އެރުމަށް ކުރިއަށް ހުރި ހުރިހާ މެޗުތަކުން މޮޅުވާން އެޓީމަށް މަޖުރޫބުރު ވާނެ އެވެ.
"ލީގުގެ އެއްވަނަ އަށް އެރުމަކީ އެންމެ ފަހު މެޗާއި ޖެހެންދެން ވެސް އުނދަގޫވާނެ ކަމެއް. އަހަރެމެން އިތުރު ދެ މެޗު އޮތުމުގެ ފައިދާ ނަގައި، ކުރިއަށް ހުރި ހުރިހާ މެޗަކުން މޮޅުވާން ޖެހޭނެ." ކޮލަރޯފް ބުންޏެެވެ. "ކުރިއަށް ދެން އޮތް ކޮންމެ މެޗަކީ ވެސް އަހަރެމެންނަށް މުހިންމު މެޗެއް. އަހަރެމެން މަސައްކަތްކުރާނީ ހުރިހާ ޓީމެއް ބަލިކޮށް، އިތުރު ތައްޓެއް ކާމިޔާބުކުރަން."
ޕްރިމިއާ ލީގުގެ ހަތަރު ވަނައިގައި މި ވަގުތު އޮތް ސިޓީ ކުޅުނު 26 މެޗުން ލިބިފައި ވަނީ 57 ޕޮއިންޓެވެ. 28 މެޗުން ލިބުނު 63 ޕޮއިންޓާއެކު ޗެލްސީ އެއްވަނައިގައި އޮތް އިރު، ދެވަނައިގައި އޮތް ލިވަޕޫލަށް ކުޅުނު 28 މެޗުން ލިބިފައިވަނީ 59 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް އާސެނަލް ކުޅުނު 28 މެޗުން ވެސް ލިބިފައިވަނީ 59 ޕޮއިންޓެވެ.