05 Mar 2014, 09:37
ދުނިޔޭގައި އެންމެ ބޮޑަށް ތަރައްގީވެފައިވާ ޒަމާނީ ސިޓީތަކުގެ ތެރެއިން އާއްމު ދިރިއުޅުމުގެ އަގުތައްމިހާރު އެންމެ ބޮޑު ސިޓީއަކީ ސިންގަޕޫރުކަން ދިރާސާއަކުން ހާމަވެއްޖެ އެވެ.
އިނގިރޭސިވިލާތުގެ އިކޮނޮމިސްޓް މަޖައްލާގެ އިންޓެލިޖެންސް ޔުނިޓުން ކުރި ދިރާސާއަކުން ދައްކާ ގޮތުން، ސިންގަޕޫރަކީ ކަރަންޓާއި ފެނާއި ފޯން ފަދަ ބިލްތަކާއި ވެހިކަލް ދުއްވުމުގެ އަގުތަކާއި އާންމު ޓްރާންޕޯޓްގެ އަގުތަކާއި ކެއިންބުއިމާއި އަންނައުނުގެ އަގުތައް ފަދަ އާންމު ދިރިއުޅުމަށް ބޭނުންވާ ޚިދްމަތްތަކާއި ތަކެތީގެ އަގުތައް އެންމެ ބޮޑު ސިޓީ އެވެ. މިއަގުތަކާ އެކު ސިންގަޕޫރުގައި ދިރިއުޅުމުގެ ޚަރަދުތައް އާދަޔަ ޚިލާފަށް ބޮޑުވުމުގައި އެގައުމުގެ ފައިސާގެ އަގު މަތިވުން ވެސް ހިމެނޭ ކަމަށް މިދިރާސާ ބުނެ އެވެ.
މިދިޔަ އަހަރު އާއްމު ދިރިއުޅުމުގެ އަގުތައް އެންމެ ބޮޑު ސިޓީއަކީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯކަން ދިރާސާތަކުން ހާމަވެފައިވެ އެވެ. ނަމަވެސް މިއަހަރު ޓޯކިޔޯވަނީ މިލިސްޓުގެ ހަ ވަނައަށް ވެއްޓިފަ އެވެ. ދުނިޔޭގައި އެންމެ ބޮޑަށް ތަރައްގީވެފައިވާ ސިޓީތަކުގެ ތެރެއިން އާއްމު ދިރިއުޅުމުގެ އަގުތައް އެންމެ މަތީގައިވާ ސިޓީތަކުގެ ލިސްޓުގައި ހިމެނޭ އެހެން ސިޓީތަކުގެ ތެރޭގައި ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހާއި ސުވިޓްޒަލޭންޑްގެ ޒިއުރިކާއި ނޯވޭގެ އޮސްލޯއާއި އޮސްޓްރޭލިޔާގެ ސިޑްނީ ހިމެނެ އެވެ.
ސިންގަޕޫރަކީ ދުނިޔޭގައި އާންމު ދިރިއުޅުމުގެ ޚަރަދުތައް އެންމެބޮޑު ސިޓީކަމަށްވެފައި ދުނިޔޭގައި އެންމެ ހަލުއިކަމާ އެކު ތަރައްގީވަމުން ދަނީ އޭޝިޔާގެ ގައުމުތަކުގެ ސިޓީތައް ކަމަށް ވިޔަސް އެވްރެޖްގޮތެއްގައި ދިރިއުޅުމުގެ އަގުތައް އަދިވެސް އެންމެ ކުޑަކަމަށްވަނީ އޭޝިޔާގެ ސިޓީތަކުގައެވެ. މިގޮތުން އިންޑިޔާގެ ސިޓީތަކާއި އިންޑޮނީޝިޔާގެ ބައެއް ސީޓީތައް ހިމެނެނީ ދިރިއުޅުމުގެ ޚަރަދުތައް އެންމެ ކުޑަ ސިޓީތަކުގެ ތެރޭގަ އެވެ.
އިކޮނޮމިސްޓް މަޖައްލާގެ އިންޓެލިޖެންސް ޔުނިޓުން ކުރި މިދިރާސާގައި ދުނިޔޭގެ 131 ސިޓީގެ އާއްމު ދިރިއުޅުމުގައި ބޭނުންކުރާ ޚިދްމަތްތަކާއި ތަކެތީގެ އަގުތައް ބަލައި ދިރާސާކޮށްފައިވެއެވެ. (ރޮއިޓާސް)