05 Mar 2014, 09:25
އެއީ 19 ވަރަކަށް އަހަރުގެ އަންހެން ކުއްޖެކެވެ. ލައިގެން ހުރީ އޮފީސް ހެދުމެކެވެ. ބުރުޒު މަގުގައި އެކި ކަންކަމުގައި ހަރަކާތްތެރިވަމުން ދިޔަ އެންމެނާ ހިލާފަށް މާ ދުރުން އެ އަންހެން ކުއްޖާ ފާހަގަ ވަނީ ޕޭވްމަންޓު މަތީގައި އިށީންދެލައިގެން އިނީމަ އެވެ.
އޭނާއާ ކައިރިއަށް ދިޔަ ވަރަކަށް މަންޒަރު ސާފުވަމުންދިޔަ އެވެ. އާދީއްތަ ދުވަހެއްގެ މެންދުރު، އޮފީސް ހެދުމުގައި އެ އަންހެން ކުއްޖާ ޕޭވްމަންޓު މަތީގައި އިށީންދެލައިގެން އެ އިނީ އޭނާ ރައްޓެހިވެގެން އުޅޭ ފިރިހެން ކުއްޖާ އޭނާ ކައިރީގައި ހުރެގެން ހަޅޭއްލަވާތީ، އެކަމާ އެކަމަށް ކެތް ނުކުރެވިގެންނެވެ.
ތިމާއަށް ވުރެ އެތައް ގުނައެއް ހަގު ޖިސްމާނީ ގޮތުން ބަލިކަށި ނަމަވެސް އެހާމެ ލޯބި އަންހެން ކުދީންނަށް އަނިޔާކޮށްގެން ހިތްހަމަޖެހުން ލިބިގަންނަ ބަޔަކު ވެސް އުޅެ އެވެ.
މިފަދަ މީހުންގެ ކިބައިން ސަލާމަތްވާން ޖެހެ އެވެ. ސަލާމަތްވުމަށް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ރައްޓެހިވެގެން އުޅޭ އަންހެން ކުދީންނަށް އެންމެ އާންމުކޮށް އަނިޔާ ކުރާ މީހުންގެ ސިފަތައް ދެނެގަތުމެވެ.
"އަޅުގަނޑުމެންނަށް ހުށަހެޅޭ ގިނަ މައްސަލަތަކުގައި ހިމެނޭ ފިރިހެނުންނަކީ ގޭންގުތަކަށް ނިސްބަތްވާ އެއްވެސް ކަހަލަ ވަޒީފާއެއްގައި ނުއުޅޭ މީހުން. އެއްވެސް ކަމެއް ނުކޮށް މިހެން ހަމަ އުޅޭ ބަޔަކު އެބަ އުޅޭ ވަރަށް ޒުވާން ބައެއް. ގިނަ މައްސަލަތަކުގައި ހިމެނެނީ މިފަދަ ޒުވާން ފިރިހެން ކުދިން،" ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ)ގެ ސީއީއޯ އައިމިނަތު އީނާޒް ވިދާޅުވި އެވެ.
މަސައްކަތެއް ނުކުރާ ތާނގައި އަންހެނުންނަށް އަނިޔާ ކުރާ ބައެއް މީހުންނަކީ ބޮޑެތި ކުށް ކުށަށް އަރައިގަން ބަޔެކެވެ.
"މިކަހަލަ މައްސަލަތަކުގައި އެބަ ހިމެނޭ ކުށްތައް ކުރަމުންދާ މީހުން ވެސް ހުކުމް ތަންފީޒު ކުރަމުންދާ މީހުން ވެސް. ކުދިން ބޭނުންކޮށްގެން އެ ކުދިންގެ ހަށި ވިއްކައިގެން މަސްތުވާތަކެތި ނޫނީ މިފަދަ ކުށްތަކަށް ފައިސާ ހޯދާ މީހުން ވެސް އުޅޭ،" އީނާޒް ވިދާޅުވި އެވެ.
އަންހެނުންނަށް އަނިޔާ ކުރާ މީހުންގެ އަތް ދަށުވާ ކުދިން ވެސް މަދެއް ނޫނެވެ. ހީވެސް ނުކުރާ ފަދަ ރަނގަޅު ކުދިން އަނިޔާއަށް ކެތްކޮށްލައިގެން ތިބޭތަން ފެނެ އެވެ. އަނިޔާ ކުރާ މީހުންގެ އަތް ދަށަށް އާންމުކޮށް ދަނީ ކޮންކަހަލަ ކުދިންނެއް ކަން ވެސް އެނގުން މުހިންމެވެ. އަދި ކީއްވެގެންތޯ ވެސް ބަލަންޖެހެ އެވެ.
"އަޅުގަނޑަށް ފާހަގަ ވަނީ މިފަދަ މައްސަލަތަކުގައި ގިނައިން ހިމެނެނީ މާ ބޮޑަށް ހިފެހެއްޓުމާއި އާއިލާގެ ތެރޭގައި ލޯތްބާއި އަޅާލުން ނުލިބި ބޮޑުވާ ކުދިން،" އޭނާ ވިދާޅުވި އެވެ. "ދެން އެ ކުދިންގެ ހަޔާތުގެ ތެރެއަށް މި އަންނަ މީހާ ތަކުރާރުކޮށް ފޯނުކޮށް ހާލު ބަލައި ހަދައި އެމީހުން ބޭނުން ކުރާ އުކުޅުތައް ބޭނުން ކުރީމާ އެބަ ހީވޭ އެމީހުން ހަމަ އަސްލު ވެސް އަޅާލަނީއޭ، ލޯބި ވަނީއޭ."
ކޮންމެ ކުއްޖަކީ ވެސް އެ ކުއްޖެއްގެ ހަޔާތުގައި ލޯތްބާއި އަޅާލުން ބޭނުންވާނެ ކުދިންނެވެ. އާއިލާގެ ތެރެއިން މިކަންކަން ނުލިބުމުން އެންމެ އޭނާއަށް ލޯބި ދޭ ހެން ހީވާ މީހެއްގެ ބަހަށް ހެއްލުމަކީ ވުން ވަރަށް ގާތް ކަމެކެވެ.
"އެކަހަލަ ފިރިހެނުން އަތްދަށުވާ ކުދިންނަކީ ފަހަރުގައި ވެދާނެ އެ ކުދިންގެ ހަޔާތުގައި ކޮންމެވެސް އެއްޗެއް މަދުވަނީކަން. އެ ކުދިން އެބަ ބޭނުންވޭ ލޯތްބާއި އަޅާލުން. އެހެންވީމާ ގިނަ ފަހަރު އަޅާލުމާއި އޯގާތެރިކަން ލިބުނީމާ އޭގެ އަނެއް ކޮޅެއް ކުދިންނަކަށް ނުފެނޭ."
އަންހެން ކުދިން އެ ކުދިން ރައްޓެހިވެގެން އުޅޭ މީހާގެ ފަރާތުން ލިބޭ އަނިޔާތަކަށް ކެތް ކުރާކަމީ ސުވާލު އުފެދޭ ކަމެކެވެ. މީހުންނާ އިނދެގެން އުޅޭ މީހުން އެންމެ ރަނގަޅު ނިންމުމާ ހިލާފަށް ނަމަވެސް މިފަދަ އަނިޔާތަކަށް ކެތް ކުރާ ސަބަބު ވިސްނެ އެވެ. އެކަމަކު މީހުންނާ ނުއިނދެ ރައްޓެހިވެގެން އުޅޭ ކުދިން މިފަދަ އަނިޔާތަކަށް ކެތް ކުރަނީ ކީއްވެގެންބާވަ އެވެ؟
"ބައެއް އަންހެން ކުދިން ބުނޭ އެ ކުދިންގެ ގައިގައި ޖެހިޔަސް އެއީ އަދި ޖަހަންވެގެނެއް ނޫނޭ އެ ޖެހީ. އަހަރެން ކޮންމެވެސް ކަމެއް ކުރީމާ އެކަމާ ޖެލަސްވެގެން ކުރި ކަމެކޭ. އަސްލު ވަރަށް ލޯބިވާނެއޭ. އެވެސް ބައެއް ފަހަރު ކުދިންނަށް ލިބޭ ކިކަކަށްވޭ،" އީނާޒް ވިދާޅުވި އެވެ.
އަންހެން ކުދިންނަށް އަނިޔާކޮށްގެން އުޅޭ މީހުން ހަަމައެކަނި އަނިޔާ ކުރަނީކީ ވެސް ނޫނެވެ. އެފަދަ މީހުންނަކީ ހަގީގަތުގައި ވަރަށް ނުލަފާ ބައެއްކަން އަންހެން ކުދިންނަށް އޮޅެނީ ބައެއް ފަހަރު ލޯތްބާއި އަޅާލުން ވެސް ދޭތީ އެވެ.
"މި އިންނަނީ ސައިކަލް އެއް. އަނިޔާ ކުރާ ދުވަސްކޮޅެއް ވެސް ދާނެ. ހަނީމޫން ޕީރިއަޑެއް ވެސް ދާނެ. ހަނީމޫން ޕީރިއަޑުގައި ހުރިހާ ކަމެއް ކޮށްދީގެން ވަރަށް ލޯބިން އުޅޭނީ ވެސް. ގިނަ ކުދިންނަށްވާ ގޮތަކީ މި ސައިކަލްގެ ތެރެއިން ނުކުންނަން އުނދަގޫވަނީ."
އަނިޔާ ކުރާ ފިރިހެނުންނަށް ހެއްލޭ އަނެއް ސަބަބީ ބައެއް އަންހެން ކުދިންނަކީ އާދައިގެ ދިރިއުޅުމެއް ލިބިފައި ހުރި ބަޔަކަށްނުވުމެވެ. ބައެއް ކުދިން ބޮޑެތި ވަނީ ލޯތްބާއި އަޅާލުމާ ނުލަ އެވެ. އެހެންކަމުން އެ ކުދިންނަށް ލޯބި ފެންނަ ގޮތް ވެސް ވަރަށް ތަފާތެވެ.
"ލޯބި މާނަ ކުރާ ގޮތް ވެސް ތަފާތު އެކި ކުދިން. ބައެއް ކުދިންނަށް އަނިޔާ ލިބުމަކީ ވެސް ލޯތްބައް ވެދާނެ. އެއީ އެ ކުއްޖާއަކަށް ދުވަހަކު ވެސް އޭނަގެ ހަޔާތުގައި ލޯތްބެއް ނުލިބޭ،" އީނާޒް ވިދާޅުވި އެވެ.
އަނިޔާ ލިބުމަކީ ލޯތްބެއް ނޫނެވެ. އެއީ ކުށް ހީ އެކެވެ. އެކަމުން ސަލާމަތްވާންޖެހެ އެވެ. އަނިޔާ ކުރާ މީހުންގެ ކައިރިން ސަލާމަތްވާން އެންމެ ބޮޑު މަސައްކަތެއް ކުރެވޭނީ ތިމާ އަމިއްލައަށެވެ. އެގޮތުން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ލޯތްބަކީ ކޮބައިކަން ދަސް ކުރުމެވެ.
"ލޯތްބަކީ، އަޅާލުމާއި އޯގާތެރިކަމަކީ ކޮބައިކަން ކުދިން އެބަ ދަސްކުރަންޖެހޭ. އެމީހަކު ދަށް ކޮށްލާ އެމީހެއްގެ އަގު ވަޒަން ނުކުރާ މީހެއްގެ ކައިރީގައި ހުރުމުގެ ބޭނުމެއް އެބަ އޮތްތޯ؟ އަގު ވަޒަން ކުރުމަކީ މަގުމަތިން އެންމެންގެ ކުރިމަތީގައި ޖަހާފައި ފަހުން ސޮރީއޭ ބުނެފަ އެއްޗެއް ދިނުންތޯ؟ މިކަމާ އަމިއްލައަށް ކުދިން އެބަޖެހޭ ވިސްނާލަން."
އަނިޔާ ކުރާ މީހެއްގެ ކައިރިން ސަލާމަތްވާން ވަރަށް ހިތްވަރު ވެސް ގަދަވާންޖެހެ އެވެ.
"ހީ ނުކުރާތީ މިއީ ނިމުމޭ. މީހަކު މަގޭ ހަޔާތަށް އައިސްފިއޭ ދެން ހަމަ ހުންނަންށޭ ޖެހޭނީ. އަބަދުވެސް ޖެހޭނެ ކުރިއަށްދާން. އެމީހަކާ ދުރުވިޔަސް އެއީ ވަރަށް އުނދަގޫވާ ހިތާމަވެރި ކުޑަ ވަގުތުކޮޅަކަށްވެދަނެ. އެކަމަކު އެބަޖެހޭ ވަރަށް ހިތްވަރު ކޮށްފައި ވެސް އަނިޔާކޮށް ތަޅާ ހަދާ މީހުން ނުވަތަ ލަދުގަންނަވާ ދަށް ކޮށްލާ މީހުންނާ ދުރުވާން."
އަނިޔާ ކުރާ މީހުންގެ ކައިރިން ދުރުވާން ގިނަ ކުދިންނަށް އުނދަގޫވަނީ މުސްތަގްބަލުގައި ލިބިދާނެ އަނިޔާތަކުގެ ބިރަށެވެ. އަދި ލަދުވެތި ކަމެވެ. އެކަމަކު ތިމާއަށް އަނިޔާ ކުރާ މީހާ އަށް ތިމާއާ ކައިރި ނުވެވޭނެ ގޮތް ވެސް މިހާރު ހެދިދާނެ އެވެ. ބޭނުން ވަނީ ހިތްވަރެވެ.
"ފޮރުވައިގެން ނުހުރެ އެކަން ހާމަ ކުރުން އެއީ ވަރަށް މުހިންމު ކަމެއް. ލަދު ގަނެގެން ފޮރުވައިގެން ހުއްޓަސް ކަމަކު ނުދާނެ. އަނިޔާ ރިޕޯޓްކޮށް ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދައްކައި އިންޒާރު ދޭ ނަމަ އެކަން ވެސް އެބަޖެހޭ އެނގެން. އިންޒާރުގެ މެސެޖެއް އޮތް ނަމަވެސް އެވެސް ބަހައްޓަންޖެހޭ. ގެވެށި އަނިޔާ ހުއްޓުވަން އެބަހުރި މިހާރު ގާނޫނު ހެދިފަ. އޭގެ ދަށުން ޕްރޮޓެކްޓިވް އޯޑާއެއް ވެސް ނެރެވިދާނެ."
އަނިޔާއަށް ކެތް ކުރާ ނަމަ މުޅި އުމުރުގައި ވެސް ޖެހޭނީ ކެތް ކުރާށެވެ. އަނިޔާ ކުރާ މީހެއްގެ ކިބައިން ސަލާމަތް އެދޭ ނަމަ އެކަނި އެކަން ކުރާކަށް ނުޖެހެނޭ އެވެ. ބޭނުންވެއްޖެ ނަމަ އެފަދަ ކުދިންނަށް އެހީތެރިވާނެ ފަރާތްތަައް މަދެއް ނުވާނެ އެވެ. އަނިޔާއިން ސަލާމަތް ވާނީ އެންމެން އެކީގައި މަސައްކަތްކޮށްގެނެވެ.