05 Mar 2014, 01:30
ހުޅުމާލޭ ބިން ހިއްކުމުގެ މަސައްކަތުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ކުރުމުގެ ފެންވަރެއް ސަރުކާރުގައި ނެތް ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެންޑީޕީއިން މިރޭ ބޭއްވި މައްޗަންގޮޅި އުތުރު ދާއިރާގެ ކަންމަތީ ބައްދަލުވުމެއްގައި ސަރުކާރަށް ފާޑުވިދާޅުވެ، ޝާހިދު ވިދާޅުވީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ އެގްރީމެންޓްގައި ސޮއިކުރުމަށް ބޭނުންވާ ގެރެންޓީ ލިބޭނެ ގޮތެއް ނެތް ކަމަށެވެ. އަދި އެ ގެރެންޓީ ލިބެން ނެތް ކަމަށް މިހާރުގެ ސަރުކާރުން އަމިއްލަ އަށް ބުނެފައިވާ ކަމަށް ވެސް ޝާހިދު މިރޭ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އެމްޑީޕީން މާލޭ ސިޓީ ކައުންސިލް ބާރުވެރި ކުރުވާނެ ކަމަށާއި ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކުމަށް ބޭނުންވާ ގެރެންޓީ ލިބޭނެ މަގު އެމްޑީޕީން ފަހިކޮށްދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެމްޑީޕީގެ ތަސައްވުރަކީ މާލޭގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިއްބައިދޭނެ ތަސައްވުރެއް ކަމަށް ފާހަގަ ކުރައްވައި ޝާހިދު ވިދާޅުވީ އެމްޑީޕީގެ މެންބަރުން މަޖިލިސް ކެމްޕޭނަށް "ދޮރުން ދޮރަށް" ހިނގި އިރު މާލެ ރައްޔިތުންގެ ކިބައިން ފާހަގަ ކުރެވުނު އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަން ކަމަށެވެ.
"އެމްޑީޕީ ތަސައްވުރަކީ ގިރާވަރު ކަންޑުއޮޅިން ފެށިގެން ކުޑަފަރި އާއި ހަމައަށް ގުޅާލެވިފައިވާ ދަ ގްރޭޓާ މާލެ ސިޓީއެއް. އަދި އެ ތަސައްވުރު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް ޓަކައި ރަށްތަކާއި ސިޓީތައް ހިންގުމުގެ ގާނޫނު އަޅުގަނޑުމެން ބާރުވެރި ކުރުވާނަން،" ކެޔޮދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ޝާހިދު ވިދާޅުވި އެވެ.
މައްޗަންގޮޅީ ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ އެމްޑީޕީން ދަނީ ޑިމޮކްރަސީ ދެމެހެއްޓުމަށް ކުރެވެން ހުރި މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ. އަދި މިހާރުގެ ސަރުކާރު ހިންގާ ކޯލިޝަން އިން ރައްޔިތުންނަށް ވެފައިވާ ވައުދުތަށް ފުއްދުމަށް އެމްޑީޕީން މަސައްކަތް ކޮއްދޭނެ ކަމަށް މޫސަ ވިދާޅުވިއެވެ. އެހެން ކަމުން އެމްޑީޕީއަށް މިފަހަރުގެ މަޖިލިސް ވަރަށް މުހިންމު ކަމަށާއި އެކަން ނުވެއްޖެނަމަ ރާއްޖެ އަނެއްކާ ވެސް ހުދުމުހުތާރު ތަނަކަށް ވެގެން ހިނގައިދާނެ ކަމަށް މޫސަ ވިދާޅުވި އެވެ.