މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް އައްޔަން ކުރާ މެމްބަރަކަށް މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު ޝަމާއު ޝަރީފާއި މިއަދު ހޮއްވަވައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި އެލްޖީއޭގެ ބޯޑަށް ޝަމާއު ހޮއްވެވީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި ނުވަ މެމްބަރުންގެ އިއްތިފާގުންނެވެ. އެ ބައްދަލުވުމަށް ޕީޕީއެމްގެ ދެ ކައުންސިލަރަކު ވަޑައެއް ނުގަންނަވަ އެވެ. އެއީ ހުޅުހެންވޭރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސާޖިދު އާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް މަންނޫން އެވެ.

އެލްޖީއޭގެ ބޯޑަށް ހޮއްވެވުމާ ގުޅިގެން "ސަން"އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ޝަމާއު ވިދާޅުވީ އެލްޖީއޭއަކީ ކައުންސިލްތަކުގެ ބަލަދުވެރި ފަރާތް ކަމަށާއި ހުރިހާ ކައުންސިލެއްގެ ހައްގުގައި ވަކާލާތު ކުރައްވާނެ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ އެލްޖީއޭއަކީ އަޅުގަނޑުމެންގެ ބަދަލުވެރި ފަރާތް. އެލްޖީއޭއިން ކައުންސިލްތަކަށް ފަހިކޮށްދޭންޖެހޭ ކަންތައްތައް ކުރުމަށް އަޅުގަނޑު ބާރުއަޅާނަން. އަދި އެލްޖީއޭ ބޯޑުގައި ހުރިހާ ކައުންސިލްގެ ހައްގުގައި ވަކާލާތު ކުރާނަން،" މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު ވިދާޅުވި އެވެ.

އެލްޖީއޭ ބޯޑުގައި ހިމެނެނީ ނުވަ މެމްބަރުންނެވެ. އެއީ ރައީސް އައްޔަން ކުރައްވާ ވަޒީރަކާއި މާލޭ ސީޓީ ކައުންސިލުން އައްޔަން ކުރާ މެމްބަރަކާއި އަތޮޅު ކައުންސިލްތަކުން އިންތިހާބު ކުރާ ހަތަރު މެމްބަރަކާއި މަޖިލީހުން ހޮއްވަވާ މަދަނީ ޖަމިއްޔާއެއްގެ މެމްބަރަކާއި އާންމުންގެ ތެރެއިން މަޖިލީހުން ހޮއްވަވާ މީހަކާއި ސިޓީ ކައުންސިލްތަކުން އިންތިހާބު ކުރާ މެންބަރެކެވެ.