އަންނަ ޖޫން މަހު ބްރެޒިލްގައި ފަށާ ފީފާ ވޯލްޑް ކަޕުގައި ޖަރުމަން ސްކޮޑަށް ނުނަގައިފާނެ ކަމުގެ ބިރެއް ނެތް ކަމުގަ އާއި ސްކޮޑަށް ނަގާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމުގައި އާސެނަލް ފޯވަޑް ލޫކަސް ޕޮޑޮލްސްކީ ބުނެފި އެވެ.

އުމުރުން 28 އަހަރުގެ ޕޮޑޮލްސްކީ އަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު ދިމާވި އަނިޔާގެ މައްސަލައާ ގުޅިގެން މި ސީޒަނުގެ ބޮޑު ބައެއް އޭނާ ހުރީ ކުޅުމާއި ދުރުގަ އެވެ. ޕޮޑޮލްސްކީގެ ފަލަމަސްގަނޑު އިރައިގެން ދިއުމާއި ގުޅިގެން މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުން އޭނާ ފެނިފައި ވަނީ އެންމެ ފަސް މެޗަކުންނެވެ.

ވޯލްޑް ކަޕް ފެށެން ކުޑަތަން ވެފައިވާ އިރު، ޖަރުމަން ގައުމީ ސްކޮޑުން ޖާގަ ހޯދުމަށް އާސެނަލް އަށް ގިނަ މެޗުތަކެއް ކުޅެން ޖެހޭ ކަމަށް ޕޮޑޮލްސްކީ ވެސް ގަބޫލު ކުރެ އެވެ. ކުރީގެ ބަޔާން މިއުނިކްގެ ފޯވަޑް ޕޮޑްލްސްކީ ވަނީ ޖަރުމަން ގައުމީ ޓީމަށް 111 މެޗު ކުޅެފަ އެވެ.

"ސްކޮޑުން ޖާގަ ނުލިބިދާނެ ކަމުގެ ބިރެއް ނެތް." ޕޮޑޮލްސްކީ ބުންޏެވެ. "އަހަރެންގެ ކިބައިގައި ގައުމީ ޓީމުގެ ތަޖުރިބާ ހުރިކަމަށް އަހަރެން ގަބޫލުކުރަން. އަހަރެން ވާނީ ގިނަ މެޗުތަކެއް ކުޅެ، ގިނަ މުބާރާތްތަކެއްގައި ބައިވެރިވެފައި. ވޯލްޑް ކަޕްގައި އަހަރެންނަށް ރަނގަޅު ކުޅުމެއް ދެއްކިދާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް. އަނިޔާގައި ގިނަ ދުވަސްތަކަކު ހުރުމަށް ފަހު، މިހާރު އަހަރެން މިހިރީ ފިޓްކޮށް، ދެން އަހަރެން މަސައްކަތްކުރާނީ އާސެނަލް ޓީމުން ގިނަ ފުރުސަތުތަކެއް ހޯދަން."

ވޯލްޑްކަޕްގައި ޖަރުމަން އޮތް ގްރޫޕުގައި ދެން އޮތީ ޕޯޗުގަލް އާއި، ގާނާ އަދި އެމެރިކާ އެވެ.