މާލެއާ ހުޅުމާލެއާ ދެމެދު ބްރިޖް އެޅުމަށް ޝައުގުވެރިކަން ފާޅުކުރި 19 ފަރާތުން އެޕްރޮޖެކްޓްގެ ތަފުސީލު ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތަފުސީލު ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ ޖޫން މަހުގެ ނުވަވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

"... މާލެ-ހުޅުމާލެ ބްރިޖް މަޝްރޫއަށް ތަފުސީލު ޕްރޮޕޯސަލް ހުށަހެޅުމާ ގުޅޭ ގޮތުން 02 އޭޕްރިލް 2014 ވަނަ ދުވަހު މި 19 ފަރާތަށް މައުލޫމާތު ދިނުމުގެ ސެޝަނެއް މިމިނިސްޓްރީގައި އޮންނާނެ އެވެ. ތަފުސީލު ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއެއް ކަމަށް ކަނޑައެޅިފައިވަނީ 09 ޖޫން 2014ވާ ހޯމަ ދުވަހުގެ 14.00 އެވެ،" ބަޔާނުގައި ވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވަނީ ތަފުސީލު ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ޖޫންމަހުގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އަންނަ އޮގަސްޓްމަހުގެ ތެރޭގައި އެޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކުރަން ރާވާފައިވާ ކަމަށް ވެސް ބުންޏެވެ.