މި ސީޒަން ނިމުމުން ސްޕެއިންގެ ބާސެލޯނާ ދޫކޮށްލާނެ ކަމަށް އެ ކުލަބުގެ ކެޕްޓަން ކާލްސް ޕުޔޯލް އިޢުލާންކޮށްފި އެވެ.

އުމުރުން 35 އަހަރުގެ ތަޖުރިބާކާރު ޑިފެންޑަރު ޕުޔޯލް އަށް ކުރިމަތިވަމުންދާ އަނިޔާގެ މައްސަލަތަކާއި ހުރެ، މި ސީޒަނުގައި ބާސާ ޓީމުން އޭނާ ފެނިފައި ވަނީ 12 މެޗަކުންނެވެ. ސްޕެއިން ޑިފެންޑަރު ޖެރާޑް ޕީކޭ އާއެކު، މި ސީޒަނުގައި ބާސާގެ ޑިފެންސް ލައިނުން އާންމުކޮށް ފެންނަމުންދަނީ އާޖެންޓީނާގެ ހާވިއާ މަޝަރާނޯ އާއި ސްޕެއިންގެ މާކް ބާޓްރާ އެވެ.

"ކްލަބަށް އެނގޭނެ އަހަރެންގެ ނިންމުން. ކްލަބު ދޫކޮށްލާކަން އިއުލާން ކުރުމުން، އޭގެ މާނައަކީ މިއަދު ކްލަބު ދޫކޮށްލަނީ އެކޭ ނޫން،" މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕުޔޯލް ބުންޏެވެ. "ޖޫން 30 އަށް ފަހު، އަހަރެންގެ ކުރިމަގެއް އަދި ނުނިންމަން. އޭރުން އަހަރެން އަރާމުކޮށް، ކުރިއަށް އޮތް ނިންމުން ނިންމާނަން."

ބާސާއާ އެކު އެންމެ ފަހުން ޕުޔޯލް އާކުރި ކޮންޓްރެކްޓް ހަމަވާނީ 2016 ވަނަ އަހަރު އެވެ. އެންމެންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ޕުޔޯލް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބާސާ ދޫކޮށްލަން ނިންމީ ފަހަކަށް އައިސް ދިމާވަމުން އަންނަ ފިޓްނަސްގެ މައްސަލަތަކާއި ހުރުމުން ކަމަށް އޭނާ ބުނެފައިވެ އެވެ.

"އަނިޔާގެ ސަބަބުން ކުރި ބޮޑު ދެ ސާޖަރީއަށް ފަހު ކުރީގެ ކުޅުމަށް އެނބުރި އަންނަން ދަތިތަކާއި ކުރިމަތިލާން ޖެހޭ. އަހަރެން ބާސާ ދޫކޮށްލަން މި ނިންމީ، މި ކަންތައްތަކުގެ ސަބަބުން." އޭނާ ބުންޏެވެ.

ބާސާގެ ޔޫތު ޓީމުން ސީނިއާ ޓީމަށް 1999 ވަނަ އަހަރު ކުޅެން ފެށި ޕުޔޯލް ވަނީ އެކްލަބަށް 600 މެޗާއި ގާތްކުރާ އަދަދަކަށް މެޗުތައް ކުޅެފަ އެވެ.