ވީޑިއޯ ގޭމް އުފައްދާ ކުންފުނި ސޮނީ ކޮމްޕިއުޓަރު އެންޓަޓެއިންމަންޓްގެ އެންމެ ފަހުގެ އުފެއްދުން ކަމުގައިވާ ޕްލޭ ސްޓޭޝަން 4 (ޕީއެސް 4) ޔުނިޓަށް ރާއްޖެއިން ލިބެމުންދާ ތަރުހީބު ބޮޑު ކަމުގައި ރީފްސައިޑުން ބުނެފި އެވެ.

ޕީއެސް 4 ވުޖޫދަށް އައިތާ ހަތަރު މަސް ދުވަހުގެ ތެރޭގައި މުޅި ދުނިޔެގައި 6 މިލިއަނަށް ވުރެ ގިނަ ޔުނިޓު ވަނީ ވިކިފަ އެވެ. ސޮނީގެ ޕީއެސް 4 ރާއްޖެ އެތެރެކޮށް، ރީފްސައިޑުން އެ ޕްރޮޑަކްޓް ވިއްކަން ފެށީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ފަހު ކޮޅު އެވެ.

ސަން އަށް މައުލޫމާތު ދެމުން ރީފްސައިޑުގެ މާކެޓިން އެގްޒެކެޓިވް އަހުމަދު އަހުސަން ވިދާޅުވީ، ޕީއެސް 4 ގެ ފުރަތަމަ ބެޗު އެ ފިހާރައަށް ގެނައިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވިކިފައިވާ ކަމަށެވެ.

"އެންމެ ފުރަތަމަ ގެނައި ބެޗުގައި ހިމެނެނީ 15 'ޕީއެސް 4' ޔުނިޓު،" އަހުސަން ވިދާޅުވި އެވެ. "އަޅުގަނޑުމެން ފުރަތަމަ ގެނައި ބެޗު، ޖެނުއަރީ މަހުގެ ކުރީކޮޅު ހުސް ވެގެންދިޔަ. އެއަށްފަހު ގެނައި ބެޗުގައި ހިމެނެނީ 16 ޔުނިޓު. މިހާރު އަޅުގަނޑުމެން ޕީއެސް 4 އެއް ވިއްކަނީ 11,900 ރުފިޔާ އަށް."

އެންމެ ފަހުން ޕީއެސް 4 ވިއްކަން ފެށުނު ޖަޕާނުން ވެސް 370,000 ޕީއެސް 4 ޔުނިޓު ވިކިފައިވެ އެވެ. މިދިޔަ މަހު 22 ވަނަ ދުވަހު ޖަޕާނުގައި ޕީއެސް 4 ވިއްކަން ފެށުނު އިރު، އެންމެ ފުރަތަމަ ވިއްކަން ފެށުނީ އުތުރު އެމެރިކާގަ އެވެ. އެ ސަރަހައްދުގައި ޕީއެސް 4 ގެ ޔުނިޓްތައް ވިއްކަން ފެށުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 15 ވަނަ ދުވަހު އެވެ.