05 Mar 2014, 09:05
ބާރުތައް ވަކިކުރައްވާ ބޭފުޅުން ބާރުތަކުގައި ތަޅުއަޅުވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާއަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު އަމީތުގެ ކެންޕޭން އޮފީސް ހުޅުވުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބާރުތައް ވަކިކުރާނަމޭ ކިޔައިގެން އެމްޑީޕީން ވާހަކަދައްކާ އިރު އެ ޕާޓީގެ މެޖޯރިޓީ އޮތް މަޖިލީހުން ޕްރޮސެކިއުޓާ ޖެނެރަލްގެ މާގާމަށް ބޭފުޅަކު އައްޔަން ކޮށްފައިނުވާ ކަމަށެވެ. އަދިހަމަ އެހެންންމެ އިލެކްޝަންސް ކޮމިޝުން ހުސްވެފައިވާ މެމްބަރުގެ ބަދަލުގައި ވެސް ބޭފުޅަކު އައްޔަން ކޮށްފައިނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ދެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ދައުލަތުގެ ތިން ބާރުގެ ތެރެއިން ވެރިކަން ހިންގުމުގެ ބާރުން ކުރަންޖެހޭ ކަންތައްތައް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް ގާނޫނު ހެދުމުގެ ބާރުން އެކަންކޮށްފައިނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިދަންނަވަނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ހަމަކުރައްވާށޭ. އެކަން ކުރެވެން ވާނެ ރައީސް އޮފީހުން އެކަމަށް ބޭފުޅެއްގެ ނަން ފޮނުވާފައި އޮންނަތާ އެތަކެއް ދުވަސްވެއްޖެ. ކީއްވެގެންތޯ މިކަން ނުކުރެންވީ،" ރައީސް ވިދާޅުވި އެވެ.
ބާރުތައް ވަކުކުރާނެ ކަމަށް ތަފާތު އެކި ހަފްލާތަކުގައި އެމްޑީޕީން ވާހަކަ ދައްކާއިރު، ބާރުތައް ވަކިކޮށްގެން ކަންކަންތައް ކުރުމުގެ ގާބިލްކަމާއި ކެރުންތެރިކަން އެމްޑީޕީގައި ހުރިތޯ މިއަދު ސުވާލުކޮށްލަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަންކުރުން އަވަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރުކުރުމުން ވެސް ރައްޔިތުންގެ މަޖިލީހުން އެއަމުރަށް ތަބާވެފައި ނުވެ އެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ހުސްވެފައިވާ މެމްބަރުކަމަށް ބޭފުޅަކު އައްޔަން ކުރުމުގެ މައްސަލަ ވެސް ކޮމެޓީ މަރުހަލާގައި އޮތީ ހުއްޓިފަ އެވެ.