25 Mar 2010, 10:42
14:30
ޒިންމާދާރުކަން ކުޑަ ގޮތެއްގައި ސިޔާސީ ހަރަކާތްތައް މާލޭގައި ހިންގަމުންދާތީ، ކުށްވެރިން ހޯދުމަށާއި އެމީހުންގެ ހަރަކާތްތައް ހުށްޓުވުމަށް ހުރަސްއެޅެމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މައި މަރުކަޒުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލީސް މުހައްމަދު ރިޝްވާން މިއަދު ވިދާޅުވީ މާލެ އަކީ އަމާން ތަނަކަށް ހެދުމުގެ ގޮތުން މާޗް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފުލުހުން ކުރިއަށްގެންދިޔަ ޚާއްސަ އޮޕަރޭޝަންގައި، އަންގާރަ ދުވަހުގެ ފަހުން އިއްޔެއާ މިއަދާ ހަމައަށް ކުށްވެރިން ކުށްކުރާ މިންވަރު އިތުރުވެ ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ. އެގޮތުން އަންގާރަ ދުވަހުން ފެށިގެން މާލެ ތެރޭގައި ސިޔާސީ ކަންތައްތައް އިތުރުވުމާ ގުޅިގެން ކުށްވެރިންގެ ކަންތައްތައް އެކަށީގެންވާ ގޮތެއްގައި ނުބެލި ދިއުމުގެ ނަތީޖާއެއްގެ ގޮތުން ރޭ ދަންވަރުގެ ވަގުތެއްގައި މީހަކަށް ތޫނު އެއްޗެހިން ބިރުދައްކައި އެމީހާގެ އަތުން ފަންސަވީސް ހާސް ރުފިޔާ ފޭރިގަނެފައިވާ ކަމަށާއި އަދި މިއަދު ހެނދުނު ވެސް މީހެއްގެ އަތުން ތިރީސް ހާސް ރުފިޔާ ފޭރިގެންފައިވާ ކަމަށް ރިޝްވާން ވިދާޅުވި އެވެ.
ރިޝްވާން އިތުރަށް ވިދާޅުވީ އެއްވެ އުޅުން މަނާ ސަރަހައްދުތަކަށާއި އެއްވުން މަނާ ގަޑިތަކުން ގަޑިއެއްގައި ބަޔަކު އެއްވެއްޖެނަމަ އެބަޔަކު އެތަނަކުން ފޮނުވާލުމަށް ކުރަންޖެހޭ ކަމެއް ފުލުހުން ކުރަމުންގެންދާނެ ކަމަށެވެ.
ސިޔާސީ ޕާޓީތަކުން ހިންގާއި ހަރަކާތްތައް ވީހާވެސް ޒިންމާދާރު ކަމާއެކީ ކޮށްދެއްވުމަށް އެދި މިއަދު ކޮންމެ ސިޔާސީ ޕާޓީއަކުން އިސްފަރާތަކާއެކު ފުލުހުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރިޝްވާން ވިދާޅުވި އެވެ.