05 Mar 2014, 09:13
ދުނިޔޭގެ ބޮޑެތި ބައްރުތައް ހުރަސްކުރުމުގެ ގާބިލްކަން ލިބިފައިވާ އިންޓަކޮންޓިނެންޓަލް ބެލަސްޓިކް މިސައިލުގެ މުޅިން އާ މަރުކާއެއްގެ މިސައިލެއް ކާމިޔާބު ކަމާއެކު ރަޝިޔާއިން ތަޖްރިބާކޮށްފި އެވެ.
ރަޝިޔާގެ ދިފާޢީ ވުޒާރާގެ ތަރްޖަމާން އީގޯރު ބިޖިރޯފް ވިދާޅުވީ މިއީ ނިއުކްލިޔާ އެތައް ބޮމެއް އެއްފަހަރާ އުފުލުމުގެ ގާބިލްކަން ލިބިފައިވާ ގޮތަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރަޝިޔާއިން ތައްޔާރުކޮށްފައިވާ އާރުއެސް ޓްވެލް. އެމް. ޓޮޕޯލް މަރުކާގެ ސްޓްރެޓީޖިކް ބެލަސްޓިކް މިސައިލެއް ކަމަށާ މި މިސައިލް ކާމިޔާބު ކަމާއެކު އޭގެ އަމާޒަށް ވާސިލްވެފައިވާ ކަމުގަ އެވެ.
މިމިސައިލް ތަޖްރިބާކުރުމުގެ ކުރިން ރަޝިޔާގެ ދިފާޢީ ވުޒާރާއިން ވަނީ ރަސްމީކޮށް އެކަން އެމެރިކާއަށް އަންގާފަ އެވެ. ސްޓްރެޓީޖިކް މިސައިލެއް ތަޖްރިބާކުރާ ނަމަ ރަޝިޔާ އާއި އެމެރިކާއާ ދެމެދު ސޮއިކޮށްފައިވާ ނިއުކްލިޔަރ އެއްބަސްވުމުގެ ދަށުން ދެގައުމުންކުރެ ކޮންމެ ގައުމަކުން ވެސް އަނެއްގައުމަށް އެކަން އަންގަންޖެހޭނެ ކަމަށް ޕެންޓަގަންގެ މަސްއޫލުވެރިއަކު ވިދާޅުވި އެވެ. ޢަސްކަރީ ރިޕޯޓްތައް ބުނާ ގޮތުން ރަޝިޔާ އިން އިއްޔެ ހަވީރުގެ ވަގުތެއްގައި ތަޖްރިބާކޮށްފައި ވަނީ 10 ހާސް ކިލޯމީޓަރުގެ ދުރުރާސްތާގެ މިސައިލެކެވެ.
މިއީ ރަޝިޔާގެ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރުގެ ހަތިޔާރުގެ ޓެކްނޮލޮޖީ ތަރައްޤީ ކުރުމަށް ރަޝިޔާ ކުރިޔަށްގެންދާ ޕްރޮގްރާމުގެ ދަށުން ތަރައްޤީ ކޮށްފައިވާ އެންމެ ފަހުގެ ޓެކްނޮލޮޖީގެ މިސައިލެކެވެ. މި މިސައިލް އުދުއްސާލާފައި ވަނީ ކެސްބިޔަން ކަނޑުގެ އައްސޭރިފަށުގައިވާ ދެކުނު އިސްތްރަކާން ސަރަހައްދުގެ މަރުކަޒަކުންނެވެ. މިއީ ޔުކްރޭނުގެ ސަރަހައްދީ ރޮނގާ 450 ކިލޯމީޓަރުގެ ދުރުގައިވާ ވޮލްގާ ކޯރުގެ ކައިރީގައިވާ މަރުކަޒެކެވެ.
ހުޅަނގަށް ތާއީދުކުރާ ފަރާތްތަކުން ޔުކްރޭނުގެ ވެރިކަމަށް އަތްގަދަކުރުމާ ގުޅިގެން ޔުކްރޭންގެ ކްރައިމިޔާ ސަރަހައްދަށް ރަޝިޔާ ވަންނަމުންދާ މައްސަލަ ފެންމަތިވެފައިވާ މިދަނޑިވަޅުގައި ދުނިޔޭގެ ބައްރުތައް ހުރަސްކުރުމުގެ ގާބިލްކަން ލިބިފައިވާ އިންޓަކޮންޓިނެންޓަލް ބެލަސްޓިކް މިސައިލްގެ އައު ވައްތަރެއް ރަޝިޔާއިން ތަޖްރިބާކުރުމުގެ ބޭނުމަކީ އެގައުމުގެ ޢަސްކަރީ ކެރިފޯރުމާއި ޓެކްނޮލޮޖީގެ ގާބިލްކަން ހުޅަނގަށް ދައްކާލުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ރޮއިޓާސް)