20 Dec 2010, 10:49
މަސްދޯނި ފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމާއި ކުދި އައިސް ޕްލާންޓް ގަތުމަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އައިސްޕްލާންޓް ގަތުމަށް 1.2 މިލިއަން ރުފިޔާގެ ހަތަރު ލޯނު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ. އަދި މަސް ދޯނި ފަހަރުގައި މަސްފިނި ކުރާ ނިޒާމް ޤާއިމް ކުރުމަށް ލޯނު ދޫކުރުމަށް ހަމަޖެހިފައި ވަނީ 20 މިލިއަން ރުފިޔާގެ ލޯނެވެ.
ފިޝަރީޒް މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ކުދި އައިސް ޕްލާންޓް ގަތުމަށް ލޯނު ދޫކުރުމުގެ ބޭނުމަކީ މަސްވެރިން ބާނާ މަސް، މަސްގަންނަ އުޅަނދުފަހަރަށް ނުވަތަ ފެކްޓްރީތަކަށް ގެންދެވެންދެން، ތާޒާކަންމަތީގައި މަސްދޯނިފަހަރުގައި މަސް ބެހެއްޓުމަށްޓަކައި އައިސް ފޯރުކޮށް ދިނުމަށް، އައިސްޕްލާންޓް ޤާއިމް ކުރުމަށެވެ.
މަސްދޯނީގައި ލޮނުފެނުން މަސްފިނި ކުރާ ނިޒާމް ހަރުކުރުމުގެ ބޭނުމަކީ މަސްވެރިން ބާނާ މަސް، މަސް ގަންނަ އުޅަނދުފަހަރަށް ނުވަތަ ފެކްޓްރީތަކަށް ގެންދެވެންދެން ތާޒާކަންމަތީގައި މަސްދޯނިފަހަރުގައި ބެހެއްޓުމަށް ބޭނުންވާ ވަސީލަތްތައް މަސްވެރިންނަށާއި އޮޑިވެރިންނަށް ފަހިކޮށްދިނުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.
ދެ ވައްތަރުގެ ލޯނަށް އެދުމުގެ ފުރުސަތު ވެސް ހުޅުވާލާފައި ވަނީ 2011 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.